ރަނގަޅުގޮތަކީ ކޮބައިކަން އޮޅެނީ މިހެންވާތީ

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ކިއުންތެރިންގެ މައުލޫމާތަށްޓަކައި މިގެނެސްދެނީ ސުރުޚީގެ މައްޗަށް މިއަދު ދަ ޓެލިގްރާފުގައި ގެނެސްދީފައިވާ ރިޕޯރޓެއްގެ ތަންތަންކޮޅެވެ. ރިޕޯރޓް އެއްކޮށް ގެނެސްދީފިނަމަ ކިއުންތެރިން ހަގީގަތް ނޭގިތިބެ އިސްލާމީ ދުނިޔޭގައި ކަންތައް ހިނގަމުންދާގޮތާމެދު ކޮންމެވެސް ވަރަކަށް މާޔޫސްވުން އެކަށީގެންވާތީއެވެ. ރަނގަޅުގޮތާއި ނުބައިގޮތް އަޅާކިއުމަކީ އަޅުގަނޑުގެ މަގްސަދެއް ނުމެ ނޫނެވެ. 

އަޅުގަނޑުގެ މަގްސަދަކީ ހަމައެކަނި މިއީވެސް ކަންތައްތައް ހިނގަމުންދާ ގޮތްކަން ހާމަކުރުމެވެ. ހަގީގަތް ނޭގިތިބެއޭ ދަންނަވާލަންޖެހުނީ މީޑިއާއަކީވެސް މުޅިން ހަގީގަތާ އެއްގޮތް ޚަބަރުތައް ހާމަކުރާ ވަސީލަތަށްވެސް ނުވާތީއެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް މިޔުޒިކާއި ލަވާއާއި ދެ ޖިންސު ގައިގޯޅިވެތިބެ ނެށުން އިސްލާމްދީން ހުއްދަ ނުކުރާކަން ދަންނަބޭކަލުންގެ ދަރުސްތަކުގައި ކެނޑިނޭޅި ގެންދަނީ ހަނދާންކޮށް ދެމުންނެވެ. އެކަމަކު އެކަމަށް ހުއްޓުމެއް އަދިވެސް ނާދެއެވެ.

ތާލިބާނުންނަކީ އެ ޖަމާއަތުން ތަރުޖަމާކުރާ ގޮތުގައި އިސްލާމީ އަގީދާ އެންމެ ފުރިހަމައަށް ގަބޫލުކޮށް ތަންފީޒު ކުރަމުންގެންދާ ޖަމާއަތެވެ. އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށްފަހު ތާލިބާނުންގެ ސަރުކާރެއް އުފައްދައި އެ ޖަމާއަތުގެ ރައުޔުގައި އިސްލާމީ އަގީދާއާއި ތައާރަޒްކުރާ އެންމެހާ ކަންތައްތައް މަނާކުރިއެވެ.  އޭގެތެރޭގައި ލިސްޓު ކުރުކޮށްލާފައި އަންހެނުން ތައުލީމް އުނގެނުމާއި ވަޒީފާއަދާ ކުރުމާއި އަދި އިޖްތިމާއީ ސަގާފީ އަދި މުނިފޫހިފިލުމުގެ ހަރަކާތްތައް ހިންގުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުންވެސް އޮތީ މަނާ ކޮށްފައެވެ. މުނިފޫހިފިލުވުމާއި އެކިއެކި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އަންހެނުންގެ އިތުރުން ފިރިހެނުންވެސް ނެށުމަކީ މަނާކަމެކެވެ.                                                             

ތާލިބާނުންގެ ސަރުކާރުގައި އެންމެ ފުރަތަމަ މަނާ ކުރި ކަންތައްތަކުގެތެރޭގައި މިޔުޒިކު ކުޅުމާއި ލަވަ ޖެހުން ހިމެނޭ އެއްވުންތަކާއި ހަފްލާތައް މަނާކުރުން ހިމެނެއެވެ. މިޔުޒިކް ކުޅޭމީހުން ފަޟީހަތްކޮށް މިޔުޒިކް ކުޅުމަށް ބޭނުންކުރާ އެއްޗެހި ހޯދައި ނައްތާލަމުން ގެންދިޔައެވެ. އަޚްލާގީ ފުލުން ރޭގަނޑާއި ދުވާލު މަގުތަކުގައި ފާރަލަމުންގެންދަން ފަށިއެވެ. އަތުޖެހުނު މީހަކު ސުވާލުކުރުމެއްނެތި ގެންގޮސް ވައްދަނީ ޖަލަށެވެ. އެތަނުގައި ހޭދަކުރަންޖެހޭނެ މުއްދަތެއް ނޭގެއެވެ. އިސާހިތަކު މިޔުޒިކާ ލަވައާއި ނެށުމުގެ ފަންނުވެރިންތައް ބިރުން ފިލައިފިއެވެ. އަފްޣާނިސްތާނުގެ ޒަމާންވީ އާދަކާދައާއި ސަގާފަތުވެސް ދިޔަތަނަކަށް ގޮސް ފިލީއެވެ.          

އިސްލާމީ ޝަރީއާ ފުރިހަމަ މާނައިގާ ތަންފީޒުކުރުމަށްޓަކައި މަގުފަހި ކުރުމަށާއި ރައްޔިތުން އެ މަގުން ކައްސާލައިގެން ދިއުން ހުއްޓުވުމުގެ ބޭނުމުގައި މަގު ފާރަވެރިންނާއި ޗެކް ޕޮއިންޓްތައް ވަނީ ގާއިމް ކޮށްފައެވެ.

މިޔުޒިކާއި ނެށުމަކީ އަޚްލާގީ މިންގަނޑު ފަސާދަކުރާ އަމަލެއްކަމަށް އަންގައި ދާދި ފަހުން ސަރުކާރުންވަނީ ގަވައިދުތައް އިތުރަށް ހަރުކަށިކޮށްފައެވެ. މިއުޒިކާއި ލަވަ އަޑު އެހުމާއި ނެށުމަކީ ބޮޑެތި އަދަބު ލިބޭނެ ކުށެއް ކަމުގައި ނިންމާފައެވެ. އެއްގަމުގައި ދުއްވާ އުޅަނދެއްގެ ރޭޑިއޯ އިން ވިޔަސް މިޔުޒިކް އަޑުއެހުން ހުއްދަ ނޫންކަމަށް ވަނީ ނިންމާފައެވެ.                                                         

އުތުރު މޭމަނާގައި ފަސިންޖަރުން އުފުލުމުގެ ޚިދުމަތް ދިނުމަށް ހަތަރު ފުރޮޅުލީ އުޅަނދެއް ދުއްވާ ރަޝާދު ބުނެފައިވަނީ ކޮންމެ ދުވަހަކު އޭނާގެ އުޅަނދު ހުއްޓުވާ ޗެކްކުރާ ކަމަށެވެ. އެއްދުވަހަކު އުޅަނދު ހުއްޓުވި  ވަގުތު އޭނާއަށް އިނދެވުނީ އުޅަނދުގެ ރޭޑިއޯއިން އީރާނުގެ ފާރިސީ ލަވައެއް އަޑުއަހާށެވެ.                       

ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހު ކީރިތި ގުރުއާން ނޫން އެއްޗެއް އަޑުއަހައިގެން ނުވާނެކަން އަންގައި މޫނުމަތީގައި ދެ ތިން ފަހަރު ތަފާލެއް ޖެހުމަށްފަހު ދެން އަތުލާގަނެވިއްޖެނަމަ މަދުވެގެން ތިން ހަފުތާއަށް އުޅަނދު ހިފާއްޓާނެ ކަމަށް އިންޒާރު ދިނެވެ.                                                

އަފްޣާނިސްތާނުގެ ކައިވެނި ހަފްލާތަކަކީ މާޒީގެ ތާރީޚުގައި ވަރަށް ކުލަގަދަކޮށް މިޔުޒިކާއި ނެށުން ވެސް ހިމެނޭ ގޮތުގައި ފާހަގަކުރެވެމުން ދިޔަ ރަސްމިއްޔާތެކެވެ. ނަމަވެސް މިހާރު އެއީ ހަމައެކަނި ހުއްދަ ކުރެވިފައިވާ ދީނީ ޝިއާރުތަކާއެކު ސިއްރު ސިއްރުން ކުރެވޭ ކަމަކަށް މިއޮތީވެފައެވެ. ކައިވެނި ހަފްލާތައް ބާއްވަމުންގެންދިޔަ ތަންތަންވަނީ ފަޅުކޮށްލާފައެވެ.                                                   

އުމުރުން 28 އަހަރުގެ ޖަލީލީ އަހްމަދު ކިޔާދީފައިވާ ގޮތުގައި އޭނާގެ ކައިވެނީގެ ހަފްލާ ބޭއްވުނީ ހީރާތު އަވަށުގެ ޕްރައިވެޓް ގާރޑްން އެއް ގައެވެ. ހުނުމާއި މަޖާކުރުމުގެ ތެރޭގައި ލަވަ ޖަހައި ނަށާވެސް ހެދީމެވެ. އެ ހަފްލާ ހިނގަމުންދިޔަ ވަގުތު ވިއްސަކަށް ފުލުހުން އައިސް ރެއިޑްކޮށް އެތައް މެހެމާނުންނަކަށް ބޮޑެތި އަނިޔާކޮށް ދެފަރާތުގެ އާއިލާ ފަޟީޙަތްކޮށް އަހަރެމެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސް ކަޅު ނާމާން ދުވަހެއް ކަމުގައި ހަދާލިއެވެ. ދެ ފަރާތުގެ ބަފައިބެއިން ފުލުހަށް ގެންގޮސް ދިހަ ދުވަސްވާންދެން ތަޅުލައިގެން ގެންގުޅުނެވެ. ޚުލާސާ ގޮތެއްގައި ބުނާނަމަ ތާލިބާނު ސަރުކާރުން މިއޮތީ މުނިފޫހި ފިލުވުމާއި ހިތްހަމަޖެއްސުމުގެ ހަރަކާތްތަކާ ދެކޮޅަށް ހަނގުރާމަ އިއްލާން ކޮށްފައެވެ.                                                   

މިގާނޫނުތަކާއި ގަވައިދުތަކުން އިސްތިސްނާކުރާ ބަޔަކު އަފްޣާނިސްތާނުންވެސް ގިނަގިނައިން ފެންނަން ފަށައިފިއެވެ. ސަރުކާރުގެ އިއްޒަތްތެރިންނާއި ސަލާމަތާބެހޭ ބާރުތަކުގެ ވެރިންނެވެ. އެ ގިންތީގެ ބޭފުޅުންގެ ލަވަކިއުމާއި ނެށުން އާންމުވާ ކިތަންމެ ވީޑިއޯއެއް ބައިނަލްއަގްވާމީ މީޑިއާ ޕްލެޓްފޯމު ތަކުގައި މިހާރު އާންމު ފެންނަން އެބަހުރިކަމަށް ވެއެވެ.                                                  

ތާލިބާނުންގެ އޮފިޝަލަކު ދަ ޓެލިގްރާފަށް ކިޔާދީފައިވާގޮތުގައި އަފްޣާނިސްތާނުގެ ދެކުނު ސަރަހައްދުގެ ހެލްމަންދުގައި އޭނާ ނިސްބަތްކުރެވޭ ލަޝްކަރުގެ ކޮމާންޑަރަށް ފިރިހެން ދަރިއަކު ލިބުމުން އެތަނުގެ ޕޮލިސް ސްޓޭޝަންގެ ހުސްބިމުގައި އަހަރެމެން ލަވަކިޔައި ނަށާ އަދި މަޖާކޮށް ހެދީމެވެ.                   

އޭނާ ކިޔާދީފައިވާގޮތުގައި ލަވަކިޔުމާއި ނެށުން ދީނުގައި މަނާކޮށްފައިވާކަމަށް މިލީޓްރީގެ އިސް ވެރިން ގަބޫލެއް‎ނުކުރެއެވެ. މިލިޓްރީންދެކޭގޮތުގައި ސަރުކާރުގެ މަގްސަދަކީ އަފްޣާނުގެ ރައްޔިތުން ހުޅަނގުގެ ސަގާފަތާ ދުރުހެލިކުރުވުމެވެ.                                                           

.

Loading

One Response

  1. އަޅުގަނޑުމެންގެ އެންމެ ބޮޑު ވެއްޓުމަކީ މިއީއެވެ. ބޮޑުންނަށް ބޮޑުގޮތް ނިކަމއތިންނަށް ނިކަމެތި ގޮތް އޮންނާނާތީއެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ކަންތައްހިނގާގޮތުން ސަހަރޯ ހީވެއެވެ. ނިކަމެތިމީހާ ކޮފީ ސަމުސަލެއް ވަގަންނެގީމާ އޭނާއަކީ ކޮންމެހެންވެސް އަދަބުދޭންޖެހޭ އަދި މުޖުތަމާއަށް ހުރި ނުރައްކަލެއް ކަމުގައި ބަލަން ޖެހޭނެކަމަށް އަޑަށް ބާރުލާފައި ވިދާޅުވާއިރު ދައުލަތުގެ މާލިއްޔަތުން އެތައް މިލިއަން ރުފިޔާއެއް ވަގަށް ނެގީމާ ނުވަތަ ޚިޔާނާތްތެރިވީމާ އެނާއަކީ މައުސޫމް ރައްޔިތެއް ކަމަށާއި އިސްލާހު ވުމަށް ފުރުސަތު ދޭން ޖެހޭނެކަމަށް ބުނަމުން ގެންދިއުމަކީ ރަނގަޅުގޮތާއި ނުރަނގަޅުގޮތް އޮޅުވާލުން އިސްތިހާރު ކުރުމެވެ.
    ބުރުގާ އެޅުމާއި ހިޖާބަކީ ކޮބައިކަމާއި މަސްހުނިކޮށް ލަވަކިޔާ ނެށުމުގެ ހުކުމް ބުނެދިނުމަކީ އަޅުގަނޑުގެ ފެންވަރެއް ނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް