އެމްޑީޕީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އުފަންވި ރަން ރީނދޫ ލަސްކަރު ރާއްޖޭގެ ރަށްތަކަށް ފެތުރިގަތީ ފަތު އަޑު ކިޔައިފައެވެ. އެމްޑީޕީގެ ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ޕާޓީގެ މޫތައް ވަރުގަދަވިއެވެ. އެމްޑީޕީއަކީ ދުވަހަކުވެސް ”ފެތޭނެ އޮޑިއެއް ނޫން“ ކަމަށް ހަރު އަޑުން ނަޝީދު އެތައް ޕޯޑިއަމްއަކު ވިދާޅުވެފައި އެބަހުއްޓެވެ. މައުމޫން ނޫން ގޮތެއް ހޯދުމަށް ގެނައި އެމްޑީޕީ ވެރިކަމުންވެސް ރައްޔިތުންނަށް ލިބުނު މާ ބޮޑު މޮޅުތަކެއް ނެތެވެ. ސަޅި ބައިސާ ކެނޑުމަށް ފަހު ވެރިކަމުގެ އަރާމާއި ލައްޒަތު ލިބުމުން، ވީ އަހުދާއި ހުވާ މަތިންވެސް ހަނދާން ނެތުނީއެވެ. އެންމެ ފަހުން އެމްޑީޕީގެ އޭރުގެ ސަރުކާރާ ގިނަ ބަޔަކު ނުހުރި، ދައުރުގެ މެދުތެރެއިން ވެރިކަން ބަދަލުކުރުމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުކުމެ އެކަން ކާމިޔާބު ކުރިއެވެ. އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި ނަޝީދު އަމާންދެއްވީއެވެ.
ނަޝީދު އިސްތިއުފާ ދެއްވުމުން ދައުރުގެ ބާކީ އޮތް ދެ އަހަރު ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވީ، އެ މަނިކުފާނުގެ ނައިބެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ހަގީގަތަކީ، ނަޝީދުގެ ވެރިކަން ބަދަލުކުރަން އޭރު މަސައްކަތް ކުރި ފަރާތްތަކާއި ޑރ. ވަހީދު ގާތް ގުޅުމެއް އޮތް ކަމެވެ. ފާޅުގައި ނުބުނިއެއްކަމަކު ޑރ. ވަހީދުވެސް ހުންނެވީ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ބޭނުންވެފައެވެ.
ޑރ. ވަހީދުގެ ވެރިކަމަށް ފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހީން އަނެއްކާވެސް ނުކުތީ ބަދަލަށެވެ. ފިޔާތޮށި ލަސްކަރުގެ މާލިމީއެއްގެ ގޮތުގައި، ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި އޭރު ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ޔާމީން އަބްދުލްގައްޔޫމް ވާދަކުރެއްވިއެވެ. އެމްޑީޕީގެ ފަރާތުން ނުކުންނެވީ ހިތްތަކުގެ ރައީސްކަމުގައި އެވެރީން ގަބޫލުކުރާ ރައީސް ނަޝީދެވެ. ނަމަވެސް ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައި ޔާމީން ވަނީ ރާއްޖޭގެ ރައީސް ކަމަށް އިސްވެފައެވެ.
ރައީސް ޔާމީންގެ ފަސް އަހަރު ދުވަހަކީ ރާއްޖެއަށް މީން ޒަމާނަކުވެސް ނުގެވޭހާ ތަރައްގީ ގެނެސްދިން ފަސް އަހަރެވެ. ސިނަމާލެ ބުރިޖާ ހިޔާ މަޝްރޫއުން އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ދަރުމަވަންތަ ހޮސްޕިޓަލު ފަދަ ތަންތަނަނީ އެކަމުގެ ހެއްކެވެ. އޭގެ އިތުރުންވެސް އުމްރާނީ އެތައް ތަރައްގީއެއް ރާއްޖެއަށް ގެނެސްދެއްވައި އިގްތިސޯދީ ހަމަޖެހުން ރާއްޖެއަށް ގެނެސްދެއްވިއެވެ. ދިވެހީންގެ މައި ދޮރާށި، އިންޑިއާގެ ޖީއެމްއާރުގެ އަތުން އަނބުރާ ހޯދައި ދިވެހީންނަށް ދިވެހީންގެ ދޮރާށި ރައްދުކޮށްދިނެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު 2018ގައި ހަމަވެ، ކުރިމަތިވި އިންތިހާބުން އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ނެންގެވީވެސް އެމަނިކުފާނެވެ. ނަމަވެސް އެހެން ހުރިހާ ސިޔާސީ ޕާޓީއެއް އެކުވެ، ހަނި ތަފާތަކުން ރައީސް ޔާމީންގެ މައްޗަށް ކުރި ހޯދިއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުނުތާ ހަތް އަހަރު ފަހުން އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއް 2018 ވަނަ އަހަރު އުފެދުނެވެ. އެއީ އަދުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމެވެ. ރައީސް ސޯލިހަށް ރައީސްކަމަށް އާދެވުނީ، އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެންކަމީ އެންމެން ދަންނަ ހަގީގަތެވެ. ސަބަބަކީ، ރައީސް ސޯލިހަކީ އެއިރު ގިނަ ބައެއްގެ މެދުގައި މަގުބޫލު ސަހުސިއްޔަތަކަށް ނުވުމެވެ. ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު އިންނެވިޔަސް ރައީސް ސޯލިހު އެނގޭ މީހުން މަދެވެ. މަޖިލީހުގައިވެސް އެ މަނިކުފާނަކީ، ބަސް މަދު ބޭފުޅެކެވެ.
އެމްޑީޕީއަށް ރާއްޖޭގެ ލަގަން ދެވަނަ ފަހަރަށް ރައްޔިތުން ހަވާލުކުރީވެސް ފޮނި އުންމީދުތަކެއްގައެވެ. ހެޔޮ ވެރިކަމެއް ކޮށްދޭނެކަމުގެ ޔަގީންކަމާއެކުގައެވެ. ރައްޔިތުންގެ ޖީބުތައް ތަނަވަސްވެ، ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެ ކަމުގެ ހުވަފެނާއެކުގައެވެ. ނަމަވެސް ފެންނަމުންދާ މަންޒަރު ތަފާތެވެ. ވެރިކަމުގެ އާރާއި ބާރު ލިބުމުން ކާންދޭ މީހާ މަތިން ރައީސް ސޯލިހު ހަނދާން ނައްތައިލީއެވެ. ރައީސް ނަޝީދަކީ، ހަމައެކަނި ”ބޮލެއް“ ކަމުގައި ދެކެން ފަށައި، އެ މަނިކުފާނުގެ އާރާއި ބާރު އެމްޑީޕީގެ ތެރެއިން ކަނޑުވާލުމުގެ މަސައްކަތް ރައީސް ފެއްޓެވިއެވެ. އެކަމުގެ ފުރަތަމަ ފިޔަވަޅަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް ނެންގެވުމެވެ. ރައީސް ސޯލިހު ދެން ފައި ހަރުކޮށްލީ ޗެއާޕާސަންގެ މަގާމަށްވެސް އެ މަނިކުފާނުގެ ބަސް ވިކޭ ބޭފުޅެއް ލެއްވުމަށެވެ. އެ މަގާމަށް އިގްތިސޯދީ ވަޒީރު، ފައްޔާޒް އިސްމާއީލް ނެރުނުއިރު، ރައީސް ނަޝީދުގެ ފަރާތުން އެ އިންތިހާބުގައި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އެ އިންތިހާބުން އިންތިވީ ބައްޔެވެ. އެ އިންތިހާބަށް ފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ބާރާއި ނުފޫޒު ބޭނުންކޮށް، އެމްޑީޕީގެ ދަފްތަރުން އެތައް ހާސް ބަޔަކު އުނިކޮށްގެން ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު ކުރި ހޯއްދެވިއެވެ. އެއާއެކު ރައީސް ސޯލިހަށް އެމްޑީޕީގެ ފުރިހަމަ ބާރު ލިބުނެވެ. އޭގެ ފަހުގައި ދެން އެ މަނިކުފާނު ފައިވިއްދައިލީ، ރައީސް ނަޝީދު އެމްޑީޕީން ބޭރު ކުރުމަށެވެ. އެގޮތުން، އެކިއެކި ފިއްތުންތަކާއި ޖެއްސުންކޮށް، އެންމެ ފަހުން މަޖިލީހުގެ ރިޔާސަތުގައިވެސް އިންނެވުމަށް އުނދަގޫވާ ހާލަތަށް ކަންކަން ގެންދިޔައެވެ. ރައީސް ސޯލިހުގެ ފަރާތުން ކުރަމުން އައި ޖެއްސުންތަކަށް ކެތްނުވެ، ރައީސް ނަޝީދަށް ތާއީދުކުރައްވާ 12 މެންބަރަކު އެމްޑީޕީން ވަކިވިއެވެ. އޭގެ ކުރިން އެއް މެންބަރަކު ވަނީ ނަޝީދަށް ތާއީދުކޮށް އެމްޑީޕީއަށް ގެއްލުންދޭ ކަމަށް ބުނެ އެ ޕާޓީން ވަކިކޮށްފައެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ”ދަ ޑިމޮކްރެޓްސް“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފަން ކުރުމާ ހަމައަށްވެސް ނަޝީދު ހުންނެވީ އެމްޑީޕީގައެވެ، ނަމަވެސް އެ ޕާޓީ ރަޖިސްޓަރީވެ، މާ ދުވަހެއް ނުވަނީސް ނަޝީދު ވަނީ 17 އަހަރަށް ފަހު އެމްޑީޕީގެ ރީނދޫ ކުލަ ދޫކޮށް ޑިމޮކްރެޓްސްގެ މަޑު ނޫ ލަސްކަރާ ގުޅިވަޑައިގެންފައެވެ. އެމްޑީޕީގެ ތެރޭގައި ލާފައިވާ ރެނދު ފުޅާވެ، އެންމެ ފަހުން ފަޅައިގެން ދިޔައީއެވެ. އެމްޑީޕީއަށްޓަކައި މަރުދިން ނަޝީދަށް ޖެހިވަޑައިގަތީ އަމިއްލަ ގެއިން މަޖުބޫރީ ހާލަތުގައި ނުކުންނަވާށެވެ. އެމްޑީޕީ މިއަދު ވަނީ ދެ ފަޅިވެފައެވެ. އެއް ފަޅިއަކީ، ޑިމޮކްރެޓްސްއެެވެ. ނަޝީދުގެ ބަހުން ނަމަ ބޮޑު ފަޅިއަކީ އެއީއެވެ. ރައީސް ސޯލިހާއެކު ތިބީ އެމްޑީޕީގެ ކުޑަ ފަޅިއެވެ.
ކޮންމެހެނަކަސް، ރައީސް ސޯލިހު މިހާރު އެ ހުންނެވީ ދެވަނަ ދައުރަކަށް ފައިނަންގަވައިގެންނެވެ. ވަރުގަދަ ޕްލޭނަކާއެކު އެ މަނިކުފާނުގެ އެންމެ ބޮޑު ޗެލެންޖު ކަމުގައިވާ ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ ސިޔާސީ ޗާޓުން ފޮހެލުމުގެ މަސައްކަތް އެ މަނިކުފާނު ކުރެއްވީ ދެވަނަ ދައުރެއްގެ ޔަގީންކަން ބޮޑުކުރުމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ލިސްޓުގައި ސަތޭކަ އެތައް ބައެއް ތިބިއިރު ފުރާނާލައިގެން، ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް، ހުކުމް ކުރިއެވެ. އެ ހުކުމް ސަލާމަތްވެ ހިންދެމިނުލެވެނީސް އަނެއްކާވެސް އިތުރު ތުހުމަތުތަކެއްކޮށް ދައުވާކޮށް، 11 އަހަރަށް ހުކުމް ކުރިއެވެ. އެއާއެކު މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ވަނީ ގެއްލިފައެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތްވުމަކީ، ރައީސް ސޯލިހަށް ލިބުނު ކާމިޔާބީއެއް ކަމަށް އެ މަނިކުފާނު ދެކެވަޑައިގަތެވެ. ނަމަވެސް އެއަށް ވުރެ ރައީސް ޔާމީންގެ ޕްލޭން މޮޅެކެވެ. ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމްއާ ގުޅިފައިވާ ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ރައީސް ޔާމީން އޮތީ އެއިރުވެސް އިރުޝާދު ދެއްވައިފައެވެ. އެގޮތުން ބެކަޕް ޕްލޭނެއްގެ ގޮތުގައި ރިޔާސީ ރޭހަށް ނެރުނީ، ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއަކީ ރައީސް ޔާމީން އެންޑޯޒްކުރައްވާފައިވާ ކެންޑިޑޭޓެކެވެ. ނަމަވެސް ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ވަނީ މުއިއްޒު ގެންގުޅުއްވަނީ އަމިއްލަ އެޖެންޑާއެއް ކަމަށާއި މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ ޕީޕީއެމްގެ ވަސްވެސް ފުހެލާނެ ކަމަށް ބުނަމުންނެވެ.
މީގެ އިތުރަށް ރައީސް ޔާމީނާއި ޑރ. މުއިއްޒުއާ ޖެއްސުމަށް އެކި ވާހަކަތައް ދަނީ ފަތުރަމުންނެވެ. ދެ ބޭފުޅުންގެ ގުޅުން ހީނަރު ކަމުގެ ޔޯލަ ވާހަކަތައް ދައުރުކުރަން ފެށިއެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ޕީޕީއެމްވެސް ޕީއެންސީވެސް އެއީ އެއް ފިކުރެއް ކަމެވެ. އެއީ އެއް ގުޅުމެއް ކަމެވެ. ހުދު ރައީސް ޔާމީންވެސް ވަނީ މުއިއްޒުއަށް ވެރިކަން ހޯދައިދެއްވުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ރައްޔިތުންނަށް ގޮވާލައިފައެވެ.
މުއިއްޒު ވެރިކަމަށް އައިސްފިނަމަ ކުރީގައި ޑީއާރްޕީއަށް ޖެހުނު ހާލު ޕީޕީއެމަށް ޖެހޭނެ ކަމަށް އެވެރީން ގަބޫލު ކުރެއެވެ. ނަމަވެސް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން ފެންނަނީ ބަދަހިކަމެވެ. ހިޔާލުތަފާތުވުންތަކާއެކުވެސް އެއް ގަލަކަށް އަރައި އެއް މިސްރާބެއް ހޯދުމަށް މަސައްކަތް ކުރާ މަންޒަރެވެ. އެމްޑީޕީ ދެފަޅިވެ، ބޮޑު ފަޅިއަކާއި ކުޑަ ފަޅިއެއް އުފެދުނަސް ޕީޕީއެމް-ޕީއެންސީ ބައިބައިނުކުރެވޭނެއެވެ. އެއީ ދެ ޕާޓިއެއް ނަމަވެސް އެ ދެ ޕާޓީގައިވެސް ޖަހަނީ އެއް ވިންދެކެވެ. އޮތީ އެއް އަމާޒެކެވެ. އެއީ ރައީސް ޔާމީން މިނިވަން ކުރުމާއި މި ސަރުކާރު ބަދަލުކޮށް ރާއްޖެއަށް ބޭނުންވާ ހަގީގީ ތަރައްގީ ގެނެސް ”ދިވެހީންގެ ރާއްޖެ“ އެއް ހޯދައިދިނުމެވެ.
One Response
ތިޔެށް ނޭންގޭނެ ބުނާކަށް މާދަމާވެސް ކަންތައް ތައް ބަދަލުވެދާނެ. ހީނުކުރާހާ ކަންތައް ތައް ދަނީ ސިޔާސީ މައިދާނުން ބަދަލު ވަމުން ދޯ.