ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތް ހެދުމަށް, ދައުލަތުގެ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައި އެ ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން ކުންފުނިތަކުގައި މުވައްޒަފުންނަށް މިހާރު ދެމިތިބެވޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނީގެ ތެރެއިން އިތުރު ކޮރަޕްޝަން ހިންގުމުގެ ފުރުސަތު އެ މުވައްޒަފުންނަށް މަގުފަހިވާ ކަމަށެވެ.
އެހެންކަމުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަންތައްތައް ހުޓުވުމަށްޓަކައި އޭސީސީއަށް މިގޮތަށް ފާހަގަވެގެން ސަރުކާރަށް ހުށަހެޅޭ ކަންތައްތައް އަމަލީ ފިޔަވަޅު އެޅޭނެ ގޮތަށް ކުންފުނިތަކުން ހިއުމަން ރިސޯސް ޕޮލިސީއާ އެއްޗެހި ބަދަލުކުރުމަށް ކުންފުނިތަކަށް ނުވަތަ ސަރުކާރަށް އަންގަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ ކޮރަަޕްޝަނަށް ތުހުމަތުވާ މައްސަލައެއް އޭސީސީއަށް ހުށަހަޅައި ތަހުގީގަށް އެ މީހަކު ”ފްލެގުވާ“ ހިސާބުން ކޮމިޝަނުން ސަރުކާރަށް އެކަން އެންގުމުން އެ މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތަށް ވަޒީފާގެ އޮނިގަނޑު ބަދަލު ގެންނަން ޖެހޭ ކަމަށް ހުށަހަޅުއްވައިފައެވެ.
ނާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާއެވެ.
މި ހުށަހެޅުއްވުން ފާސްކުރީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.