އިސްލާމީ އިލްމު ތަރުޖަމާކުރުމަށް އިސްލާމިކް މިނިސްޓްރީން ފެށި މަޝްރޫއުގެ ދަށުން، ފުރަތަމަ ފޮތް ތަރުޖަމާކޮށް ނިންމައި ޝާއިއުކޮށްފިއެވެ.
ފަޟީލަތުލް އުސްތާޛުު އައްދަކްތޫރުު ވަހްބަތުއް ޒުޙައިލީ ލިޔުއްވާފައިވާ ”އަލްޢަލާޤާތުއްދައުލިއްޔަތުުފިލްއިސްލާމް“ މި ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ.
“އިސްލާމްދީނުގައި ބައިނަލްއަޤްވާމީ ގުޅުންތައް“ ގެ ނަމުން ނަން ދީފައިވާ މި ފޮތުގައި ފުރަތަމަ ހިމަނާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބަސްފުޅެވެ.
ޑރ.ޝަހީމް ވިދާޅުވެފައިވަނީ އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ޙަޔާތުގެ އެންމެހައި ކަމެއް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ލައްވާފައިވާ މާތް ދީން ކަަމަށެވެ. އަދި އިސްލާމްދީނަކީ ޢަޤީދާއާއި އަޅުކަމާއި މުޢާމަލާތާއި އަޚުލާޤާއި ދަޢުވަތާއި ދައުލަތުގެ ދީން ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވެފައިވަނީ އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި މަސްއޫލިއްޔަތުު އުފުލާ ދައުލަތެއް އޮތުމަކީ މުހިންމު ކަމަކަށް ވާހިނދު، އެ ދައުލަތުން ވަށައިގެންވާ އެހެނިހެން ފަރާތްތަކާ ގުޅުން ދަމަހައްޓާނެ ޢަދުލުވެރި އުޞޫލުތައް ވެސް އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަމަށެވެ. މިގޮތުން ސިލްމާއި ސަލާމަތުގެ ޙާލަތުގައި ޢަމަލުކުރާނެ ގޮތްތަކާއި މުސްލިމުންނާއި ޣައިރުު މުސްލިމުންގެ މެދުގައި ގުޅުންތައް ދަމަހައްޓަންޖެހޭނެ ގޮތްތަކާއި މިފަދަ ކިތައްމެ ކަމެއް ކަނޑައެޅިފައިވާ ކަމަށެވެ.
ފަޟީލަތުލް އުސްތާޛުު އައްދަކްތޫރުު ވަހްބަތުއް ޒުޙައިލީ ލިޔުއްވާފައިވާ ”އަލްޢަލާޤާތުއްދައުލިއްޔަތުުފިލްއިސްލާމް“ މި ފޮތަކީ އިސްލާމީ ޝަރީޢަތުގެ ނަޒަރުން ބައިނަލްއަޤުވާމީ ގުޅުންތައް ޤާއިމުުކުރުމުގައި ކަނޑައެޅިފައި ހުރި އުޞޫލުތަކުގެ މައްޗަށް ލިޔުއްވާފައިވާ މުހިންމުު ޢިލްމީ ފޮތެއް ކަމަށާއި ދުޢާއަކީ، ކިޔަވާު ކުދިންނާއި އިސްލާމްދީނާު ގުޅުންހުރިު ދާއިރާތަކުން ދިރާސާކުރާ ފަރާތްތަކަށް މިފޮތުން ޢިލްމީ ފައިދާ މިންވަރުު ކުރެއްވުން ކަމަށް ވެސް ވަޒީރުގެ ބަަސްފުޅުގައިވެއެވެ.
“އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އެދުމުގެ މަތިން ކުރުު މުއްދަތެއްގެ ތެރޭގައި މި ފޮތް ދިވެހިބަހަށް ތަރުޖަމާކޮށްދެއްވި ކަމަށްޓަކައި އަލްއުސްތާޛުު އިބްރާހީމް ރަޝީދުު މޫސާއަށް ވަރަށް އިޚުލާޞްތެރިކަމާއެކުު ޝުކުރުު ދަންނަވަމެވެ.“ ވަޒީރުގެ ބަަސްފުޅުގައިވެއެވެ.
މި ފޮތް މިހާރު މިނިސްޓްރީގެ ލައިބްރަރީން
ޑައުންލޯޑް ކުރެވޭނެއެވެ. މި ފޮތުގައި ހިމެނެނީ މައިގަނޑު 7 ބައެވެ.