މާދަމާ އިނގިރޭސި ވިލާތުގެ ޢާންމު އިންތިޚާބު މޮނިޓަރ ކުރުން މެލޭޝިޔާގެ އޭ.އެމް.އީ.ސީ. އަށް 

Loading

Facebook
Twitter
WhatsApp

މާދަމާ ( 2024 ޖުލައި 4 ބުރާސްފަތި ) ދުވަހަކީ އިނގިރޭސި ވިލާތަށް ވަރަށް ޚާއްސަ ދުވަހެކެވެ. އެއްޒަމާނެއްގައި މުޅިދުނިޔޭގެ ވެރިކަން ކުރި އިނގިރޭސި ވިލާތުގެ ސައިޒު ކުޑަވަމުންގޮސް މިހާރު ބައެއްފަހަރު ޖަޒީރާއެއްގެ ނަމުންވެސް މުޚާތަބު ކުރެވެމުންދާ އިނގިރޭސި ވިލާތުގެ ތާރީޚުގައި 58 ވަނަ ފަހަރު ޕާރލަމެންޓަރީ އިންތިޚާބު ބޭއްވެނީ މާދަމާއެވެ. 

މިފަހަރުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު ފާއިތުވެގެން މިދިޔަ 57 އިންތިޚާބަށްވުރެން ގިނަ ކަމަށް ޚަބަރު ލިބެމުންދެއެވެ. މިފަހަރުގެ އިންތިޚާބުގައި ޕާރލަމެންޓުގެ ޖުމުލަ 650 ގޮނޑިއަށް 4515 ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ.                                     

ޖުލައި 4 އިނގިރޭސީންނަށް މުހިންމު ދުވަހަކަށް ވަނީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ ތެދުތެދަށް ވާހަކަ ދައްކާނަމަ ޖުލައި 4 ވަނަ ދުވަހަކީ އިނގިރޭސި ވިލާތަށް ވަރަށް ނާކާމިޔާބު ދުވަހެކެވެ. 1776 ވަނަ އަހަރުގެ އެދުވަހަކީ އެމެރިކާގެ 13 ސަހަރައްދަކުން އިނގިރޭސީންގެ ވަކިތަކުން ސަލާމަތްވެ އެމީހުންގެ އަމިއްލަ ވެރިކަމެއް ޢިއުލާން ކުރި ދުވަހެވެ. މިއަދުވެސް އެމެރިކާގައި ޖުލައި 4 ވަނަ ދުވަހަކީ އެ ގައުމުގެ މިނިވަން ދުވަހެވެ.          

އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބުގެ ވާހަކަ ދައްކާއިރު މިހާވަރުގެ ކުރު ޚުލާސާއެއް ނަމަވެސް ސަންދާނުގެ ކިއުންތެރިންނަށް ގެނެސް ދިނުން އަޅުގަނޑުމެން ބޭނުންވީއެވެ. މިއަދުވެސް އިނގިރޭސި ވިލާތުގެ ޕާރލަމެންޓުގައި އެމީހުންނާ ބެހުނަސް ނުބެހުނަސް އެހެން ގައުމުތަކުން ކަންތައް ކުރަންޖެހޭ ގޮތުގެ ވާހަކަ ދެއްކުމަކީ އާންމު ކަމެކެވެ. 

އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ގުޅުންހުރި ވާހަކަތައްވެސް ބައެއްފަހަރު ދައްކަމުން ގެންދެއެވެ. ތެދަން ދަންނަވަންޏާ އަދިވެސް އެއުޅެނީ އިސްތިޢުމާރު ކޮށްގެން ގައުމުތައް ގެންގުޅު ޒަމާން ރަނގަޅަށް ހަނދާން ނައްތާ ނުލެވިގެންނެވެ.      

އިނގިރޭސި ވިލާތުން މިހާރުވެސް ޚާއްސަ ގޮތެއްގައި އޭޝިއާގެ ގައުމުތަކާއި ދޭތެރޭ ދެކެމުން އަންނަނީ ދެވަނަ ދަރަޖައިގެ ރައްޔިތެއްގެ ގޮތުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެމީހުންދެކޭ ގޮތުގައި އެމީހުންގެ ހަށިނޑުގައި ހުރި ދޮން ކުލައިން އެމީހުންގެ ދަރަޖަ މަތިވެރި ވެގެންދެއެވެ. ނަތިޖާއެއްގެ ގޮތުން އެމީހުންކުރާ ކަމަކަށް މަޝްވަރާދީ ހެދުމުގެ ފުރުސަތު އޭޝިޔާގެ ގައުމުތަކަށް ދިނުމަކީ އެމީހުން ހިތް ހަމަޖެހޭކަމެއް ނޫނެވެ. 

ނަމަވެސް މި ލިއުން ފަށަމުން އިޝާރާތް ކުރިފަދައިން އިނގިރޭސި ވިލާތުގެ ސައިޒް ކުޑަވެ މިހާރު އެއޮތީ ޖަޒީރާ ގައުމަކަށް ވެފައެވެ. މުޅިދުނިޔޭގެ މިލްކިއްޔާތު ބަނޑުދަށުލައިގެން އުޅުނު ދުވަސް މާޒީވެ ގައުމުގެ އިގްތިސާދު ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އެކުގައި މަސައްކަތް ކޮށްގެން ނޫނީ އަތާ އަނގަޔާ ދިމާ ނުވާ ފެންވަރަށް ވެއްޓިފައެވެ.

އިސްލާމީ އުންމަތުގެ ފޮތްތައް ވަގަށް ނަގައިގެން ގެންގޮސް އިނގިރޭސީންނަށް އެކަނި ތަޢުލީމި ލިބުމުގެ ފުރުސަތު ތަނަވަސް ކޮށްދިން ދުވަސްވެސް މާޒީވެ ޚާއްސަކޮށް އޭޝިޔާގެ ގައުމުތަކުގެ ދަރިވަރުން ދުނިޔޭގެ އެއްވަނަ ހޯދަމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. 

އެންމެފަހުން އިނގިރޭސީން ކަންތައްތަކުގެ ތެރެއަށް އެހެން ގައުމުތަކުން ވަދެ އެމީހުންގެ ނިޒާމު ހިނގަމުންދާ ގޮތް ބަލައި ރަނގަޅު ކުރަން ފެންނަ ކަންތައްތަކުގެ މަޝްވަރާއަށްވެސް ހުޅުވާލަންވެސް ޖެހުނީއެވެ. ހަމަކަށަވަރުންވެސް މި ހުޅުވާލުމުގައިވެސް ފޮރުވިފައިވާ ކަންތައްތަކެއް އޮންނާނެއެވެ. އެއީ އިނގިރޭސިންގެ ވިސްނުމެވެ. ކަން ކުރާގޮތް ވެސްމެއެވެ.

 އެމީހުންގެ ގޮތްތަކާއި އާދަކާދަ އޭޝިޔާގެ ގައުމުތަކަށް ފެތުރުމަށް މިކަހަލަ ވަސީލަތްތައް ބޭނުންކޮށްފާ ހުރުން އެއީ ފެންނަން އޮތް ހޙަީގަތެކެވެ. މިހާރުވެސް އެކި ސިފަ ސިފާގައި އެކަން ކުރިއަށް ދާތަން ފެނެއެވެ. އެމީހުން ބޭނުންވާގޮތުގައި އިންސާނީ ކަރާމާތާއި ހަމަހަމަ ކަމުގެ ނަމުގައެވެ. ރައްޔިތުންގެ ފައިދާއަށްޓަކައި ވެރިކަމުގެ ނިޒާމު އެމީހުންނާ އެއްގޮތް ކުރުމުގެ ނަމުގައެވެ. މީގެ ދިގު ލިސްޓެއްވެސް ލިއެވިދާނެއެވެ.               

މާދަމާ އިނގިރޭސި ވިލާތުގައި އޮންނަ އާންމު އިންތިޚާބު ހިނގަމުންދާ ގޮތް ބަލާ މޮނިޓަރ ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް އޭޝިޔާގެ ގައުމެއްގެ އޭޖެންސީއަކަށް ދީފިއެވެ. އެއީ ހަމަކަށަވަރުންވެސް އިނގިރޭސީންގެ ލޮލުގެ ކުރިމަތީގައި އެމީހުން ކަނޑައަޅާ ބަޔާންކޮށްފައި ވާ އިންސާނީ ހަމަހަމަކަމަށް ވަކާލާތު ކުރުމުގެ މިންގަނޑަށް މެލޭޝިޔާ ނުވަތަ އެ ޖަމާޢަތުގެ ޙަރަކާތްތައް ފެތިފައިވާކަން ހާމަވެގެންދާ ދަލީލެކެވެ. އޭޝިޔާ އަށް އަދި އޭޖެންސީއަށް ލިބުނު ކާމިޔާބެކެވެ.                                                              

މާދަމާ އިނގިރޭސި ވިލާތުގައި އޮންނަ އާންމު އިންތިޚާބު ހިނގަމުންދާ ގޮތް ބަލާ މޮނިޓަރ ކުރުމުގެ ފުރުސަތު ފުރަތަމަފަހަރަށް ލިބިފައިމިވަނީ މެލޭޝިޔާގެ އޭޝިއާ މިޑްލްއީސްޓް ސެންޓަރ ފޯރ ރިސާރޗް އެންޑް ޑައިލޮގު ( އޭ. އެމް. އީ. ސީ. ) އަށެވެ. އިނގިރޭސި ވިލާތުގެ އިލެކްޓޯރަލް ކޮމިޝަނުން ރަސްމީގޮތުން މިހާރު އޮތީ އެ އޭޖެންސީއަށް މާދަމާގެ އިންތިޚާބު މޮނިޓަރކޮށް ބެލުމުގެ ހުއްދަ ދީފައެވެ.                            

އޭޝިއާ މިޑްލްއީސްޓް ސެންޓަރ ފޯރ ރިސާރޗް އެންޑް ޑައިލޮގު ( އޭ. އެމް. އީ. ސީ. ) ބުނެފައިވަނީ އިނގިރޭސީ ވލާތުގެ އިންތިޚާބު މޮނިޓަރ ކުރުމުގެ ހުއްދަ ލިބުމަކީ މިހާތަނަށް އެ އޭޖެންސީން އިންސާނީ ހަމަހަމަކަމާއި ރައްޔިތުންނަށްޓަކައި ގައުމުތަކުގެ ވެރިކަން ބައްޓަން ކުރުވަން  ގުޅިގެން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މެލޭޝިޔާގެ ޚާރިޖީ ސިޔާސަތުވެސް ދުނިޔެއަށް ގަބޫލު ކުރެވެމުންދާ ކަމުގެ ދަލީލެކެވެ. 

އޭ އެމް އީ ސީ އިން ބުނެފައިވަނީ އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބު މޮނިޓަރ ކުރުމަށް މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިމަހަގޮތުގައި ކުރާނެ ކަމަށާއި އަދި ލިބޭ މަޢުލޫމާތުގެ އަލީގައި އެހެން ގައުތަކުގެ ޑިމޮކްރެސީއާއި ވެރިކަމުގައި ހާމަކުރަން ބޭނުންނުވާ ސިއްރުތައް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށް އިތުރު މަގުތަކެއް ހުޅުވިގެން ދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އޭޝިއާ މިޑްލްއީސްޓް ސެންޓަރ ފޯރ ރިސާރޗް އެންޑް ޑައިލޮގު ( އޭ އެމް އީ ސީ ) ގެ އެންމެ ޝަރަފްވެރި ބައެއް މަގާމުގައި ދިވެހިން މަސައްކަތް ކުރަމުން ގެންދިއުމުން  އެ ޖަމްޢިއްޔާ އަށް މި ޙާސިލު ކުރެވުނު ލަނޑުދަނޑިއަށްޓަކައި ދިވެހިންނަށްވެސް ރީތި ނަމެއް ލިބުނީއެވެ.

އެ ޖަމްއިއްޔާގެ އިސް މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައި ގަންނަވާ މުޢާދު މުޙައްމަދު ޒަކީ އަކީ ދިވެހިރާއްޖޭގައި އޮތް ޒަމާންވީ ޢާއިލީ ޑިކްޓޭޓަރޝިޕް ނިމުމަކަށް ގެނައުމުގައިވެސް އެންމެ ކުރީސަފުގައި މަސައްކަތް ކުރެއްވި ޒުވާން ބޭފުޅެކެވެ. 

އެހެންނަމަވެސް އެބޭފުޅާ އާއި އެބޭފުޅާގެ ބައްޕާފުޅު ނަޒާކީ ޒަކީ ހިމެނިވަޑައިގަންނަވާ ގޮތުގައި ވަރަށް މަދު ކެރޭ ދިވެހިން ކުރި މިންނެތް މަސައްކަތުން އުފަންކުރެވުނު ޑިމޮކްރެސީގެ ފުރަތަމަ ފިވަޅުވެސް އެޅިގެން ދިޔައީ ޚުދުމުޚްތާރު ވެރިކަމެއްގައި ސިލްޖެހިގެނެވެ. 

 ޑިމޮކްރެސީގެ މަގަށް މިސްރާބު ކުރެވިގެން ކޮމިޓްމަންޓް އާއި އެކު ދިވެހި ސިޔާސީ ބޭފުޅެއް ކަމުގައިވާ އަޙްމަދު ފާރިހް މުޙައްމަދު އައި ދެބޭފުޅުންގެ ބައިވެރި ވުމާއެކު  އޭޝިއާ މިޑްލްއީސްޓް ސެންޓަރ ފޯރ ރިސާރޗް އެންޑް ޑައިލޮގު ( އެ. އެމް. އީ. ސީ. ) އުފަން ކުރެވިފައިވާކަމީ ޝައްކެއްނެތި ދިވެހީންނަށް  ދުނިޔޭގެ ފެންވަރުގައި ލިބުނު ކުރިއެރުމެކެވެ.

 ޑިމޮކްރެސީ އާއި ދެފުށްފެންނަ ގޮތުގައި ރައްޔިތުންގެ ވެރިކަމަކަށް އަލުން މަގުކޮއްޓަވަން ފެއްޓެވައި އެ މަސައްކަތުގައި ދެމިހުންނެވުމުގެ ފޮނި ނަތީޖާއެކެވެ. ކުރިން ދަސްވި ފިލާވަޅުން ވަރަށް ރަނގަޅަށް އިބްރަތް ލިބިގަތުމާއިއެކުގައެވެ. ދިވެހިރާއްޖެއާއި ރާއްޖޭން ބޭރުގައެވެ. 

މިގޮތުން މުޢާދު މިހާތަނަށް ގިނަ އަމާޒުތަކެއް ރާއްޖޭންބޭރުގައި ވަނީ ޙާސިލު ކުރައްވާފައެވެ. އޭ އެމް. އީ. ސީ. ގެ އަޒުމުގައި ފަސްބެލުމެއް ނެތެވެ. ދިވެހި ސިޔާސީ ނުރަނގަޅު ސިފަތައް  ސިޔާސީ ބަސްމަގު ހެޔޮގޮތުގައި ބޭނުން ކުރައްވައިގެން، ބޭރު ދުނިޔެއަށް ހާމަކޮށްދީގެން ނަމަވެސް ރާއްޖޭ އާއި އެހެން ބައެއް ގައުމުތަކުގެ ވެރިކަމުގެ ނިޒާމް ރައްޔަތުންގެ މެދުގައި ޢަދުލު އިންސާފުން  ބައްޓަން ކުރުން ނޫން އެހެން ވިސްނުމެއް އެބޭފުޅުންގެ ނެތްކަމަށްވެއެވެ.                                       

މާދަމާ މި ބޭއްވޭ އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބު މޮނިޓަރ ކުރުމަށްޓަކައި އޭ އެމް އީ ސީ ގެ ޓީމް މިހާރު ވަނީ އިނގެރޭސިވިލާތަށްގޮސް އިލެކްޝަން މަސައްކަތް މޮނިޓަރ ކުރުމުގައި ބައިވެރިވެފައެވެ.                                     

Loading

4 Responses

  1. ގުޅި ލާމެހިފައިވާ ދުނިޔެއެއްގައި ކަންތައްތައް ހެޔޮ މަގަށް އެޅުވުމަށް ކުރާ މަސައްކަތުގައިވެސް އެހެން ގައުމުތަކުގެ ފެންނަ ފަރާތާއި ނުފެންނަ ފަރާތް އެނގުން ބޭނުމެވެ. އޭ އެމް އީ ސީ އަށް ކާމިޔާބު އެދެމެވެ.

  2. އާބާދީގައި ގާތްގަނޑަކަށް 68 މިލިއަން މީހުން ހިމެނޭ އިނގިރޭސި ވިލާތުގެ ޕާރލަމެންޓުގައި 650 ގޮނޑި. އަހަރެމެންގެ ދިވެހިރާއްޖޭގައި 0.4 މިލިއަން މީހުންނަށް މަޖިލީހުގައި 90 ގޮނޑި. ގޯހެއް ނޫން. ތަރައްގީ ދައްކުވައިދޭ ރީތި މިސާލެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް