ވެއްޓޭބައްޔަކީ ކޮބާ؟

Loading

Facebook
Twitter
WhatsApp

ވެއްޓޭބައްޔަކީ ސިކުނޑީގެ ބައްޔެކެވެ. މިއީ ތަކުރާރުކޮށް ފިޓްޖެހޭ ބައްޔެކެވެ. ފިޓް ޖެހުމަކީ ސިކުނޑީގެ ކަރަންޓް މަސައްކަތަށް އަންނަ ބަދަލެއްގެ ސަބަބުން ކުއްލިއަކަށް އުޅުމަށް ނޫނީ ބިހޭވިއަރ އަށް ބަދަލެއް އައުމެވެ. އާންމު ގޮތެއްގައި ސިކުނޑިން އޭގެ މަސައްކަތް ފުރިހަމަކުރުމުގެ ތެރެއިން ވަކި ތަރުތީބަކުން ކުދި ކަރަންޓް ސިގުނަލްތައް އުފައްދަމުން ގެންދާނެއެވެ. މިކަރަންޓް ސިގުނަލް ތައް ދަތުރުކުރަނީ ސިކުނޑީގެ ނާރު ސެލް ތަކުގެ ވިއުގަ އިން އުފެދިފައިވާ ނިއުރޯން ތަކުގެ މެދުގައެވެ. އަދި މުޅި ހަށިގަނޑުގައި މިފަދަ ކަރަންޓް ސިގުނަލްތައް ދަތުރުކުރަނީ ނުވަތަ ސިކުނޑިން ހަށިގަނޑަށް އެކިކަންކަން ފުރިހަމަ ކުރުމުގައި މިފަދަ ކަރަންޓް ސިގުނަލްތައް ފޮނުވަނީ ސިކުނޑިން އުފައްދާ ކެމިކަލް މެސެންޖަރުތައް ކަމުގައިވާ ނިއުރޯޓްރާންސްމިޓަރު ތައް ބޭނުންކޮށްގެންނެވެ.

ވެއްޓޭބައްޔަކީ ނިއުރޮލޮޖިކަލް ޑިސްއޯޑަރ އެކެވެ. ކޮންމެ އުމުރެއްގެ ކޮންމެ ޖިންސެއްގެ އަދި ކޮންމެ ނަސްލެއްގެ މީހަކަށް ވެސް ވެއްޓޭބަލި ޖެހިދާނެ އެވެ. ވެއްޓޭބަލީގެ އަލާމާތްތައް އެކި މީހުންނަށް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވ. ބައެއް މީހުންނަށް ފިޓުޖެހޭ ވަގުތު ހަމައެކަނި ލޯ ކަޅިއަޅައިގެން އިނދެފާނެ އެވެ. އަނެއްބައި މީހުންނަށް އަތްފަޔަށް ބާރުގަނޑެއް އަރައިފާނެއެވެ. އެންމެ ފަހަރަކު ފިޓުޖެހުން އޭގެ މާނައަކީ އަދި އެމީހެއްގެ ވެއްޓޭބައްޔެއް ހުރުމެއް ނޫނެވެ. ވެއްޓޭބަލި ކަމަށް ބެލެވެނީ އެންމެ މަދުވެގެން 24 ގަޑިއިރުގެ ދުރުމިނެއްގެ ތެރޭގައި މަދުވެގެން 2 ފަހަރު ވަކި ސަބަބެއް ބަޔާންކުރަން ނޭނގި ފިޓުޖެހުން ކުރިމަތިވެއްޖެ ނަމައެވެ.

ވެއްޓޭބަލީ ގައި ސިކުނޑީގެ ކަރަންޓް ވިންދުތަކުގެ ހަމަހަމަކަން ގެއްލުމުގެ ފުރުޞަތު އޮވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދޭތެރެ ދޭތެރެއިން ފިޓްޖެހޭގޮތް ވެއެވެ. ފިޓުޖެހޭ މީހުންގެ ސިކުނޑީގެ ކަރަންޓް ހަކަތަ އަށް އަންނަ ބަދަލުގެ ސަބަބުން ސިކުނޑީގެ ތަބީޢީ ކަރަންޓް މަސައްކަތަށް ބުރޫއަރައެވެ. މިހެންވުމުން އެމީހެއްގެ ހަރަކާތް، އިހުސާސް، އަދި ހޭވެރިކަން ފަދަ ކަންކަމަށް އަސަރު ކުރެއެވެ.

ވެއްޓޭބަލި ކަމަށް ބަލަނީ އާންމުކޮށް ޞިއްޙީ ހާލަތެއް މެދުވެރިވުމަކާއި ނުލައި، މަދުވެގެން ދެފަހަރު ފިޓްޖެހުން ކުރިމަތިވި ނަމައެވެ. ފިޓްޖެހުން މެދުވެރިވެދާނެ ހާލަތްތަކުގެ ތެރޭގައި އާންމުކޮށް ބަނގުރާ ބޮމުން އައި މީހަކު، ބަނގުރާ ބުއިން ހުއްޓާލުން، އަދި ލޭގެ ހަކުރުގެ މިންވަރު ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ފިޓުޖެހުން ފެށިގެން އައީ ސިކުނޑީގެ ވަކި ހިސާބަކަށް އައި ބަދަލަކުން ކަމުގައިވާނަމަ، އެންމެ ފުރަތަމަ ފެންނަ އަލާމާތްތައް ގުޅުވޭނީ އެ ފިޓް ޖެހުން ފެށިގެން އައި ހިސާބަކުން ކުރާ މަސައްކަތްތަކަށެވެ. އާންމު ގޮތެއްގައި ސިކުނޑީގެ ކަނާތް ފަރާތުން ކޮންޓްރޯލްކުރާނީ ހަށިގަނޑުގެ ވާތް ފަރާތުގެ މަސައްކަތްތަކެވެ. އަދި ވާތް ފަރާތުން ކޮންޓްރޯލްކުރާނީ ހަށިގަނޑުގެ ކަނާތް ފަރާތުގެ މަސައްކަތްތަކެވެ. މިސާލަކަށް ފިޓުޖެހުން ފެށިގެން އައީ ސިކުނޑީގެ ކަނާތް ފަރާތުން، އަތުގެ ބޮޑުވައި އިގިލީގެ ހަރަކާތް ކޮންޓްރޯލް ކުރާ ހިސާބުން ކަމުގައިވާނަމަ، ފިޓުޖެހުމުގެ އަސަރު ފާޅުވާނީ ވާތް ފަރާތުގެ އަތްތިލައިން ނުވަތަ އަތުގެ ބޮޑުވައި އިގިލިންނެވެ.

އުމުރުން ދުވަސްވާވަރަކަށް ސްޓްރޯކްޖެހުން، ސިކުނޑީގައި ޓިއުމަރު އުފެދުން އަދި އަލްޒައިމާ ބަލި ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. މިހުރިހާ ކަމަކީ ވެސް ވެއްޓޭބަލި މެދުވެރި ކުރުވައިފާނެ ހާލަތްތަކެވެ. އަންހެނުންނަށްވުރެ ފިރިހެނުންނަށް ވެއްޓޭބަލި ޖެހޭ މިންވަރު އިތުރެވެ. ވިރާސީ ބަހާއެއްގެ ސަބަބުން (ވާރުތަވުމުގެ ސަބަބުން) ނޫނީ އެއްވެސް ސަބަބެއް ބުނެދޭން ނޭނގި ވެއްޓޭބަލި ކުރިމަތިވުމުގެ ފުރުޞަތު ކުޑަކުދިންނާއި، ފުރާވަރު ކުދިންގެ މެދުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. ސިކުނޑިއަށް ލިބޭ އަނިޔާ، ނޫނީ އިންފެކްޝަން ޖެހުމުގެ ސަބަބުން ވެއްޓޭބަލި ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކުރިމަތިވެދާނެ އެވެ.

އެކިއުމުރުގެ މީހުންނަށް ވެއްޓޭބަލި ފެށިގެން އަންނަ ގޮތް ނޫނީ ސަބަބުތައް ތަފާތެވެ. ނަމަވެސް ހޯދިފައިވާ ހަގީގަތަކީ ވަކި އުމުރަކަށް ރިޢާޔަތްކުރުމެއްނެތި، ވެއްޓޭބަލި ކުރިމަތިވާ މީހުންގެ ތެރެއިން ½ މީހުންނަށް އެކަން ކުރިމަތިވާ ސަބަބު ނުހޯދޭ ކަމެވެ. ކުޑަކުއްޖަކު އުފަންވާއިރު ފަހަރުގައި އޭނާގެ ސިކުނޑީގެ އޮނިގަނޑުގައި އުފެދުމުގައި ޢައިބެއް ހުރެދާނެ އެވެ. ނޫނީ ސިކުނޑިއަށް އަނިޔާއެއް ލިބިދާނެއެވެ. ނޫނީ ސިކުނޑީގައި އިންފެކްޝަން އަށަގެންފާނެއެވެ. މިއިން ކޮންމެ ކަމަކީ ވެއްޓޭބަލި މެދުވެރިކުރުވައިފާނެ ކަންތައްތަކެވެ. ޒުވާނުންނަށް ވެއްޓޭބަލި މެދުވެރިވާ އެންމެ އާންމު ސަބަބަކީ ބޮލަށް ނޫނީ ސިކުނޑިއަށް އަނިޔާވުމެވެ. މެދުއުމުރުގެ މީހުންނަށް ވެއްޓޭބަލި އެންމެ އާންމުކޮށް ކުރިމަތިވަނީ ސްޓްރޯކްޖެހުން، ސިކުނޑީގެ ޓިއުމަރު އަދި ބޮލަށް ލިބޭ އަނިޔާތަކުގެ ސަބަބުންނެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށް ވެއްޓޭބަލި އެންމެ އާންމުކޮށް ކުރިމަތިވަނީ ސްޓްރޯކް ޖެހުމުގެ ސަބަބުންނެވެ. ދެން އެއަށްފަހު އަލްޒައިމާ ބަލީގެ ސަބަބުންނެވެ.

ދުނިޔޭގެ 4 ވަނަ އަށް އެންމެ އާންމު ނިއުރޮލޮޖިކަލް ޑިސްއޯޑަރ އަކީ ވެއްޓޭ ބައްޔެވެ. ދުނިޔޭގެ އާބާދީގެ 50 މިލިޔަން މީހުންނަށް ކޮންމެވެސް އިރެއްގައ ފިޓުޖެހުނުކަން ހޯދިފައި ވެއެވެ. އަދި އާބާދީގެ%10 މީހުންނަށް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ފިޓުޖެހުން ކުރިމަތިވާކަމަށް ހޯދިފައި ވެއެވެ. ދުނިޔޭގެ އާބާދީގެ 15 އަހަރުން ދަށުގެ 3 މިލިޔަން ކުދިންނަށް ފިޓުޖެހުން ކުރިމަތި ވެއެވެ. އޭގެ ތެރެއިން 9 ލައްކަ ކުދިންނަށް ކުރިމަތިވާ ފިޓުޖެހުމަށް އެކަށޭނަ ގޮތުގައި ފަރުވާއެއް ނުދެވެއެވެ. ރިޕޯޓްތައް ދައްކާގޮތުގައި އުމުރުން 65 އަހަރުން މަތީ އާބާދީގެ 570 ހާސް މީހުންނަށް ވެއްޓޭބަލި ކުރިމަތި ވެފައި ވެއެވެ. ބޭރުގެ ބައެއް މުއައްސަސާތަކުން ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި ވެއްޓޭ ބަލި ހުންނަ މީހުންގެ ތެރެއިން %20 މީހުންނަށް ކުރިމަތިވާ ފިޓުޖެހުން ފަރުވާއަކަށް ނުގުޑައެވެ. ނޫނީ އިޖާބައެއް ނުދެއެވެ. 

Loading

One Response

  1. ވަރަށް ރަނގަޅު ލިޔުމެއް. މިކަހަލަ ބޭނުންތެރި ލިޔުން ގިނަކޮށްދެއްވުން އެދެމެވެ. ކޫސަނި ފަނިފޮކްސަރު ދިވެހި ހޮޅި ޚަބަރު މަދުކުރައްވާށެވެ. ސަންދާނުގެ ބައިވެރިޔެއް އަޅުގަނޑަކީ. މަރުޙަބާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް