ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ އޮގަސްޓު 6 ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި މިކަން ހަމަޖެއްސެވިކަން އަންގަވާފައިވަނީ ރައީސް އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
ރައީސް އޮފީހުން ބުނީ ރައީސް މިގޮތަށް ހަމަޖެއްސެވީ، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމާގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުން ލަފާ އެރުވުމުން ކަމަށެވެ.
މީގެކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީ ހިނގަމުން އައީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުންނެވެ.