ރައީސް ބައިޑްން ނިދީގައި ހިންގަވަމުން ހަނގުރާމައަކާ ދިމާލަށް

Loading

Facebook
Twitter
WhatsApp

މިދިޔަ ހަފުތާއަކީ މެދުއިރުމަތީގައި ބަނަވެފައި އޮތް ހަނގުރާމައިގެ ވިލާގަނޑުން އަލިފާނުގެ ހުޅުން ވާރޭ ވެހުނު ހަފުތާއެއްކަމަށް ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.


އިސްރާއީލުން ގަދަކަމުން ވެރިވެގެންފައިވާ ސީރިޔާގެ ގޯލާންގެ އުސްބިންތަކުގައި ފުޓްބޯޅަ ކުޅެންތިބި ބަޔަކަށް ހޮނިހިރު ދުވަހު އަމާޒުވިކަމަށް ބުނާ ހިޒްބު ﷲ ގެ ޙަމަލާއެއްގައި އެތަނުން 12 ކުދިން މަރުވުމާއި އޭގެ ރައްދުގައި އަންގާރަދުވަހުގެ ރޭގަނޑު އިސްރާއީލުން ދިން ރޮކެޓް ހަމަލާއެއްގައި ހިޒްބު ﷲ ގެ ކޮމާންޑަރ ފުއާދު ޝުކުރު އާއި އަދި ކުޑަ 2 ކުދިން ވަނީ ޝަހީދުވެފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އިސްރާއީލުން ދިން ޙަމަލާއެއްގައި ޙަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ވަނީ އީރާނުގައި ޝަހީދު ކޮށްލާފައެވެ.                                         

ފުއާދު ޝުކުރ އާއި އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލި ރޭގައި އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން އިރާގުގައި ދިރިއުޅޭ މުޖާހިދުންގެ އަމާޒުތަކަށް ބޮމުގެ ވާރޭއެއް ވަނީ އޮއްސާލާފައެވެ. އެ ޙަމަލާގައި 4 ހަނގުރާމަ ވެރިން ވަނީ ޝަހީދުކޮށްލާފައެވެ. 

މިފަހަރު އެމެރިކާގެ ބަހަނާއަކީ އިރާގުގެ މުޖާހިދުން އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ ވަސީލަތްތަކަށް ޙަމަލާދޭން ރާވަމުން ގެންދިއުމެވެ. އެމެރިކާގެ މި ބަހަނާ މިހާތަނަށް އެއްވެސް މީޑިއާއަކަށް ކަށަވަރު ކުރެވިފައެއް ނެތެވެ. އެމެރިކާއަށް އެއީ ކަންބޮޑުވާނެ ކަމަކަށްވެސް ނުވާނެއެވެ. 

މި ޙަމަލާތައް ދެމުން ގެންދިޔައިރުވެސް ރައީސް ބައިޑް އިސްރާއީލަށް ޔަގީންކަން ދެމުން ގެންދިއަ ކަމަށް މީޑިއާ ތަކުގައި ބުނެފައިވަނީ އެމެރިކާއިން އިސްރާއީލު ދިފާޢުކުރާނެ ކަމަށެވެ.                                 

އިސްރާއީލުގެ މި ޢުދުވާނުގެ ބަދަލު ހިތިގޮތަކަށް ހިއްޕަވާނެ ކަމަށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އާއި ޙިޒްބު ﷲ ގެ ލީޑަރ ސައްޔިދު ޙަސަން ނަސްރު ﷲ ވަނީ ވަޢުދުވެ ވަޑައިގެންފައެވެ.           

މެދުއިރުމަތީގެ ޙާލަތު ބަދަލުވަމުން ދާގޮތް ދިރާސާ ކުރައްވަމުން ގެންދަވާ ބައިނަލް އަގްވާމީ ގޮތުން ފުންނާބު އުސް ބޭފުޅުންގެ ދުރުމިތަކަށް މީގެ ކުރިން ނުފެންނަ ޙަގީގަތްތަކެއް ތިލަކުރެވެމުން މިހާރު އެބަދެއެވެ.          

މަޢުލޫމާތު ވަރަށް ރަނގަޅަށް އެނގޭ ފަރާތަކުން މައްސަލައިގެ ޙައްސާސު ކަމަށް ބަލައި ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް ޖެރޫސަލަމް ޕޯސްޓަށް ކިޔާދީފައިވަނީ އިސްމާޢީލް ހަނިއްޔާ ގަތަރުގައި ހުންނަވަނިކޮށް ޝަހީދުކޮށްލަން އިސްރާއީލުން ބޭނުން ނުވީ ސަބަބުތަކަކާއި ހުރެއެވެ. 

ތެހެރާނުގައި އީރާނުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ހުންނަވަނިކޮށް އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމަކީ އިސްރާއީލުން މާކުރިއްސުރެން ރާވާފައި އޮތް ޖަރީމާއެކެވެ. ބޭނުމަކީ އީރާނުގެ އިންޓެލިޖެންސާއި ސެކިއުރިޓީ ސިސްޓަމްގެ ދޯހަޅިކަން ދުނިޔެއަށް ބޭޒާރު ކޮށްލުމެވެ. އެހެންގޮތަކަށް ބުނާނަމަ އިސްރާއީލް- ޙަމާސްގެ ހަނގުރާމައަކީ އީރާނާއި އެމެރިކާގެ ބައިވެރިންގެ ހަނގުރާމައަކަށް ހެދުމަށް ފުރުސަތު ހުޅުވާލުމެވެ. 

އިސްރާއީލުގެ މި ރޭވުމަކީ 2023 ވަނައަހަރު އޮކްޓޯބަރ މަހުގެ މާ ކުރީގެ ވިސްނުމެކެވެ. އިސްރާއީލު ސަރުކާރާއި އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒުން ސިމިއުލޭޓަރގެ ވަސީލަތް ބޭނުންކޮށްގެން 2023 ޖުލައިގައި އިސްރޭއީލުގެ މި ރޭވުން ވަނީ ތަމްސީލު ކޮށްދީފައެވެ. 

އިސްރާއީލުގެ ހާރެޒް ނިއުސް ޕޭޕަރުންވެސް ބުނެފައިވަނީ ސިމިއުލޭޓަރގެ ޑްރާމާގައި އިސްރާއީލާއި އެމެރިކާއާއި ޔޫރަޕްގެ ވަރަށްގިނަ ސިޔާސީ ބޭފުޅުންނާއި އަދި އިސް ކޮމާންޑަރުން ތަމްސީލު ކުރުވާފައި ވާނެކަމަށެވެ.       

މި ނުރައްކާތެރި ނިރުބަވެރި ރޭވުން ފެށިގެން އަންނަނީ ތެހެރާނުގައި އިސްރާއީލުން ހިންގާނެ ގައުމެއްގެ ވެރިޔަކު މަރާލުމުގެ ( އެސެސިނޭޝަން ) ޙަރަކާތަކުންނެވެ. ނަތީޖާއަކަށް ވެގެންދާނެކަމަށް ބަލާފައިވަނީ ޙިޒްބު ﷲ އާއި އިރާގުގެ މުޖާހިދުންގެ ރުޅިވެރިކަން ހައްދުންނެއްޓި އިސްރާއީލަށް ޙަމަލާދޭން ފެށުމެވެ. އަދި އެންމެފަހުން އެމެރިކާއިން ސިދާ އީރާނަށް ޙަމަލާދީ އެމެރިކާއާއި އީރާނުން ހަނގުރާމައެއް ފެށުމެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި އީރާނު ބަލިވުމުން އެއީ އިސްރާއީލުން ބޭނުންވާ ނަތީޖާކަމަށް ބަލަމުން ގެންދާތީއެވެ.       

މީގެ އެތަކެއް އަހަރުދުވަސް ކުރިއްސުރެން އިސްރާއީލުގެ ބޮޑުވަޒީރު ގެންދަނީ އީރާނަކީ ހުރިހާ ނުބައެއް ފަތުރަމުން ގެންދާ ބޯވައެކޭ ބުނެ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ވަސީލަތްތައް ނެތިކޮށްލުމަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. 

މި ވިސްނުމުން ބަލާއިރު އިސްރާއީލަކީ ދުނިޔެއަށް ކުރިމަތިވެފާއޮތް ކެންސަރެއްކަމަށާއި އެއިން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކީ ކެންސަރު ނަގާފައި އެއްލުންކަމަށް އީރާނުގެ ސުޕްރީމް ލީޑަރ އަލީ ޚާމަނާއި ވިދާޅުވުން އިންސާފުވެރި ކަމަށް ބެލެވިދާނެ އެވެ.                                   

2023 އޮކްޓޯބަރ 7 ގައި ފަލަސްތީނުގެ މުޖާހިދު ހަމާސްއިން އިސްރާއީލަށް އަރައިގަތުން ވެގެންދިޔައީ އިސްރާއީލުން ބޭނުންވި ގޮތް ކަމަށެވެ. 

ބައެއް މީޑިއާތަކުގައި ޙަމާސްގެ ކުއްލި އަރައިގަތުން އިސްރާއީލުގެ ސެކިއުރިޓީ ސިސްޓަމަށް ފާހަގަ ނުކުރެވު ސަބަބާ ދޭތެރޭ ސުވާލު އުފެއްދިއެވެ. އިސްރާއީލުގެ ގިނަ ރައްޔިތުންވެސް ސަރުކާރުގެ ސެކިއުރިޓީ ސިސްޓަމް ފޭލިވެފައިވާ ކަމަށްބުނެ ބޮޑުވަޒީރު ނަތަންޔާހޫއާ ދިމާލަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ހަގީގަތަކީ އެއީ އިސްރާއީލުން ބޭނުންވި ގޮތެވެ. އިސްރާއީލުގެ ފަލްސަފާއަކީ އަމިއްލަ ފައިދާއަށްޓަކައި އަމިއްލަ ސިފައިން މަރަންވެސް ފަސްނުޖެހުމެވެ.                              

އެމެރިކާގައިތިބި އެއްވެސް ބެލުމެއްނެތި އިސްރާއީލަށް ތާއީދުކުރާ ބައެއް ސިޔާސީ މީހުން ސަރުކާރަށް ފިއްތުން ކުރިމަތި ކުރަމުން ގެންދިޔައީ އޮކްޓޯބަރ 7 ގައި ޙަމާސް އިން އިސްރާއީލަށް ވަދެގަތުމުގައި އީރާނުން ބައިވެރިވިޔަސް ނުވިޔަސް ހަމައެވަގުތު އީރާނަށް ޙަމަލާ ދިނުމަށެވެ.                             

އީރާނާ ކުރިމަތިލާން ޖެހުމަކީ އިސްރާއީލުގެ ރައްޔިތުން ދެކޭގޮތުގައިވެސް ސަރުކާރުން ގެންގުޅޭ ނުރައްކާތެރި ވިސްނުމެކެވެ. މި ދިޔަ ހަފުތާގައި އިސްރާއީލުން ތައިމަން ޖަލުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އިންސާނީ ޙައްގުތަކާ ކަރާމާތަށް ވަކާލާތު ކުރަމުން ގެންދާ ޖަމާޢަތްތަކުން މުޅި ދުނިޔެ ވަނީ ސިއްސުވާލާފައެވެ. 

އެ ޖަމާއަތްތަކުން ހާމަކޮށްފައިވާ ރިޕޯރޓުގައި ބުނެފައިވަނީ އިސްރާއީލު ސިފައިން 9 ފިރިހެނުން ބާރުގަދަ ބޭސް ބޭނުން ކޮށްގެން އެ ޖަލުގައި ބަންދުކޮށްފާހުރި ފަލަސްތީނުގެ ފިރިހެނެއްގެ ފުރަގަސް ފަރާތުގައި ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ފުރަގަސްފަރާތް އިރައިގެންގޮސް ފުރަގަސްފަރާތުގެ އެތެރެ ވީދި ފުއްޕާމޭ ވެސް ހަލާކުވެ އަދި އުނަގަނޑުގެ ކަށިތައްވެސް ބިންދާލާފައިވާ ކަމަށެވެ. 

އެމީހާއަށް މިހާރު ހޮސްޕިޓަލްގެ އިމަރޖެންސީގައި ފަރުވާދެމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ. އެކަންކުރި ސިފައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. 

އެކަމަކު އެ ރޭޕިސްޓުންނަށް ތާއީދުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި މަޖިލީސް މެމްބަރު އެ ސަރަހައްދުގައި އަޑު އުފުލަމުން ގެންދާކަމަށާއި އެމީހުން ހަންމަތަކުރުމަށްޓަކައި ކޯރޓު ސަރަހައްދަށް ހަނގުރާމަމަތީ 3 ލަޝްކަރު ގެނެވިފައިވާ ކަމަށްވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ.                                                            

އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ 4 ތަރީގެ ޖެނެރަލް ކެނެތު މެކަންޒީ ދަ ނިއުޔޯރކަރ ގައި ވާހަކަ ދައްކަމުން އިންޒާރު ދީފައިވެއެވެ. އެމެރިކާއާއި އީރާނުގެ ހަނގުރާއަކީ ގަލްފު ސަރަހައްދަށާއި އަދި އެމެރިކާއަށްވެސް ގެއްލުން ބޮޑު ފަނާކުރަނިވި ހަނގުރާމައެއް ކަމުގައި ނޫނީ ނުވާނެއެވެ. 

Loading

One Response

  1. ހުރހިާ ގޮތަކުންވެސް ލަދުހަޔާތް އަރުވައިގެންފައިތިބި ބައެއްދޯ މި އިސްރާއީލުންނަކީ. އެތަނުގައި ގެންގުޅޭ ކުއްތާތަކަށްވެސް ތިބެނީ ތަމްރީނު ދީފަޔޯ. އެއީވެސް އަނެއްކާ …. ފަރާތް ދެއްކުމުގެ ތަމްރީނުބާވައޭ ވެސް ހިތަށް އަރާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް