ފުލުހުންގެ އަނިޔާއަށް ނިމުމެއްނެތްތަ؟

118
Maldives News

ފުލުހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އެމެރިކާގެ ކަޅު ނަސްލުގެ މީހެއްކަމަށްވާ ޖޯޖް ފްލޮއިޑް މިދިޔަ މަހު މަރުވެގެން ދިއުން ވެގެންދިޔައީ އެމެރިކާގައި ފުލުހުންގެ އަނިޔާތަކާއި ނަސްލީ ތަފާތުކުރުން ނައްތާލުމާއި ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ތެދުވާން މަޖްބޫރުވި ކަމެއްކަމަށެވެ. ހަމަ އެއާއެކު އެހެން ގައުމުތަކުގައިވެސް ފުލުހުންގެ އަނިޔާހުއްޓުވަން ޖެހޭކަމުގެ ވާހަކަ އިތުރުވެއްޖެއެވެ. އަޅުގަނޑުމެން މިރާއްޖޭގައި ވެސް މިދުވަސްކޮޅު މިވާހަކަތައް އިތުރުވެގެންފިއެވެ.

ފުލުހުން އަނިޔާކުރާ ވާހަކައީ މިއަދު ފަށައިގެން އުޅޭ ވާހަކައެއްނޫނެވެ. ދޭތެރެ ދޭތެރެއިން ދެކެވޭ ހައްލުނުލިބޭ ވާހަކައެކެވެ. ހަމަ އެގޮތަށް އަނެއްކާވެސް ސަރުކާރުގެ އިސްފަރާތްތަކުގެ މެދުގައާއި ސިޔާސީ އެކިއެކި ފަރާތްތަކުން އަދި އާންމުފަރުދުންގެ މެދުގައި މިވާހަކަތައް ބާރުގަދަވެ އަޑުގަދަވާންފަށައިފިއެވެ.  

ފުލުހުން އަނިޔާކުރާ ވީޑިއޯއެއް ރައްޔިތުން މަޖިލިސްގޭގެ ތަޅުމުގައި ވެސް މިވަނީ ދައްކައިފައެވެ. އެ ވީޑިއޯއަކީ 2012 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މާލޭގައި އެމްޑީޕީން ކުރި ބޮޑު މުޒާހަރާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ( ބޮންޑޭ) އަށް ފުލުހުން އަނިޔާކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯއެކެވެ. މިވީޑިއޯ އިން ފެންނަނީ މެންބަރު އިބްރާހިމް ރަޝީދު ބިންމަށްޗަށް ވައްޓާލުމަށްފަހު ފުލުހުން އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި އަތުންނާއި މުގުރުންނާއި ކޮޅުފައިން ތަޅާމަންޒަރެވެ.

 މި ވީޑިއޯއާ ގުޅިގެން މަޖިލީހުގައި ވާހަަކަފުޅު ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ފުލުހުންގެ ފަރާތުން އެތައްބަޔަކަށް އެކިވަރުގެ އަނިޔާ ލިބޭ ވާހަކަ އަކީ އަބަދުވެސް އެމްޑީޕީން ދައްކަމުން އައި ވާހަކަތައްކަމަށާއި މިހާތަނަށްވެސް އެ އަނިޔާތަކަށް އިންސާފް ނުލިބި އެތައްބަޔަކު ވާކަމަށެވެ.

” މިއީ އަޅުގަނޑުމެންވެސް ދައްކަމުން ދިޔަ ވާހަކަ. ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީން ވަރަށް ބާރަށް ދައްކަމުން ދިޔަ ވާހަކަ. ހަގީގަތެއްގެ މަށްޗަށް ބިނާކޮށް އަޅުގަނޑުމެން ދައްކަމުންދިޔަ ވާހަކަ” އިމްތިޔާޒު ވިދާޅުވިއެވެ.

ތެދެކެވެ. އެމްޑީޕީގެ ހަރަކާތްތައް ރާއްޖޭގައި ފެށުނު ދުވަސްވަރުން ފެށިގެންވެސް ފުލުހުންގެ އަނިޔާގެ ވާހަކަ އަކީ ފާޅުގައި އެޕާޓީން ދައްކަމުން ދިޔަ ވާހަކައެވެ. މަގުމަތީގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކުގެ ބައިވެރިންނަށް ވަރަށް އިހާނެތިކޮށް ތަކުރާރުކޮށް ފުލުހުންގެ އަނިޔާވެރިކަން ކުރިމަތިވިއެވެ. މުޒާހަރާތަށް ކޮންޓްރޯލް ކުރާއިރު ވަގުތާ އެކަށީގެން ނުވާވަރުގެ ބާރުގެ ބޭނުންކޮށް އެތައްބަޔަކު ތަޅާކޫތާފަ ގެންގޮސް ޕޮލިސްޖިޕަށް އެއްލާލާ ހެދިއެވެ. އެމްޑީޕީ ކޯލިޝަން ސަރުކާރު ނިމުމަކަށް ގެނައުމަށް އިދިކޮޅުފަރާތްތަކުން ކުރި މުޒާހަރާތައް ކޮންޓްރޯލްކުރުމުގައިވެސް މެއެވެ.

މި އަނިޔާ ވެރިވީ ހަމައެކަނި ބާއްވާ މުޒާހަރާ ތަކާއި އެއްވުންތަކުގައި މަގުމަތިން އެކަންޏެއް ނޫނެވެ. ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭއިރު ނުހައްގުން އެތަށް ބަޔަކަށް އެކަށީގެނުވާ ބާރު ބޭނުންކުރާ ވާހަކަ އަކީވެސް އާންމު ވާހަކައެވެ. ޚާއްސަކޮށް އަންހެނުން ފާސްކުރުމުގެ ނަމުގައި ފިރިހެން ފުލުހުން އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ ވާހަކަތައްވެސް އައިސްފައި ހުރީ މަދަކުން ނޫނެވެ.

ފުލުހުން ރައްޔިތުންނަށް އަނިޔާ ކުރާ ވާހަކަ ދައްކާއިރު ބަައެއް އާންމު ފަރުދުން ފުލުހުންނަށާއި ފުލުންގެ އާއިލާތަކަށް ކުރާ ގޯނާތައްކުގެ ވާހަކަވެސް އެހާމެގިނައެވެ. ފުލުހެއްގެ ގޮތުގައި ނުވަ އަހަރުވަންދެން މަސައްކަތް ކޮށްފައިވާ ހަ އަރުގެ ބައްޕައެއް ކަމުގައިވާ އިބްރާހިމް ބުނީ އޭނާ ދުވަހަކުވެސް މަގާމުގެ ނުފޫޒުން ހައްގުނޫން ބާރެއް ބޭނުން ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް އޭނާގެ އާއިލާއަށް އެމްޑީޕީ އެކްޓިވިސްޓުން ވަރަށް އުދަގޫކުރިކަމަށެވެ.

” އަހަރެން އުޅޭ ޑިޕާޓްމަންޓްގެ ގޮތުން އަހަރެންނަކީ މަގުމަށްޗަށް ނުކުންނަން ޖެހޭ މީހެއްނޫން. ތި ހައްޔަރުކުރާ މީހުންނާއި ޑައިރެކްޓް ކޮންޓްކްޓް ވާމީހެއްވެސް ނޫން. އަހަރެން ކުރީގަ އުޅުނުގޭގެ ތިރީގައި ހުންނަނީ އެމްޑީޕީ ހަރުގެއެއް. ވަރަށް ގިނަދުވަހު އެމީހުންގެ ގޯނާ ކުރިމަތިވި. ވަރަށް ހަޑި ހުތުރު ބަސްތަކުން ގޮވާނީ. ދަރިފުޅުގޮވައިގެން ދާއިރުވެސް ގޮވާފައި އެބަހުރި” އިބްރާހިމް ބުންޏެވެ.

އޭނާ ބުނީ އެގެއިން އެހެންގެޔަކަށް ބަދަލުވީ ވެސް އެމްޑީޕީ ޖަގަހައިގައި އުޅޭ ބައެއް ފަރާތްތަކުގެ ބަސްތަކާއި ހެދި އެއަޑުތަށް ދަރިފުޅަށް އިއްވަން ބޭނުން ނުވާތީ މަޖުބޫރުވެގެން ކަމަށެވެ. އޭނާ ބުނި ގޮތުން ޖަގަހައިގަ އޭނާއާ ދިމާކުރާ ފަރާތަށް އެކަން އެގޮތަށް ނުކުރުމަށް ނަސޭޙަތް ދިނުމުންވެސް ހުއްޓައިނުލިކަމަށެވެ.

މިއަނިޔާ އަކީ ހަމަ އެކަނި ފުލުހުން ރައްޔިތުންނަށް ކުރާ އަނިޔާ އެއް ނޫނެވެ.  ފުލުހުންނަކީ ވެސް ހަމަރައްޔިތުންނެވެ. މަންމައެކެވެ. ބައްޕައެކެވެ. ނޫނީ ކޮންމެވެސް މީހެއްގެ އާއިލާ މީހެކެވެ. ފުލުހުންގެ އިދާރާގައިވެސް އެންމެންނަކީ އަނިޔާ ކުރާ ބައެއްނޫނެވެ. އިޙުތިރާމާއި އެކީ މަސައްކަތްކުރާ ޒިންމާދާރު ފުލުހުން ވަކި މަދެއް ނޫނެވެ. މިކަން މިހެންއޮތްނަމަވެސް ވަކި ބައެއްގެ އަމަލުތަކުގެ ސަބަބުން ފުލުހުންގެ އިދާރާގެ އެންމެންނަށް އޭގެ ނޭދެވޭނަތީޖާ އެބަކުރިމަތިވެއެވެ.

މިކަމާއި ގުޅިގެން ސަންދާނު އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ފުލުހުންގެ ތެރޭގައިވެސް މައްސަލަތައް އެބަހުރި ކަމަށާއި ހަމަ އެހެންމެ އާންމު ބައެއް ފަރާތްތަކުގެ އިހުމާލުވެސް މިކަމުގައި ވަރަށް ބޮޑުކަމަށެވެ.

“މިހާރު މިވާގޮތަކީ ފުލުހުންގެ ބައެއް މީހުން ދެކެ އަންނަ ރުޅިން އާންމު ބައެއްފަރާތްތަކުން ދެންތިބޭ ފުލުހުންނާއި އޭނަގެ އާއިލާ މީހުންނާ ދިމާ މިކުރަނީ. މިކަން ތަކުރާރުވަމުން ގޮސް އެއްކަލަ ޕޮލިސް މީހާ އަށް މި ފުރައްސާރަކުރި މީހުން ނޫނީ އެމީހުންނާ ގުޅުން އޮންނަ މީހުން މި ފެންނަނީ ތި މުޒާހަރާ ތެރެއިން. އޭގެ ބަދަލު މި ހިފަނީ ގިނަފަހަރަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަން އެކަން އެގޮތަށް ވިޔަނުދޭން. ބަޔަކު އަދި ފުލުހުންނާ ދިމާކުރިއަސް ފުލުހުންވެސް އެބަޖެހޭ ކޮންޓްރޯލްވާން” 

އޭނާ ވިދާޅުވީ މުޒާހަރާތަކުގައި ގިނަފަހަރަށް ފުލުހުން މަސައްކަތްކުރަނީ އަމުރަށް ނުކިޔަމަންތެރިވާމީހުން އެމީހުންގެ ބެލުމުގެ ދަށަށް ގެންގެންދިއުމަށް ކަމަށެވެ.

” މިގޮތަށް ބެލުމުގެ ދަށަށް ގެންދާ ދިއުމުގައި އެމީހާ އާމެދު ފުލުހުން ކޮންޓްރޯލް ކުރަން އުޅޭ އުޅުމުގެ ތެރެއިން ގިނަފަހަރަށް އެއަނިޔާތައްމިވަނީ” އޮފިސަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ހުއްޓުވުމަށް އެއިދާރާގައި އެކިކަހަލަ ޕްރޮގްރާމް ތައް އަބަދުވެސް ހިންގާ ކަމަށެވެ.  އަދި ފުލުހުންގެ މައްސަލަތައް އެކިފަހަރުމަތިން އެކިފެންވަރުގައި ބަލައި ތަހުގީގުކޮށް އެފަދަ މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތަކާއިމެދު ފިޔަވަވަޅުވެސް އަޅަދުންދާކަމަށެވެ.

ފުލުހުން ބައެއް ފަރާތްތަކަށް ކުރަމުން ގެންދާ އަނިޔާ ތަކާއި ޙާލަތާއި ނުގުޅޭ ބާރުތަކުގެ ސަބަބުން ގެއްލެމުންދިޔަ ގިނަ ބައެއްގެ ހައްގު ލިބޭނެކަމަށް އުންމީދަކަށް ވެގެންދިޔައީ 2015 ވަނަ އަހަރު އުފެއްދި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން އެވެ. ނަމަވެސް ކަންތައް ވެގެންދަނީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. އެކޮމިޝަނުން ނެރުނު ރިޕޯޓްތަކުގައިވެސް ވަކިވަކި މައްސަލަތަކުގެ ތަފްސީލް ހިމެނިފައިވަނީ 2016 ވަނައަހަރުގެ ނެރުނު ރިޕޯޓްގައި އެކަންޏެވެ. މިފަދަ އަނިޔާތަކުގެ މައްސަލަ އެކޮމިޝަން އަށް ހުށަހެޅިނަމަވެސް އެންމެ އެދެވޭ ގޮތުގައި އެމައްސަލަތަކުގެ ތަޙުގީގު ކުރިއަށް ނުދެއެވެ. މިއީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

ފުލުހުންގެ އިދާރާއަކީ މުޅިގައުމުގެ އަމަން އަމާންކަމާއި ސަލާމަތާއި ރައްކާތެރިކަން އެބަޔަކާ ގުޅިފައިވާ އިދާރާއެވެ. ގައުމަށް އަންނަ ކޮންމެ ލޮޅުމެއްގައި ކުރީސަފު އެތުރެންތިބި ފަރާތަކީ ފުލުހުނެވެ. މިދަފަ އަގުހުރިފަރާތަކުން ރައްޔިތުންނަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. މިއީ ހުއްޓުވަން ޖެހޭކަމެކެވެ.ފުލުހުންގެ އަނިޔާތައް ހުއްޓުވޭނެހެއްޔެވެ.

ފުލުހުންގެ އަނިޔާތައް ހުއްޓުވޭނީ ފުލުހުންގެ އިމާރާތްތަކުގެ ނަންތަކާއި އެމީހުންގެ ޔުނީފޯމް ބަދަލުކޮށްގެންނާއި އިތުރު ކޮމިޝަންތައް އުފައްދައިގެންކަމަށް ބައެއްފަރާތްތަކުން ގަބޫލްކުރެއެވެ. އެހެން ބަދަލުވާކަމުގައި ވާނަމަ މިހާތަނަށް އެކަން އޮންނާނީ ވެފައެވެ. މިއަނިޔާތައް ހުއްޓުވަން ބޭނުންނަމަ ސިޔާސީ ނުފޫޒުން އެ މުއައްސަސާ އެއްކިބާކޮށް ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއި އެކު އެ މުއައްސަސާ ހިންގަން ފުލުހުންނަށް ފުރިހަމަ ބާރާއިއެކު ދޫ ދޭންއެބަޖެހެއެވެ. ސިޔާސީ ނުފޫޒުން އެމީހުން އެއްކިބާ ކުރަންޖެހެއެވެ. ދެއިރު ދެދަޅައަށް ސިޔާސީ ފަރާތްތަކުން އަތްބާނާ މުއައްސަސާއެއްގޮތަށް އެ މުއައްސަސާ އޮތް އޮތުން ދޫކޮށްލަންޖެހެއެވެ. ވަކި ބައެއްގެ އަމިއްލަ މަންފާ ހޯދުމަށް ސިޔާސީ ގޮތުން ކުޅޭ ކުޅިގަނޑުން އާންމު ފަރުދުންނާއި ފުލުހުން ޖެއްސުވުން ނިމުމަކަށް ގެންނަންޖެހެއެވެެ. މިކަންތައް މިހެންވެއްޖެނަމަ ފުލުހުން ކުރާއަނިޔާ ހުއްޓުވޭނެއެވެ. މިކަމަކީ ނުވާނެ ކަމެއްނޫނެވެ. ވާނެއެވެ. ކުރެވޭނެކަމެކެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