1948 ވަނައަހަރު އިސްރާއީލޭ ކިއުނު މިހާރުގެ ޓެރަރިސްޓް ގައުމު ވުޖޫދު ކުރެވުމަށްފަހު މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންގެ ނިދި ގެއްލިގެން ހިނގައްޖެ ކަހަލައެވެ. ނުވަތަ އެކަހަލަ މަންޒަރު ތަކެއް ސިފަކުރެވެން ފެށިއްޖެކަމުގައި ބުނެވިދާނެއެވެ.
އިސްރާއީލުގެ ވަކިތަކުން ފަލަސްތީނު މިނިވަން ކުރުމުގެ ނަމުގައި ހަނގުރާމަތައް ކުރެވިގެންދިޔަތަން ފެނުނެވެ. ކޮންމެ ހަނގުރާމައެއް ނިމިގެންދިޔައީ އަރަބިންގެ އިތުރު ބިންތައް އިސްރާއީލަށް ލިބެމުންނެވެ. އަރަބިންގެ ލަޝްކަރު ތަކުގައި މުގޫ ލާފައި އޮތް ކޮރަޕްޝަނާ ފަސާދައިގެ ސަބަބުންނެވެ.
ގެއްލިގެންދިޔައީ މިސްރާއި ޖޯރޑްން އާއި ސީރިޔާއާއި ލެބަނަންގެ ބިންތަކެވެ. ބައިނަލް އަގްވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގާ ހިފާ ބިންތަކަކީ އިސްރާއީލުން ފިޔަވައި އެހެން އެއްވެސް ގައުމަކަށް މިލްކު ކުރެވޭނެ ގޮތެއް ނޯވެއެވެ.
އެހެނަސް އިސްރާއީލަށް އެމެރިކާ މިނެއް ހައްދެއްނެތި ބާރު ލިބިދޭތީވެ ބައިނަލް އަގްވާމީ ގާނޫނުތައް ތަންފީޒު ކުރެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ. ބައިނަލް އަގްވާމީ އެންމެ މަތީ އިދާރާއިން އިސްރާއިލާ ދެކޮޅަށް އެއްވެސް ގަރާރެއް ފާސްކުރެވުނު ނަމަވެސް ތަންފީޒް ނުކުރެވޭތީއެވެ. އެމެރިކާއަށް ލިބިފައި އޮންނަ ވީޓޯ ކުރުމުގެ ބާރުގެ ސަބަބުންނެވެ.
1994 ވަނައަހަރުގެ އޯގަސްޓްމަހުގެ 3 ވަނަ ދުވަހަކީ ޖޯރޑްންގެ ތާރީޚުގައި ވަރަށް ޚާއްސަ ދުވަހެކެވެ. ޖޯރޑްންގެ ރަސްގެފާނު ޙުސައިން ބިން ތަލާލު އެމަނިކުފާނުގެ ޝާހީ ފްލައީޓްގައި އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވެދެވަޑައިގަތީ އެދުވަހު އެވެ. އިސްރާއީލުގެ ވައިގެ ސަރަހައްދަށް ހުއްދަ ލިބިގެން ވަން ފުރަތަމަ އަރަބިދުނިޔޭގެ އެއަރކްރާފްޓަކަށް ކިންގް ހުސައިންގެ ޝާހީ ޖެޓް ވެގެންދިޔައެވެ. އަދި އެއަށްފަހު ޖޯރޑްންގެ ފްލައިޓްތަކަށް ޒައަނިސްޓް އިސްރާއީލުގެ އެއަރޕޯރޓްތައް ހުޅުވާލެވުނެވެ.
ކިންގް ހުސައިންގެ ރޯޔަލް ޖެޓް ގެ އެސްކޯޓުގައި އިސްރާއީލުގެ 2 ފައިޓަރ ޖެޓް އުދުހެމުން ދިޔައެވެ. ކިންގް ހުސައިންގެ ރޯޔަލް ޖެޓް ލޮކްހީޑް އެލް-1011 ޓްރައިސްޓަރ ގައި އިންނަވައި އިސްރާއީލުގެ ބޮޑުވަޒީރު ޔިޒްހަކް ރަބިން އާއި އެކު 5 މިނިޓްވަންދެން ފޯނުން ވާހަކަފުޅު ދެއްކެވި ކަމަށް ވެއެވެ.
ރޯޔަލް ފްލައިޓް ލަންޑަނުން އަންމާނަށް ކުރި އެ ދަތުރުގައި 1000 ފޫޓު ތިރިން ބައިތުލް މަގްދިސް މަތިން ބުރު ޖައްސަވާލެއްވިއެވެ. އެއަށްފަހު އިސްރާއީލާއި ޖޯރޑްންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ގާތް އެކުވެރިކަމަކަށް ބަދަލު ވަމުންނެވެ.
ދެ ގައުމު ވަކިކުރަން ޖަހާފައި ހުރި ފެންސްތަކުގެ ބޭނުންނެތިގެން ދަމާކޫއްތާފައި ނަގާ ހޫރާލެވިގެންދިޔަތަން ފެނުނެވެ. ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ޖޯރޑްންގެ ބިންތައް އިސްރާއީލުގެ ރުހުމުގައި ޖޯރޑްންއަށް ދީފިއެވެ.
1948 ވަނަ އަހަރު އިސްރާއީލު އުފަންވީއްސުރެން އެ ދުވަހުގެ ކުރިން އަރަބިންގެ އެއްވެސް ގައުމަކުން މިލިޓްރީ އަދި ސިވިލް އެއަރކްރާފްޓެއް ނަމަވެސް އިސްރާއީލުގެ އެއާރޕޯރޓަކަށް ޖައްސާފައެއް ނުވެއެވެ.
އިސްރާއީލާއި ޖޯރޑްންގެ މިއަދުގެ ގުޅުމާއި ރަޙްމަތްތެރިކަން އަންދާޒާ ކޮށްލަން އަޅުގަނޑު ދޫކޮށްލާނީ ކިއުންތެރިންނަށެވެ. ފަލަސްތީނުގައި ގަތުލުއާންމު ހިންގަމުންދާއިރު ޙަޝްމަތީ ޢާއިލާއީ ތިމަންނަަމެނޭ ބުނެ ރޯޔަލް ރަސްކަލަކަށްވެ ހުންނަވާ ޔަހޫދީ ޒައަނިސްޓުން މުސްލިމުން ދިރިތިއްބާ އަނަދާ ވަޅުލާ މަރަމުންދާއިރު ރޯޔަލް ކިންގްއަށް ކުރެއްވޭނެ ކަމެއް ނެތެވެ.
ނުވިތާކަށް އިސްރާޢީލަށް އެއްވެސް ފަރާތަކުން ޙަމަލައެއް އަންނަ ނަމަ އިސްރާޢީލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އަޅަން ޖެހޭ ކޮންމެ ފިޔަވަލެއްވެސް އަޅާނެ ކަމަށް އިއްޔެވެސް އެވަނީ ޖޯޑުންއިން އީރާނަށް އަންގާފައެވެ.