ރައީސް މުއިއްޒުގެ ހުއްޓިފައިވާ މަޝްރޫއުތަކާއި ނުފުއްދޭ ވައުދުތަކުގެ ސަބަބުން ރާއްޖެ ހާލުގައި ޖެހެނީތަ؟

Loading

Facebook
Twitter
WhatsApp

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއަށް މި ވަނީ ނުތަނަވަސްކަމާއި ކުރިމަތިލާންޖެހިފައެވެ. ކުރިން އުއްމީދީ ސިޔާސީ މަންޒަރެއްގެ ގޮތުގައި އޮތް މަންޒަރު މިހާރު ހިޔަނި އެޅިފައި ވަނީ ގޯސް ފިޔަވަޅުތަކުގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލުމުންނެވެ.

ފެށުނީއްސުރެ ރައީސް މުއިއްޒުގެ ސަރުކާރު ފާހަގަކުރެވެނީ، ކުރީގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތަކުރާރުކޮށް ބަދުބަސް ބުނެ، އޭގެން ނެއްޓެން ނޭނގިގެން، އެކަމުގެ ތެރޭގައި  މި ސަރުކާރު ތާށިވެފައި އޮތް ތަނެވެ. މިކަމުގެ ސަބަބުން ކުރިއެރުމަށް ހުރަސް އެޅުމުގެ އިތުރުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ބޮޑެތި މައްސަލަތަކުން ސަމާލުކަންވަނީ ދުރުވެފައެވެ. ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ ބަދަލުގައި މި ސަރުކާރުން ފެންނަނީ ބްލޭމް ގޭމެއްގެ ތެރޭގައި ތާށިވެފައި، ކަމެއް ނުވާއިރަށް ކުރީގެ ސަރުކާރޭ ކިޔައިގެން ކަމުން ރެކެން އުޅޭހެންނެވެ.

އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް މައްސަލައަކީ ކުރީ ސަރުކާރުގައި ފަށާފައިވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓިފައި އޮތުމެވެ. ނަރުދަމާ އާއި ފެނުގެ ނިޒާމާއި ބިން ހިއްކުމާއި ފެނަކަ އޮފީހުގެ ވަސީލަތްތައް ތަރައްގީ ކުރުން ފަދަ ޒަރޫރީ މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ. ޤައުމުގެ ކުރިއެރުމަށާއި، ރައްޔިތުންގެ ދުޅަހެޔޮކަމަށް ޓަކައި މުހިންމު މި މަޝްރޫޢުތައް ހުއްޓުމަކަށް އައިސް، ގިނަ ބަޔަކު މާޔޫސްވެ، މި ސަރުކާރަށް އޮތް އިތުބާރު ގެއްލިއްޖެއެވެ. އަދި، ސަރުކާރު މިހައި ޅަފަތުގައި އޮތްއިރު މިކަހަލަ މަންޒަރު ފެނުމަކީ ހިތާމާހުރި ކަމެކެވެ.

އިޤްތިޞާދީ ހީނަރުކަން އިތުރުވެ، ރާއްޖޭގެ ޑޮލަރުގެ ރޭޓް ދަނީ އުފުލެމުންނެވެ. ޑޮލަރުގެ ރޭޓް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި ނަމަވެސް ހަގީގަތް އޮތީ މުޅިން ހިލާފަށެވެ. ޑޮލަރުގެ ރޭޓް މައްޗަށް ދިއުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިތުރު ބުރަތަކެއް ކުރިމަތިވެ، އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި އިތުރަށް އަގުބޮޑުވެ، އިގްތިސާދު ދަނީ ހަމައިން ނައްޓަމުންނެވެ.

ބިދޭސީ މަސައްކަތްތެރިންގެ ވޯކް ޕާމިޓް ފީގެ މައްސަލަ ވެސް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. އެނގިފައިވާ ގޮތުގައި ހޮޓަލާއި ރިސޯޓް ހެދުމުގެ މަސައްކަތުގައި އުޅުއްވާ އެ މަނިކުފާނުގެ ޗީފް އިކޮނޮމިކް އެޑްވައިޒަރު ޖަނާހުގެ އިތުރުން ރައީސްގެ އަރިސް ބައެއް ބޭފުޅުންގެ ކުންފުނިތަކުން އެ ފީތައް ނުދައްކަ އެވެ. ވޯކް ޕާމިޓް ފީގެ ގޮތުގައި ހަމައެކަނި ޖަނާޙްގެ ކުންފުނިން ދައްކަންޖެހޭ ޢަދަދު 12 މިލިއަން ރުފިޔާއަށް ވުރެންވެސް ގިނައެވެ. މިއީ އިންސާފުވެރިކަމާއި ޖަވާބުދާރީ ކުރުވުމަށް މި ސަރުކާރުން ކުރާ މަސައްކަތާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެކެވެ.

ހެޔޮވެރިކަމުގެ މައިގަނޑު އަސާސް ކަމުގައިވާ ޓްރާންސްޕޭރެންސީގެ އުނިކަން ފެންނަން އެބަހުއްޓެވެ. ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ހާމަނުކޮށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދުމުން ގިނަ ފަހަރަށް އޮންނަނީ މައުލޫމާތު ނުދެވިފައެވެ. ސިޔާސީ ވަޒީފާތައް ބޭފުޅުން އައްޔަނު ކުރާއިރު ތައުލީމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް މުއިއްޒު ކެމްޕެއިންގައި ވީ ވައުދަށް ބަލާއިރު، މި ކަން ނެތުމަކީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. ނަމަވެސް އަސާސީ ތައުލީމެއް ނެތް އަދި އިނގިރޭސިން ވާހަކަ ދައްކަންނޭނގޭ، ޓުއަރިޒަމް މިނިސްޓަރަކު އައްޔަން ކުރުމުން އެނގެނީ އެ ވައުދުތަކަކީ ހޮޅި ވައުދުތަކެއް ކަމެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ބައެއް ކަމުގައިވާ މަސްވެރިންވެސް ވަނީ ކެހިދީ، ނިކަމެތި ކޮށްލާފައެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭއިރު، މަހުގެ އަގުތައް 20 ރުފިޔާއަށް ވުރެ ދަށަށް ހިނގައްޖެ އެވެ. މި ދަށަށް ދިއުމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ބުރޫއަރައި، ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ގާބިލުކަމާމެދު އޮތް އިތުބާރު އިތުރަށް ހީނަރުވެއްޖެ އެވެ.

ކުރުކޮށް ދަންނަވާނަމަ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖޭގެ މިހާރުގެ ޙާލަތަކީ، ހުއްޓުމަކަށް އައިސް، މާޔޫސްވެފައިވާ ޙާލަތެކެވެ. ކުރީގެ ސަރުކާރު ފަހަތުން ނެއްޓެން ނޭނގިގެން، މުހިންމު ވައުދުތައް ފުއްދުމަށާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ނުގެންދެވުމުގެ ސަބަބުން މުޅި ގައުމު ވަނީ ނާޒުކު ހާލަތަކަށް ގޮސްފަ އެވެ. ދިވެހި ރައްޔިތުންނަށް ޙައްޤުވަނީ ޙަރަކާތްތެރި، ޒިންމާދާރު، އަދި އެމީހުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ސަރުކާރެކެވެ. މިހާރު އޮތް ގޮތުން ކުރިއެރުމާއި ކުރިއެރުމުގެ ވައުދުތައް ނުފުއްދުމުގެ ސަބަބުން ގައުމު ވަނީ ނުތަނަވަސްކަމާއި، ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.

Loading

One Response

  1. އަސްލުވެސް ބޮޑުތެދެއްތީ. ދެރަކަމުގެ ކޮޅެއްނެތެވެ. ވިދާޅުވާ ކޮންމެ އެއްޗެއްގެ ނަތީޖާ ދައްކަނީ ދިމަ އިދިކޮޅަށެވެ. އަދި މިވީ 8 މަަސްދުވަހެވެ. ޑިފެންސަށް ކުޅެކުޅެ ތިއްބާ ގޯލުގެ ދާގަނޑު ފޫއެޅިގެން ދާނީއެވެ. ތަޖުރިބާއެއް ނެތް ބަޔަކު ރޔ ގެ އޮޑި ވަގަށް ނަގައި ކުލަބަ ދަލުކޮށްލިޔަސް މަސްބޭނޭނީ ކެޔޮޅަށްތާއެވެ. ޕނސ ގައި ކެޔޮލެއް ނެތެވެ. ގިނަ މީހުން އަތްދަށު ކެޔޮޅަކަށްވެސް ނުފުދޭ. ދެން ބުނެބަލަ މަސްބާނަން ގޮތެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް