ފަނޑިޔާރު ވިދާޅުވީ ވައަތް ކަނޑާލައިފައި އެއްލައިލުމަށް

Loading

Facebook
Twitter
WhatsApp

އެއް ރެއެއްގެ އިރާކޮޅެވެ. ގަޑިން އަށްގަޑި ބައިވަނީއެވެ. ރަށުގެ އެއް ފަނޑިޔާރެއްގެ ގޭގެ ސުފުރާމަތި ފަޅުފިލުވައިލައިފައިވަނީ ހުނި ރޮށްޓާއި ރިހާކުރު ބޯތަށްޓަކާއި ހޫނު ކަޅު ސައި ޖޯޑުތަކުންނެވެ. އެ ތަކެއްޗަށް އިންސާފުކުރައްވަން ތިއްބެވީ އެ ގޭގެ ފަނޑިޔާރުގެ އިތުރުން އެ ރަށުގެ އެހެން ފަނޑިޔާރެކެވެ.

ކާގޭގައި މޭޒު ބަހައްޓާފައިވާ ގޮތުން މޭޒު ކައިރީގައި އެއްފަހަރާ ފަސޭހަކަމާއެކު ތިބެވޭނީ ދެ މީހުންނަށެވެ. އެހެންކަމުން ތަންކޮޅެއް ދުރުގައި އަޅުގަނޑު މަޑުކޮށްގެން ހުރީމެވެ.

ދެ ފަނޑިޔާރުން އެކިއެކި ވާހަކަފުޅުތައް ދައްކަވަމުން، ފަރީއްކުޅުވަމުން ގެންދަވައެވެ. އެއިން އެއް ފަނޑިޔާރަކު ވައަތުން ޖޯޑުގައި ހިއްޕަވައިގެން، ސައިފޮދު ހިއްޕަވާ މަންޒަރު ފެނިގެން ދުރުގައި ހުރެފައި އަޅުގަނޑު ދެންނެވީމެވެ.

އަޅުގަނޑު: ރިވެތި ކަންކަމުގައި އިސްކުރަންވާނީ ކަނާތް ކަމުގައި ހަދީސްތަކުގައި ބަޔާންވެފައިވޭ ނޫންތޯ!

ފަނޑިޔާރު (ކުޑަކޮށް ހިތްހަމަޖެހިނުލައްވައިފައި) : ކަނާތުން ޖޯޑުގައި ހިފީމާ ކާއެއްޗެހި އުނގުޅޭނެ. އެއީ ރިވެތި އާދައެއް ނޫން. ދީނަކީ ލުއި ފަސޭހަ ދީނެއް. ދީނުގައި ހައްދުފަހަނައަޅައި ދިއުމެއް ނޯވޭ.

އަޅުގަނޑު: ކެއިންބުއިމުގައި އިސްކުރަނީ ކަނާތް ކަމާއި މިސްކިތަށް ވަންނައިރު އިސްކުރާނީ ކަނާތު ފައި ކަމާއި ފާޚާނާއިން ނިކުންނައިރު އިސްކުރާނީ ކަނާތު ފައިކަމާއި މިފަދަ ކަންކަމަކީ ސުންނަތުން ސާބިތުވާން ހުރި ކަންކަމެއް ނޫންތޯ!

ފަނޑިޔާރު (ވާހަކަ ބަދަލުކޮށްލައިފައި) : ސުންނަތަށޭ ކިޔައިގެން ތި އުޅޭ ބައިގެ މީހުން، ޙައްޖުގެ އަޅުކަން އަދާކުރުމަށް މަތިންދާބޯޓުގައި މައްކާއަށް ދަނީ ކީއްކުރަންތަ! ރަސޫލާ މަދީނާގައި ހުންނަވައިފައި، ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެންނެވީ ޖަމަލުކޮޅެއްގައި ނޫންތަ!

އެހިނދު އަޅުގަނޑު އަޖައިބުވެ އަންތަރީސްވިއެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މައްކާއަށް ދެވޭނީ ވައިގެ މަގުން ނުވަތަ ކަނޑު މަގުންކަން ފަނޑިޔާރަށް އެނގިވަޑައިނުގެންނެވުމުންނެވެ.

އަޅުގަނޑު: ޖަމަލަކީ ރާއްޖޭގައި އުޅޭ އެއްޗެއް ވެސް ނޫނެއް ނޫންތޯ! ޖަމަލަކީ ރާއްޖޭގައި އުޅޭ އެއްޗަކަށްވެފައި، މައްކާއަށް ދެވޭ ވަރުގެ ވަރުގަދަ ދެ ފިޔަ އޭގައި ހުންނަނަމަ، އެ  ޖަމަލުތަކުގައި ހާދަ ބަޔަކު މައްކާއަށް ދިޔައީސް ނޫންތޯ!

ފަނޑިޔާރު (ކުޑަކޮށް ހުއްޓުން އަރައިފައި އިންނަވާފައި) : ތި އުޅޭ މީސްމީހުން ތުނބުޅި ދިގުކުރަނީ ކޯއްޗެއްގައި އެ ގޮތަށް އަންގާފައި އޮވެގެންތަ! ބަލަ އަޙުމަދާ! އަޙުމަދުމެންނަކަށް ނޭނގޭނެ. މިހާރު މި ގެންގުޅޭ ކަހަލަ ތޫނު ހަތިޔާރުތަކެއް (ރަސޫލާގެ ޒަމާނުގައި) އޭރަކު ނުހުރޭ. މިހާރު މި ހުންނަ ކަހަލަ ރޭޒަރުތައްފަދަ އެއްޗެއްސެއް އޭރަކު ނުހުރޭ. ވީމަ އޭރުގެ ބޭކަލުންނަކަށް ތުނބުޅި ކޮށާފައި ބެހެއްޓުމުގެ ފުރުސަތެއް ވެސް ނުލިބޭ. އަޙުމަދުމެން ކަހަލަ ކުދިންނަށް ޅަކަމުން އަދި ނުވިސްނެނީ.

އަޅުގަނޑު: އޭރު ހަނގުރާމަތަކުގައި ބޭނުންކުރާ ކަނޑިތަކުގެ މަތިން ހަނދުމަފުޅު ނެތީތޯ! އެހެންކަމަށްވާއިރު ތުނބުޅި ކޮށައި، ތުނބުޅި ބާލާނެ ފަދަ އާލާތްތައް ވެސް، އެ ބޭކަލުންނަށް އުފެއްދެވޭނެ ނޫންތޯ!

ފަނޑިޔާރު (ހިނދުކޮޅަކު ހިމޭނުން އިންނަވައިފައި) : ތުނބުޅި ދިގު ކުރީމާ ކައިގެން އަވަދިވާއިރު، މުޅި ތުނބުޅީގައި ހުންނާނީ ކާއެއްޗެހި. ތި އުޅޭ ގިނަ މީސްމީހުން ކައި އަވަދިވެގެން ބޭރަށް ނިކުންނައިރު ހީވަނީ މުޅި ތުނބުޅީގައި ރޮށި އެލުވައިގެން އުޅޭހެން.

އަޅުގަނޑު: ތުނބުޅި ދިގުކޮށްފައި ހުންނަ ކޮންމެ މީހަކީ މުޑުދާރު މީހެއް ނޫން. ބަޔަކު މުޑުދާރުކޮށް އުޅުނަސް، އެންމެންނަކީ އެ ކަހަލަ ބައެއް ނޫން.

ކޮޓަރީގައި ހުރި ހަރުގަނޑުގައި އޮތް ފޮތެއްގެ މަތިން ކުއްލިއަކަށް ހަނދާންވިއެވެ. އެ ފޮތުގައި އޮތް އެއްޗެއް ވެސް ފަނޑިޔާރަށް ދަންނަވާނަމޭ ހިތައި، ފޮތް ބަލައި ދިޔައީމެވެ. އަދި ފޮތް ހިފައިގެން އައިސް ކުރިން ހުރި ތަނުގައި ހުއްޓިހުރެ އަޅުގަނޑު ފަނޑިޔާރަށް ދެންނެވީމެވެ. އަޑުއައްސަވާށެވެ!

ފޮތް ހުޅުވައިލައި އަޅުގަނޑު ކިޔައިލީ އިބުނު ރާފިޢު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވި ކަމަށް އަބޫދާވޫދުއާއި އިބުނުމާޖާ ތަޚުރީޖު ކުރައްވައިފައިވާ ހަދީސުގެ މާނައެވެ.

އެ ހަދީސުގެ މާނައިގައި އޮތީ, ”ތިޔަބައިމީހުންކުރެ މީހަކު (ބަޔާންވެވިގެންވާ ގޮތުގައި) ތިމަން ރަސޫލާއަށް ނުފެންނަހުށިކަމެވެ. އެ މީހަކު އިށީނދެގެން ބާލިސްމަތީ ލެނގިލައިގެން ވަނިކޮށް ތިމަން ރަސޫލާ ކުރައްވައިފައިވާ އަމުރުތަކުގެތެރެއިން ކަމެއް ނުވަތަ މަނާ ކުރައްވައިފައިވާ ކަންތަކުގެތެރެއިން ކަމެއް އެ މީހެއްގެ ގާތަށް އައުމުން ބުނާނެއެވެ. ތިޔައީ އަހަރެމެން ދަންނަކަމެއް ނޫނެވެ.“

ހަދީސް ކިޔައި ނިމުނުތަނާ ފަނޑިޔާރު ވިދާޅުވީ އަޙުމަދު ތި އުޅެނީ ފޮތުގެ ބަނޑޭރިގަނޑުން ކިޔަވައިގެން ކަމަށެވެ.

ވައަތަކީ، ހަޑި ކަންތައްތަކުގައި އިސްކުރަން އޮންނަ އަތެއް ކަމަށްވާނަމަ، ވައަތުގެ ބޭނުމެއް ނެތެއްނޫންހޭ ވިދާޅުވިއެވެ. އަދި ވައަތް ކަނޑައިލައިފައި އެއްލައިލަންވީ ނޫންހެއްޔޭ ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުގެ ވާހަކަފުޅުތައް މި މޭރުމުން ހުރުމާއެކު، ފޮތް ހިފައިގެން އަޅުގަނޑު ހިނގައްޖައީމެވެ. އޭރު ދެ ފަނޑިޔާރުން ފަރިއްކުޅުއްވައި ވެސް ނިމެނީއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން މަގުމަތިން ވެސް އެ ފަނޑިޔާރާ ދިމާވިއެވެ. ކައިރީގައި ހުއްޓިލުމުން މީ ކީއްކުރަން ބަހައްޓާފައި ހުރި އެއްޗެއްހޭ ވިދާޅުވެ މަޖަލަކަށް ހައްދަވައިފައި, އަޅުގަނޑުގެ ކުޑަކުޑަ ތުނބުޅީގައި ހިއްޕަވައި ދަންމަވައިލެއްވިއެވެ. ކުޑަކޮށް ތަދު ވެސް ވިއެވެ. ރުޅި ވެސް ގަދަވިއެވެ. ނަމަވެސް ރުޅި މޫނެއް ނުދައްކަމެވެ. އެއްވެސް އެއްޗެއް ނުކިޔަމެވެ. ހިނިތުންވުމަކުން ފުއްދައިލީއެވެ.

ނުރުހުންވެ އެއްޗެހި ކީނަމަ ފަނޑިޔާރުގެ އަބުރާ އިއްޒަތާއި ޝަރަފާއި ކަރާމާތަށް އަރައިގަތް ކަމަށް ބުނެ ކުޑަގޮޅިއަށްލައި ދައުވާ އުފުލައި ވާނުވާގައި އެތައް ދުވަހަކު ބޭއްވީސް ވެސް ތޯއްޗެކެވެ!

ނޯޓް: ލިޔުމުގައިވާ ހަދީސްގެ ތަރުޖަމާ ނެގީ ޢަބްދުއްރަޙީމް މުޙައްމަދު ލިޔުއްވައިފައިވާ “ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރުމާއި އަދި އެކަމުގެ ޙާލަތްތަކާއި ޙުކުމްތައް“ މި ފޮތުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް