ކައުންސިލުތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި, ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނޫނީ ނުކުރުމަށް އަންގައިފި

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވުމާ ގުޅިގެން ކައުންސިލުތަކުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ލޯކަލް ގަވަރމަންޓް މިނިސްޓްރީއިން މިއަދު އަންގައިފިއެވެ.

ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ސޮއިކުރައްވައި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މިވަގުތު އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލުތަކުގެ ރިކަރަންޓް ނުވަތަ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

އަދި މިވަގުތު ކޮންމެހެން ކުރައްވަންޖެހޭ ޚަރަދުތައް ނޫނީ ނުކުރެއްވުމަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

އެގޮތުން:

1.ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުން.

2.މުނާސަބަތުތަކާ ގުޅިގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެެއް ނުބޭއްވުން.

3.އެެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މި ދުވަސްވަރު ނުބޭއްވުން.

4.ސަރުކާރުގެ ވުޒާރާތަކާ ބައްދަލުކުރެއްވުމަށް މި ދުވަސްވަރު މާލެ ވަޑައިގަތުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތައް ރޭވުން.

މިނިސްޓަރު ވަނީ ކައުންސިލުތަކުން މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން ރާއްޖޭގެ ދަރަނި އަދާކުރުމާއި ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ކައުންސިލުތަކުން ދެއްވާ އެއްބާރުލެއްވުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރު އާދަމް ޝަރީފް. ފޮޓޯ: އަދަދު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް