އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ފުރައްސާރަކޮށް ފަތުރަމުން ގެންދަނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަަމަށް ބުނެ, އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް, ސަރުކާރު ހިންގާ ޕީއެންސީން ރޭ ބަޔާނެއް ނެރެފިއެވެ.
ޕީއެންސީއިން ޑރ. ޝަހީމްގެ ދިފާއުގައި ބަޔާނެއް ނެރުނީ “ހަސަން ކުރުސީ“ ގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން, ޑރ. ޝަހީމް ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެޑިޓްކޮށްގެން ހަދާފައިވާ ފޭކް ވީޑިއޯއެއް އާންމުކޮށް އެކި ކަންކަމުގައި އެމަނިކުފާނަށް ފާޑުކިޔަމުންދާތީއެވެ.
މި ކަންކަން ކުށްވެެރިކޮށް ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ޝޯޝަލް މީޑިއާގެ އިތުރުން ބައެއް މީޑިއާތަކުގައި ޑރ. ޝަހީމާ ގުޅުވައިގެން ފަތުރާފައިވާ ވާހަކަތަކަކީ އެމަނިކުފާނުގެ އަބުރު ނަގާލުމުގެ ބޭނުމުގައި ފަތުރާ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ކީރިތި ގުރުއާން ހިތުދަސް ކުރައްވައިފައިވާ ޑރ. ޝަހީމަކީ ފުރުއްސާރަކޮށް ހަގީގަތާ ހިލާފު ދޮގު އިލްޒާމުތަކުން ފަހަތަށް ޖެހޭނެ ބޭފުޅެއް ނޫން ކަމަށާއި އެއީ ދީނީ އިލްމު ދެނެވަޑައިގެން ހުންނެވި އަޒުމު ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ޑރ. ޝަހީމަކީ އިސްލާމީ ދުނިޔޭގައި ވެސް ނަން ހިންގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އެމަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކުރަމުން ގެންދާ ހުލްގު ހެޔޮ ދީނީ ލީޑަރެއްގެ ގޮތުގައި ބަޔާނުގައި ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމަށް ޑރ. ޝަހީމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޕީއެންސީން ނުހަނު ފަހުރުވެރިވާކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.