ޙިޒްބުﷲއިން އެމީހުންގެ ވަރުގަދަ އެލައިއަށްވުރެ އަވަހަށް ބަދަލުހިފުމުގެ ރޭވުންތައް ކުރިއަށް ގެންދަން ނިންމާ ކުރިއަށް އޮތް ދުވަސްތަކުގައި އިސްރާއީލަށް ހަމަލާދޭން ބަލަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ތެހެރާނާއި ބެއިރޫތުގައި ތިއްބެވި ދެ އިސް ކޮމާންޑަރުން މަރާލުމާ ގުޅިގެން އީރާނާއި ޙިޒްބުﷲއިން ބަދަލުހިފަން ތައްޔާރުވަމުންދާއިރު، އިސްރާއީލުން މި ހަފްތާގައި ޣައްޒާގައި ހަމަލާތައް ހަރުކަށިކޮށްފައި ވެއެވެ. ހުކުރު ދުވަހު ޓޭންކުތައް އަލުން ޚާން ޔޫނިސް ސިޓީއަށް ވަދެފައިވެއެވެ
މެދުއިރުމަތީގައި ހަނގުރާމަ ފެށިދާނެ ކަމުގެ ބިރު ހީވެފައި ވާއިރު ޙިޒްބުﷲއާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ހިނގައިފިނަމަ، ލުބުނާނަށް ބޭނުންވާ އެހީގެ ކުޑަ މިންވަރެއް ވެސް ހޯދުމަށް ދަތިވާނެ ކަމަށް ލުބުނާނުގެ އިސް ވަޒީރަކު ކަމުގައިވާ ކުއްލި ހާލަތުގެ ރޭވުންތައް ބަލަހައްޓާ ވަޒީރު ނާސިރު ޔާސިން ވަނީ އިންޒާރު ދީފައެވެ.
ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ ލުބުނާނުން އެދިފައިވާ 74 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން ލިބިފައި ވަނީ އޭގެ ތިންބައިކުޅަ އެއްބައެވެ. ނަމަވެސް ހަނގުރާމައެއް ހިނގައިފިނަމަ، ހިޔާވަހިކަމާއި، ކާބޯތަކެއްޗާއި، ޞިއްޙީ ފަރުވާއާއި އެހެނިހެން ބޭނުންތަކަށް ކޮންމެ މަހަކު 100 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވަޒީރު ނާސިރު ޔާސިން ވަނީ ވިދާޅުވެފައެވެ.
މިއާއެކު، އިސްރާއީލުގެ ސިފައިންގެ އަމުރަކާ ގުޅިގެން ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ބައެއް ސަރަޙައްދުތަކުން އާއިލާތައް ފިލަމުންދާއިރު، ޣައްޒާގައި ހަނގުރާމަ ގަދަވެފައި ވެއެވެ. ޣައްޒާ ސިޓީގައި، އުތުރު ޣައްޒާގައި ހާލުގައި ޖެހުނު މީހުންނަށް ހިޔާވަހިކަން ދިނުމަށް ބޭނުންކުރަމުންދިޔަ ދެ ސްކޫލަކަށް އިސްރާއީލުން ބޮން އެޅުމުން 15 މީހުން މަރުވެފައިވާ ކަމަށް ފަލަސްޠީނު ސިވިލް ޑިފެންސްއިން ބުނެފައިވެއެވެ. އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނީ މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ސްކޫލު ކޮމްޕައުންޑުތަކުގައި ހުރި ހަމާސްގެ ”ކޮމާންޑް-އެންޑް-ކޮންޓްރޯލް ސެންޓަރުތައް“ ހަލާކު ކުރުމަށް ކަމަށެވެ.