ކަނބަލުންތަކެއް 17 އަހަރު ވަންދެން ދުށް ހުވަފެން, ''ޚިދުމަތުގެ'' އިސްނެގުމާއެކު ހަގީގަތަކަށް

Loading

Facebook
Twitter
WhatsApp

އެފްރިކާގެ ގައުމެއް ކަމަށްވާ ޓެންޒޭނިޔާގެ ކަނބަލުންތަކެއް މިސްކިތެއް ބިނާކުރުމަށް މަސައްކަތް ފެށީ މީގެ 17 އަހަރު ކުރިންނެވެ. މިސްކިތް ބިނާކުރުމަށްޓަކައި 17 އަހަރު ވަންދެން ފަންޑްރައިޒް ކޮށްގެން ލިބުނު ފައިސާއިން ހެދުނީ މިސްކިތުގެ ހަތަރު ފާރު އެކަންޏެވެ. އެގޮތުން ފަންޑު ހުސްވެގެން މިސްކިތް ނޭޅިގެން އެ ގައުމުގެ އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުމަށް އެ ކަނބަލުން ޕްރޮޕޯސަލްތައް ވެސް ހުށަހަޅައިފައިވެއެވެ.

ޓެންޒޭނިއާގެ ކަނބަލުން އެ މަސައްތުގައި އުޅެނިކޮށް, އެތައް ހާސް މޭލެއްގެ ދުރުމިނުގައި އޮތް މި ކުޑަކުޑަ ދިވެހިރާއްޖޭގެ ޖަމްއިއްޔާއެއް ކަމަށްވާ “ޚިދުމަތް ޖަމްއިއްޔާ“ ގެ ސަމާލުކަން އެކަން އައުމާ ގުޅިގެން އެ ޖަމްއިއްޔާއިން ވަގުތުން މަސައްކަތް ފެށިއެވެ.

“ފަންޑު ހުސްވެގެން މިސްކިތް ނޭޅިގެން އެ ގައުމުގެ އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުމަށް އެ ކަނބަލުން ޕްރޮޕޯސަލް ހުށަހަޅައިގެން އުޅެނިކޮށް, އަޅުގަނޑުމެންގެ ޚިދުމަތް ޖަމްއިއްޔާގެ ކޮލޮބްރޭޝަން ޕާޓްނަރެއްގެ ގޮތުގައި އެ ގައުމުގަ އުޅޭ މިޞްރުގެ ޝައިޚު ޔާސިރު ކިޔާ ބޭފުޅަކަށް މި ޚަބަރު ލިބިގެން އަޅުގަނޑުމެންނަށް އެންގެވީ ޓެންޒޭނިޔާގެ ކަނބަލުން އެބައުޅެއޭ މިސްކިތެއް ނޭޅިގެން. އެ މީހުންނަށް ފަންޑު ހަމަޖެހިއްޖެއްޔާ އެއީ ކުރަން ވަރަށް ރަނގަޅު ކަމެކޭ.“ ޚިދުމަތް ޖަމްއިއްޔާގެ ސަމާލުކަމަށް މިކަން އައި ގޮތް ކިޔައިދެއްވަމުން އެ ޖަމްއިއްޔާގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އެޑްވައިޒަރު އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

އެގޮތުން އެ މައުލޫމާތު ސާފުކުރެއްވުމަށްފަހު ރާއްޖޭގައި އެ ޕްރޮޖެކްޓް ހުޅުވައިލީ (މިސްކިތުގެ ފަންޑަށް) މިދިޔަ ރޯދަމަހުގެ ފުރަތަމަ ހަފުތާތެރޭގައި ކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ގާތްގަނޑަކަށް ރޯދަމަހުގެ 25 ހިސާބުގައި އެތައް ދިވެހިންނެއްގެ އެހީއާއެކު މިސްކިތް ބިނާކުރުމަށް ބޭނުންވާ ފަންޑު ލިބުނު ކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ. ފަންޑު ލިބިގެން އިންޖިނިއަރިންގ އާ މި ހުރިހާ ކަމެއް ފައިނަލްކޮށް އެ މަސައްކަތް ފަށައި އަޟްޙާ ޢީދު އަންނަންވާއިރަށް މިސްކިތް ނިމިއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް މުޙައްމަދު (އިއްބެ) އާއެކު ޓެންޒޭނިޔާއަށް ދަތުރު ފެށުން:

