ހަގީގީ މާނައިގައި އަންހެނުން ބާރުވެރިކޮށް ދާއިރާގެ އަޑުއިއްވެވުމަށް މިފަހަރު ޒީނާޒް

Loading

Facebook
Twitter
WhatsApp

ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައި ހަގީގީ މާނައިގައި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރެއްވުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި ކުޑަކުދިންގެ ހިޔާގެ ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ޒީނާޒް އަދުނާން ކެމްޕޭން ފަށްޓަވައިފިއެވެ.

ޕީޕއެމް-ޕީއެންސީގެ ޓިކެޓުގައި ޒީނާޒް ވާދަކުރައްވަން ނިންމަވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށެވެ. އެއީ ޒީނާޒްގެ އުފަން ދާއިރާއެވެ.

“އަބަދުވެސް އުންމީދެއް ދާއިރާއަށް އަޅުގަނޑަށް މި ލެވެލްގަ މަސައްކަތް ކޮށްދެވޭނެ ފުރުސަތެއް ހޯދުން. މިކަހަލަ ޕްލެޓްފޯމަކަށް އައިސްގެން ނޫނީ ދާއިރާއަށް ޚިދުމަތް ކުރުމުގެ ފުުރުސަތު ތަންކޮޅެއް ހަނިކޮށް މި އޮތީ.“ ސަންދާނަށް ދެއްވި ބަސްދީގަތުމެއްގައި ޒީނާޒް ވިދާޅުވިއެވެ.

ހަގީގަތުގައި އޭނާގެ ބޭނުމަކީ ދާއިރާއަށް ޚިދުމަތެއް ކުރެއްވުން ކަމަށް, ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހޯދައިދެއްވަން އެކި ލެވެލްގައި މީގެކުރިން އެކިގޮތްގޮތުން މަސައްކަތް ކުރައްވާފައިވާ ޒީނާޒް ވިދާޅުވިއެވެ.

ޒީނާޒް ވިދާޅުވީ އޭނާގެ މަގުސަދަކީ ޕޮލިސީ ލެވެލްގައި އަންހެނުން ބާރުވެރިކުރަން ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިތޯ ބަލައި އެކަން ކުރެއްވުމެވެ. ހަމަ އެފަަދައިން ވަކި ޖިންސެއް ތަފާތުނުކޮށް ދެ ޖިންސްގެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް އަޑުއުފުއްލެވުމެވެ.

“އަޅުގަނޑު ވަރަށް ދެކެން ބޭނުން އަންހެނުންނަކީ އިގުތިސާދީ މިނިވަންކަން ލިބިފައި ތިބި ބަޔަކަށް ވުން. އޭގެ މިނިވަންކަން ވެސް ލިބުން. އޭގަ އަންހެނުން, ފިރިހެނުން މާ ބޮޑަށް ތަފާތު ކުރުމެއް ނޫން. އަޅުގަނޑުގެ ފޯކަސްއަކީ އަޅުގަނޑުމެން އަންހެނުން ބައިވެރިވުން މި ގައުމުގެ ތަރައްގީގަ ވެސް ފުރިހަމައަށް ލިބޭނީ އަންހެނުންނަށް ހުރިހާ ލެވެލްއެއްގައި މަޖިލިސް އެކަންޏެއް ނޫން, އަޅުގަނޑުމެންގެ ގައުމުގެ ބަސްކިޔާ ހުރިހާ ހިސާބެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެން.“ އަންހެނުންގެ އިތުރުން ފިރިހެނުންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރުމަށް އަންހެނުންނަކީ ވެސް ހަމަ ކޭޕަބަލް ބައެއްކަން ފާހަގަކުރައްވައި ޒީނާޒް ވިދާޅުވިއެވެ.

މީގެއިތުރުން ޒީނާޒް ވިދާޅުވީ އޭނާއަކީ ދާއިރާގެ އަޑުއަހާނެ މެކޭނިޒަމްއެއް ގާއިމުކުރާނެ ބޭފުޅަކަށްވާނެ ކަމަށެވެ.

“ޖުމްލަ ގޮތެއްގައި އަޅުގަނޑުމެން ރައްޔިތުންތެރޭގައި ހުރި ކަންބޮޑުވުންތައް އަޑުއަހައިގެން ކަންބޮޑުވުންތަކަށް މެކޭނިޒަމްއެއް ގާއިމުކުރުން އެ އަޑުތައް ގާތުން އެހޭނެ ގޮތަކަށް. އެ މީހުންނާ ކައިރިން ބައްދަލު ކުރެވޭނެ ގޮތެއް.“ ޒީނާޒް ވިދާޅުވިއެވެ.

“ފުރުސަތު ދެއްވައިިފިއްޔާ, އަޅުގަނޑުގެ ދައުރުގަ އަޅުގަނޑު މަސައްކަތް ކުރާ ގޮތް ދެން ހަމަ ތަފާތުވާނެ އިރާދަކުރެއްވިއްޔާ.“

1994 ވަނަ އަހަރު ޒީނާޒް ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ މުދައްރިސެއްގެ ގޮތުގައެވެ. ނަމަވެސް އޭގެކުރިން ވަގުތީ މުދައްރިސެއްގެ ގޮތުގައި ޒީނާޒް މަސައްކަތް ކުރެއްވިއެވެ.

“ދެން އޭގެ ފަހުން އަޅުގަނޑުމެންގެ ދާއިރާއަށް އަލަށް ސްކޫލެއް އުފެދުނުއިރު, އެ ސްކޫލް އެސްޓަބްލިޝް ކުރިއިރު އެންމެ މަސައްކަތް ކުރި އެކެއް އަޅުގަނޑަކީ.“ ބެލެނިވެރިންނާ ވަރަށް ގާތް ގުޅުމެއް އުފެދި ޕީޓީއޭގަ ވެސް ވަރަށް އިސް ރޯލެއް އަދާކުރެއްވިކަން ފާހަގަކުރައްވަމުން ޒީނާޒް ވިދާޅުވިއެވެ.

އޭގެފަހުން ޒީނާޒް ވަނީ ތައުލީމީ ވުޒާރާގައްޔާއި ކުޑަކުދިންގެ ހިޔާގެ ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފައެވެ.

Loading

One Response

  1. ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރެޓީ ދޭކަށް ނުވާނެ ސަމާލުވޭ އެމްޑީޕީ ސަރުކާރަށް މެޖޯރެޓީ ދިނީމާ ވީގޮތް ހެކިވާނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް