މޮރިޝަސް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރި ދަރިވަރު އަލްޔަސަޢު ބިން ޒަމްޒަމް މުޅި ޤުރްއާން އެއްކޮށް ނުބަލައި ކިޔެވުމުގެ ބައިން 3 ވަނަ ހާސިލުކޮށްފިއެވެ.
މޮރިޝަސް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރި އަލްޔަސަޢު ބިން ޒަމްޒަމް މިހާރު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.
މޮރިޝަސް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކޮށް މުބާރާތުގައި މުޅި ޤުރްއާން އެއްކޮށް ނުބަލާ ކިޔެވުމުގެ ބައިން އަލްޔަސަޢު 3 ވަނަ ހާސިލުކުރުމުން އެކަން ފާހަގަކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ވަނީ ޕޯސްޓެއް ވެސް ކުރައްވައިފައެވެ.
މި ސަރުކާރުގެ އަމާޒަކީ ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ރިވެތި އަޚުލާގުގެ މައްޗަށް ތަރުބިއްޔަތުވާ ޖީލެއް ބިނާ ކުރުމަށް މަސައްކަތް ކުރުމެވެ.
އަދި ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ބާރުއެޅުމުގެ ގޮތުން
ޤުރްއާން ހިތުދަސްކުރާ ދަރިވަރުން ޢުމްރާގެ މަތިވެރި އަޅުކަމަށް ފޮނުވުމުގެ މަޝްރޫއުއެއް ފަށަން ހަމަޖެހިފައިވާކަމަށް ވަޒީރު ޑރ. ޝަހީމް ވަނީ އިއުލާނު ކުރައްވައިފައެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މަޝްރޫއު ފެށްޓެވުމުގެ ގޮތުން ފުވައްމުލަކުން ޤުރުއާން ހިތުދަސްކުރި 7 ދަރިވަރަކު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި އަންނަ އަހަރުން ފެށިގެން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަހަކު ތިން ފޮތަށް ވުރެ ގިނައިން ހިތުދަސްކުރާ ކުދީންނަށް ޕޮކެޓު މަނީއެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.