“ފިނިފެންމާ“ ލޯންޗު ގޮއްވައިލުމުގެ ހާދިސާއަކީ ޑްރާމާއެއް ކަމަށްވާނަމަ އެ ޑްރާމާގެ ސްކްރިޕްޓް ލިޔުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީން އަވަހާރަކޮށްލުމަށް 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗު ގޮއްވައިލައިފައިވާއިރު އެ ހާދިސާއަކީ ޔާމީން ކުޅުއްވި ޑްރާމާއެއް ކަމަށް ޢަބްދުއްރަޙީމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި މިކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ޢަބްދުއްރަޙީމް މިހާރު ދައްކަވަނީ ކުރިން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށެވެ.
“ޢަބްދުއްރަޙީމް ވިދާޅުވެއްޖެ ފިނިފެންމާ ލޯންޗު ގޮއްވައިލަން އުޅުމަކީ ޑްރާމާއެކޭ. އެހެންވީމާ އަޅުގަނޑު ދަންނަވައިލަން އޮތީ އޭގެ ސްކްރިޕްޓް ލިޔެދީފައި އެ އޮތީ ޢަބްދުއްރަޙީމޭ“
ޔާމީން ވިދާޅުވީ މިހާރުގެ ހޯމް މިނިސްޓަރަކީ ފިނިފެންމާ ލޯންޗު ގޮއްވައިލި ހާދިސާ ތަހުގީގުކުރަން ނެގި ރިޔާސީ ކޮމިޝަނުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާ ކަމަށާއި މިހާރު އޭނާއަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެންމެ އިސް ބޭފުޅާ ކަމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިވަރުގެ ޣައިރުޒިންމާދާރު ވާހަކައެއް ވިދާޅުވީމާ އެއަށް ޖަވާބުދާރީ ވުމަކީ ނުވަތަ ނުވުމަކީ ތަހުޒީބީ އަމަލެއްތޯ ނޫނީ ނާތަހުޒީބީ އަމަލެއްތޯ ޔާމީން ވަނީ ސުވާލު ކުރައްވައިފައެވެ.
ޔާމީން އިތުރަށް ވިދާޅުވީ އެ ހާދިސާއަކީ އޭރު ހުންނެވި ނައިބު ރައީސް އަޙްމަދު އަދީބު ކުޅުއްވި ޑްރާމާއެއް ކަމަށެވެ.
ޖަޒުބާތުގައި ހުރެގެން ވާހަކަ ދައްކާއިރު ނުކުންނާނީ އެމީހެއްގެ އެތެރޭގައި ހުރި ވާހަކަތައްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ހިތްހަމަނުޖެހިގެން ވާހަކަ ދައްކަވާ ބޭފުޅުން އެބޭފުޅުންގެ އިންޖީނުގަނޑަށް ރެސްޓެއް ދޭންޖެހޭ ކަމަށާއި އެހެންނޫނީ ފަޟީހަތްވަނީ އެބޭފުޅުން ކަމަށެވެ.
ފޮޓޯ: މިހާރު