https://www.facebook.com/share/v/tZzVDrmuuuP8TPX5/?mibextid=oFDknk

ޚިދުމަތް ޖަމްއިއްޔާއިން އެރުުވި ދައުވަތާއެކު މެމްބަރު އިބްރާހީމާއި އަޙްމަދު ރަޝީދުގެ އިތުރުން އުކުޅަސް ހޯޕް ޖަމިއްޔާގެ ރައީސް އަދި ޚިދުމަތް ޖަމްއިއްޔާގެ ތަރުޖަމާނު އަޙްމަދު ފަޔާޟް (ލޯފަން ބޭފުޅެއް) އާއެކު ޓެންޒޭނިޔާއަށް ދަތުރު ފެށްޓެވީ މިދިޔަ އަޟްހާ ޢީދުގެ ކުރިންނެވެ.

އެގޮތުން އެބޭފުޅުން ފުރަތަމަ ވަޑައިގެންނެވީ ޓެންޒޭނިޔާގެ ސިޓީއެއް ކަމަށްވާ ދާރުއްސަލާމަށެވެ.

https://www.facebook.com/share/v/tZzVDrmuuuP8TPX5/?mibextid=oFDknk

އެކޮޅުގަ ފުރަތަމަ އިވެންޓެއްގެ ގޮތުގައި އޮތީ އަޟްޙާ ޢީދުގެ އުޟްހިޔާ ކަތިލުން. ވަަރަށް ގިނަ ދިވެހި ރައްޔިތުންގެ ހިއްސާ އޮތް ސަދަގާތެއް. ދާރުއްސަލާމުގައި ގެރިތައް ކަތިލައި ދިވެހިންގެ ނަމުގައި ލިސްޓުތަކެއް ކުރެވި ފޮޓޯ ނަގައި އެ ހުރިހާ ކަންތައްތަކުގަ އަމަލީ ގޮތުން އަޅުގަނޑުމެންނާ އެއްކޮށް އެމްޕީ ވެސް ބައިވެރިވެވަޑައިގެންނެވި“ އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

އެ ދުވަހުގެ އެ ހަރަކާތައްފަހު ކާރެއްގައި ތިން ބޭފުޅުން ދަތުރު ފެށްޓެވީ ޓެންޒޭނިޔާގެ ވެރިކަން ކުރާ ޑޮޑޯމާ ސިޓީއަށް އަށް ކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ. އެއީ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރެއްވި ދަތުރެއް ކަމަށާއި އެ ދަތުރަށް 8 ގަޑިއިރު ހޭދަވި ކަމަށް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 400-500 މީހުންގެ ޖާގައިގެ އެ މިސްކިތް ހުޅުވައިދެއްވީ މެމްބަރު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޝައިޚު ޔާސިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން މިސްކިތް ބިނާކުރުމަށް މަސައްކަތް ކުރި ކަނބަލުން އިތުރުން އެ ސިޓީގެ ގިނަ އަދަދެއްގެ ދަރިވަރުން ވެސް ބައިވެެރިވިއެވެ.

މަސްޖިދުއް ތަޢާވުންގެ ނަމުން ނަންދީފައިވާ މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މިސްކިތުގެ ތެރޭގައި އިންނަވައިގެން މެމްބަރު އިބްރާހީމް ވަނީ މިސްކިތް ބިނާކުރުމަށް ދިވެހިން ދިން ދީލަތި އެހީއާއި އިތުރު ކަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަ ދައްކަވައިފައެވެ.

https://www.facebook.com/share/v/j8ExdTdpVm1K9CmV/?mibextid=oFDknk

“ވީޑިއޯ ނެގި އިރު ވެސް އެމްޕީއަށް އޭގެ އަސަރުކޮށްފަ ވަރަށް އުނދަގުލުން އެ ވީޑިއޯ ނެގީ ވެސް. ވާ ގޮތަކީ ވީޑިއޯ ކުރިއިރު އަޅުގަނޑުމެންނަށް ވެސް އޭގެ އިމޯޝަންސް އާދޭ. ހަމަ ކައިރީގަ ތިބި ކަނބަލުންގެ ތަކުބީރުގެ އަޑު ﷲ އަކުބަރު ގޮވަމުންދޭ
އެ މީހުންނަށް އެ ލިބުނު އުފަލުގެ ބޮޑުކަމުން.“ މެންބަރު އިބްރާހިމް ދެއްވި އަސަރުގަދަ ތަގުރީރުގެ ވީޑިއޯއާ ގުޅޭ ގޮތުން އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ދިވެހިންގެ އެހީއާއެކު ބިނާކުރި މި މިސްކިތުގައި ދެ ޖިންސްގެ މީހުންނަށް ވަކިން ވުޟޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ. ކާޕެޓު އަޅައި ޒީނަތްތެރިކޮށްފައިވާ މި މިސްކިތުގައި 6 ފާޚާނާ ވެސް ވަނީ ހަދައިފައެވެ.

ނުނިމެނީ ހަމައެކަނި މުންނާރުގެ މަސައްކަތެވެ. އެ މަސައްކަތް އީދާ ހިސާބަށް ނުނިމުނީ އެތަނުގެ މޫސުން ވަރަށް ގޯސްވުމާ ގުޅިގެން ދަތިތަކެއް ކުރިމަތިވުމުންނެވެ. މިހާރު މުންނާރުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ޚިދުމަތް ޖަމްއިއްޔާގެ މައްޗަށް ނަޒަރެއް:

ޚިދުމަތް ޖަމްއިއްޔާ އުފެދުނު ފަހުން ދެވަނަ އަހަރަށް ފެށުނުއިރު, އެ ޖަމްއިއްޔާއިން މިހާތަނަށް ވަނީ އެކި ފަރާތްތަކަށް އެހީވުމުގެ ގިނަ މަސައްތަކެއް ކުރިއަށް ގެންގޮސްފައެވެ.

“އުކުޅަހުގަ ނިކަމެއްޗެއްގެ ގެއެއްގެ މަސައްކަތްކޮށްދޭން ފަޔާޟް އޭރު މަސައްކަތް ކުރީ. އުކުޅަހުގަ އޮންނަ އުކުޅަސް ހޯޕް ކިޔާ ޖަމްއިއްޔާ. އެ ޖަމްއިއްޔާއިން އެ ރަށުގެ ވަރަށް ފަގީރު ނިކަމެތި ފަރާތެއްގެ ގެ ހިޔާކޮށްދީ އެ ގެ ހެދުމުގެ މަސައްކަތުގަ އުޅެނިކޮށް ޚިދުމަތުގެ ޓީމުގެ ދެ ފައުންޑަރުންނަށް މީގެ މަސައްކަތް ފެނިގެން މިދިޔައީ. ގޮސް އެބޭފުޅުންނާ ބައިވެރިވެގެން އެހިސާބުން ޚިދުމަތް ޖަމްއިއްޔާ ވުޖޫދަށް ގެނެވިގެން ޚިދުމަތް ޖަމްއިއްޔާގެ ފަރާތުން ފަންޑުކޮށްގެން އެ ގެ ފުރަތަމަ ޕްރޮޖެކްޓެއްގެ ގޮތުގަ މަސައްކަތް ކުރެވުނީ.“ ޚިދުމަތް ޖަމްއިއްޔާ ވުޖޫދަށް އައި ގޮތް ކިޔައިދެއްވަމުން އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

އޭގެފަހުން ފަލަސްޠީނަށް އެހީތެރިވުމަށް ފަންޑްރައިޒް ކުރުމާއި މިފަދަ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ބަންގްލަދޭޝްގެ ރޮހިންގްޔާ ކޭމްޕަށް މިދިޔަ ރޯދަ މަހު އެެއްކޮށް 300 އާއި 400 އާ ދެމެދުގެ މީހުންނަށް ރޯދަ ވިއްލުން ދިނުން ހިމެނެއެވެ.

“ޣައްޒާގައި ދެ ބަދިގެއެއް ތައްޔާރުކޮށްގެން ކޮލޮބްރޭޓް ޖަމްއިއްޔާތަކާ ގުޅިގެން ދިވެހިންގެ އެހީތެެެރިކަމާއެކު ޣައްޒާގެ ކުދިންނަށް ވެސް ރޯދަވިއްލުން ދީފަވާނެ.“

ހަމަ އެފަދައިން ޓެންޒޭނިއާގައި ރޯދަ ވިއްލުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

މިހާރު ބަންގްލަދޭޝްގަ 3 މިސްކިތެއްގެ މަަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެއިތުރުން އެ ގައުމުގައި ހަދަން ފަށާފައި ނުނިމި ހުރި މިސްކިތެއް ނިންމަން އެހީވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

https://www.facebook.com/share/v/9E3nJPK4DQrFUddZ/?mibextid=oFDknk

މީގެއިތުރުން ދިވެހިންގެ އެހީއާއެކު ޚިދުމަތް ޖަމްއިއްޔާއިން ދާދިމިދާކަށް ދުވަހު ޣައްޒާގައި ވެސް ވަނީ މިސްކިތެއް ހުޅުވައިފައެވެ.

“މިއަދާ ހިސާބަށް އައިއިރު އެންމެ އުފާވާ އެއްކަމަކީ ދެވަނަ އަހަރަށް މި މަސައްކަތް ފެށުނުއިރުގަ ފުރަތަމަ އަހަރުގަ ކުރެވުނު މަސައްކަތްތަކާބެހޭ ގޮތުން ރައްޔިތުންނަށް ހަގީގަތުގަ އެންމެ ބޭނުންވާނެ އެއްކަމަކީ ފައިސާގެ ވަރަށް ބައިވަރު މުއާމަލާތްތަކެއް ދިވެހި ރައްޔިތުން މި ކުރަނީ. އެހެންވީމަ އެ މުއާމަލާތްތަކުގެ އަލީގަ ބޭނުންވާނީ ކިހިނެއްތޯ ފަންޑްތައް ކުރިއަށްގެންދަނީ އެހެންވީމަ އެކަމުގެ އެންމެ ބޮޑު ހެއްކަކީ ރަނގަޅު އޮޑިޓް ރިޕޯޓެއް އޮތުން. އަޅުގަނޑުމެން އޮޑިޓް ރިޕޯޓެއް ފައިނަލްކޮށްފަ ޔޫތު މިނިސްޓްރީގެ ޖަމްއިއްޔާތަކާބެހޭ ބަޔަށް މިހާރު އޮންނާނީ އޮޑިޓް ރިޕޯޓް ފޮނުވައި ޖަމްއިއްޔާގެ ވެބްސައިޓުގަ ވެސް ޝާއިއުކޮށްފައި.“

“އެއީ އެންމެ ބޮޑު އެއް ކާމިޔާބަކީ“ އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަމްއިއްޔާގެ ވަގުފު ފަންޑުތަކާ އެއްޗެހި ހިނގަމުންދާނީ ވަރަށް އިންޑެޕެންޑެންޓްކޮށެވެ. އޮޑިޓް ކުރަނީ ވެސް އިންޑެޕެންޑެންޓް ފާމަކަށް ހުރިހާ މައުލޫމާތުތަކެއް ހިއްސާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

“އެހެންވީމަ ވަރަށް ޓްރާންސްޕޭރެންޓްކޮށް ކޮންމެ ރައްޔިތަކަށް ވެސް ހިއްސާކޮށްލެވޭ ގޮތަށް ވެބްސައިޓު ވެސް ފަރުމާކޮށްފަ ވާނީ. އެންމެ ހިތްހަމަޖެހޭ ބޮޑު ކާމިޔާބަކީ އެއީ. ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް އެ މަސައްކަތް ކުރެވޭތީ.“ އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް