ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ފުދުންތެރި، މިނިވަން ރައްޔިތަކަށް ހަދަން: ރައީސް

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފަތިބި ރައްޔިތަކަށް ހަދަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިނގުރައިދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ’ފުޑް ސެކިއުރިޓީ‘ ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް އޮތް ދެތިން އަހަރަށް ކުރާ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ގޮތް ޤާއިމުވެގެންދާނެ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފަތިބި ރައްޔިތަކަށް ހަދަން ކަމުގައެވެ.

މިގޮތުން އެކަން ހާސިލްވާނީ އުމްރާނީ، އިޤްތިޞާދީ، އަދި އިޖުތިމާޢީ ތަރައްޤީގެ ގޮތުން ފުދުންތެރިކަން ހާސިލްކުރެވުމާއެކު، އެހެން ބައެއްގެ އަތް މަތީގައި ޤައުމުގެ ކަންކަން ނިންމަން އޮންނަ އޮތުން ބަދަލު ކުރެވުނު ދުވަހަކުން ކަމުގައި ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރަނީ އެ މަގުން ކަންތައްތައް ގެންދެވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވަޢުދަށް އިޙްތިރާމު ކުރާނެ ކަމުގައި ވިދާޅުވެ ރައީސް ވަނީ ރ. އަތޮޅުގައި ރައްޔިތުން އެދޭކަހަލަ އެއާޕޯޓެއް ޤާއިމުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައްވައި އެ މަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ގޮތުން އެތައް ވަޒީފާއެއް އުފެދި ސަރުކާރަށް، ދައުލަތަށް، އަދި ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ހޯދަންޖެހޭ އާމްދަނީ އެކަމުގެ ސަބަބުން އެތައް ގޮތަކުން އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައެވެ.

އިނގުރައިދޫއަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަޑައިގެންނެވި ހަތަރުވަނަ މަންޒިލެވެ.

Loading

One Response

  1. ބޭނުންވާ ކަންތައްތަކެއް ހުރެދާނެއެވެ. ސުވާލަކީ އެކަންތައް ކުރެވިދާނެ ހެއްޔެވެ ނުވަތަ ކުރިޔަ ދީފާނެ ހެއްޔެވެ ؟ ސިޔާސީ މަގާމުތަކަށް ހޭދަކޮށްފާ މަޖިލީސް މެމްބަރުންގެ ބޭނުންތަކަށް ހޭދަކޮށްފައި ގައުމަށް ލިބޭ އެއްޗަކުން ބާކީ ނުވެގެން މަގު ހެދުމާ ނަރުދަމާދެމެުމާ އެއަރޕޯރޓް ހެދުމާ މިހުރިހާކަމަށް ދަރަނި ނަގަން ޖެހޭއިރު ރައްޔިތުންނަށް ފުދުންތެރިކަން ހޯދާ ދެއްވަން ކުރައްވަން ބޭނުންފުޅުވާ އެހެންކަންތަކަށްވެސް ދަރަނި ނަންގަވާނަމަ އެއީ ތިޔަ ވިދާޅުވާ މަންޒިލަށް ދިއުން ވަރަށް ދުރު މަގެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް