ފެނުނު މަންޒަރުތަކާއި އިވެމުންދިޔަ އަޑުތަކުން ދިވެހިންނަށް އެނގިފައިއޮތީ ދިވެހިރާއްޖޭގެ ވެރިކަމާއި އިގްތިސާދުގެ ސިޔާސަތާއި އަދި ވެރިކަމުގައި ދިވެހިންގެ ބައިވެރިވުން އޮންނަން ޖެހޭ މިންވަރު ކަނޑައެޅުމަކީ 2000 ވަނަ އަހަރުގެ ކުރީކޮޅާ ހަމަޔަށް ހަމައެކަނި ވަކި މީހަކަށް ޚާއްސަ ކުރެވިފައިވާ ބާރެއްކަމަށެވެ.
އެހެންނަމަވެސް ދިވެހިންވެސް ދުނިޔެއަށް ލޯހުޅުވި ބޭރުގެ މަދަރުސާތަކުން ބޮޑެތިހާ ފާސްތައް ނަގައިގެން އެމީހުންގެ ވެރިކަމުގެ ނިޒާމާއި އާދަކާދަ ދަސްކޮށްގެން އައިސް ދިވެހިންނަށް ދަސްކޮށްދީފައި މިއޮތީ ރަނގަޅަށް ނޫންކަމާއި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުންނެތި ވެރިކަން އިންތިޒާމް ނުކުރެވޭނެ ކަމާއި ވެރިކަމަކީ ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އަދި ނިމެންދެންވެސް ރައްޔިތުންގެ އެއްޗެއްކަން ވަރަށް ރަނގަޅަށް ކިޔައިދީ ދަސްކޮށްދީފިއެވެ. މި ހުރިހާ ސިފަތަކެއް ފުރިހަމަވެފައިވާ ވެރިކަމުގެ ނިޒާމަށް ކުރުކޮށްލާފައި މިކިޔަނީ ޑިމޮކްރެސީ ކަންވެސް އޮޅުންފިލުވައިދީފިއެވެ.
އެ ނިޒާމަށް ވެރިކަން ބައްޓަންކުރުމުން ރައްޔިތުންގެ އަތްމަތި ތަނަވަސް ވެގެން ދާނެ ކަމަށާއި ގައުމުގެ އިގްތިސާދު ހުންނާނީ އެންމެ ހެޔޮގޮތުގައި ރޭވިފައިކަންވެސް އޮޅުންފިލުވައި ދީފިއެވެ. އޭގެ ކުރީގައި ރައްޔިތުން އުޅެންޖެހިފައިވާ ޙާލަކީ ރައްޔިތުންނަށް ލިބެންޖެހޭ މިންވަރު ނޫންކަމަށާއި މަޝްހޫރު ވިޔާފާރި ވެރިޔަކު ހިންގާ 10 ރެސޯޓުގެ ޢާމްދަނީންނާއި ލެޕްޓޮޕަކުން ދިވެހިރާއްޖޭގެ އޭރުގެ ތިންލައްކައެއްހާ މީހުންގެ ކަންކަން ކޮށްލެވޭނެކަމާއި މިކަހަލަ އެތައް އެތައް ފިލާވަޅެއް ދަސްކޮށްދީފިއެވެ. ރައްޔިތުންވެސް ގެންދިޔައީ އެފަދަ ދުވަހަކަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންނެވެ.ވާނީވެސް އެހެންތާއެވެ.
ރައްޔިތުންގެ ތެރޭގައިތިބި ގިނަ މުއްސަނދިންނަށް ލިބެމުންދިޔަ އާމްދަނީ ގުނަން ބޭނުންކުރި ސަތޭކަ ރުފިޔާގެ ބަދަލުގައި ހާހުން ބޭނުން ކުރަން އެމީހުންވެސްވެސް ބޭނުންވިއެވެ. ފައިސާގުނާއިރު ދެއިނގިލި ދޭތެރޭން ވެއްޓޭ ފައިސާފޮތި ދިވެހި ރައްޔިތުންނާ ހަމަޔަށްއަތުވެދާނެ ކަމަށް އެ ރައްޔިތުން ނަށްވެސް އުންމީދުތަކެއް ލިބިގެން ދިޔައެވެ. ރައްޔިތުންގެ މޫނުމަތިން ފެންނަމުންދިޔަ ހިތްހަމަޖެހުމުގެ ކުވަލަވަރުތައް ސިއްރެއްވެސް ނުކުރެވުނެވެ.
ދިވެހިންގެ ފުދުންތެރިކަމާއި އިގްތިސާދަށް އަންނާނެ ހެޔޮ ބަދަލުތަކުގެ ވަޢުދުތައް ފެށުނު ހިސާބަކީ ކޮބައިތޯ ދެނެގަންނާކަށް މާގިނަ ފަތްފުށްތަކެއް އުކާކަށް ނުޖެހެއެވެ. އެއީ އިއްޔެގެ މާޒީއެވެ.
މުޅިހުރިހާ ދިވެހިރައްޔިތުންގެ ބައިވެރިވުން ކަށަވަރުކޮށްދިން ވެރިކަމުގެ ނިޒާމު އުފަންކުރުވީ ބުނެވުނު ގޮތުގައި ގާނޫނު އަސާސީއެއްގައި ވަރަށް ފުރިހަމައަށް ހުދުކަރުދާހުގައި ކަޅުއަކުރުން ލިޔެވި ރައްޔިތުންގެ ނަމުގައި ސިއްކަ ޖެހިގެންނެވެ.
އެކަމަކު ޙަގީގަތަކީ އޭގައި ލިޔެފައި އޮތް އެއްޗެއް ދެނެގަތުމަށްޓަކައި އެލިއުނު މީހުންނަށްވެސް ތަރުޖަމާ ކޮށްދޭން ޖެހުނު ޙާލަތުތައް ފަހުން މެދުވެރި ވެގެންދިއުމެވެ. ކޮންމެއަކަސް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރު ކުރުމުގެ ގޮތުން ދުނިޔޭގައި އާބާދީގެ ނިސްބަތުން އެންމެ ބިޔަ ގާނޫނުހަދާ މަޖިލިސް ވުޖޫދު ކުރެވިގެން ދިޔަތަންފެނުމުން ރައްޔިތުންގެތެރޭން ކޮންމެވެސް ބަޔަކަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ގެނެސްދިނޭ ބުނެވިދާނެއެވެ.
އެކަމަކު އާންމު ރައްޔިތުންނަށް ވިސްނާލަން ނޭންގުނީ އެވަރުގެ ބިޔަ މަޖިލީހަކަށް އެމެމްބަރުން ބޭނުންވާހުރިހާ ޚަރަދެއް ކުރެވިދާނެ ގޮތެކެވެ. ވަގުތު ފާއިތުވެގެން ހިނގައްޖެއެވެ. ރައްޔިތުންނަށް ނޭންގުނަސް އެނގޭނެ ކަމަށް ހަދާފައި އެ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.
ނަސީބު ދިމާކުރިގޮތުން ރައްޔިތުންނަށްޓަކައި ކަމަށް ބުނެ އުފެއްދި ޑިމޮކްރެޓިކް ސަރުކާރުގެ ފުރަތަމަ ވެރިޔަކަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ އެކަމަށް އެންމެބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅާއަށެވެ. ރައްޔިތުންތިބީ ލިބެންއުޅޭ ތަނަވަސްކަމާއި އަދުލު އިންސާފާއި އަދިވެސް ދިރިހުރުމަށްޓަކައި ބޭނުންވާ އަސާސީ ޚިދުމަތްތައް ލިބިދޭނެ ކަމުގެ ޔަގީން ކަމުގައެވެ.
އެހެންނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު ފެންނަމުންދިޔައީ މުޅިން ތަފާތު މަންޒަރު ތަކެކެވެ. ރައްޔިތުން މިވެއްދީ ކުރިމަގު އެނގުމެއްނުވާ އަދިރި ޖަންގައްޔަކަށް ކަމުގެ ނިޝާންތައް ވެރިކަމުގެ ފުރަތަމަ އަހަރު ގެ ތެރޭގައި ފެންނަން ފަށައިފިއެވެ.
އުފަންވުމުގައިވެސް ބާތިލު އެއްބަސްވުންތައް ހެދި ޚަޒާނާއަށް ނުކަތާވަރުގެ ބިޔަ ބަދަލު ދިނުންތަކަށް ގައުމު ހުށަހޮޅިއްޖެއެވެ.ބޭސްފަރުވާއަށް ރައްޔިތުން ސަލާންޖެހުން ހުއްޓުވުމުގެ ނަމުގައި އުފެއްދި ވަސީލަތް ތަކުން ކޮންމެވެސް ބަޔަކު މިލިއަނަރުންނަށް ވުމުގެ ފުރުސަތު ހުޅުވިގެން ދިޔަވާހަކަ ދުވަސަކޮޅެއް ވާންދެން ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުޚީއަކަށް ވެގެން ދިޔަތަން ފެނުނެވެ. ދެން އެވާހަކަވެސް އޮބިގެން ދިޔައީއެވެ. މިބުނެވުނު މިސްމެނޭޖްމަންޓް ނުވަތަ ޚިޔާނާތްތަކަކީ ދިވެހި އެންމެހާ ރައްޔަތުންނަށް ހިލޭ ބޯހޮިޔާވެހިކަން ލިބިދެވި އިތުރުވާހާ ރައްޔަތުންގެ ފައިސާއެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް ވުމަށް ދިވެހީން އަވަސްވެގަންނަން ޖެހެއެވެ!
ދެންވަޑައިގެންނެވި ވެރިޔަކީ ތަޖުރިބާކާރު ހިންގުންތެރިއަކަށް ވުމުގެ އިތުރުން އިގްތިސާދީ ގޮތުންވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއްބޭފުޅެކެވެ. ދެފިލި ދޭތެރޭންނާއި ޑެސިމަލް ޕޮއިންޓްތަކުގެ ދޭތެރޭން ހަދާފާނެ މަކަރުތަކަށްވެސް ހުޝިޔާރު ބޭފުޅެކެވެ. އެހެންނަމަވެސް އަރިހުގައި ގެންގުޅުއްވި އެންމެ އިތުބާރުކުރެއްވި ބޭފުޅުން ގައުމުގެ ފަޅުރަށްތައް ކުއްޔަށްދީ ވިއްކައިގެން ލިބުނުފައިސާތައް ކޮންމެ ސަބަބަކާހުރެ ވިޔަސް ބަހާލިއިރުވެސް އެނގިވަޑައި ނުގަތެވެ!
އެންމެކުޑަމިނުން މަގާމުގެ ޙައިސިއްޔަތުން ރައްޔިތުންގެ ޙައްގުތަކަށް ފަރުވާކުޑަކުރެވި އިހުމާލު ވެވިއްޖެކަމަށްވެސް ގަބޫލެއް ނުކުރިއެވެ. އަދި އަދަށް ދާންދެންވެސް ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ލިބުނީ ކޮން ބަޔަކަށްކަން ރައްޔިތުންނަކަށް އަންގައެއްވެސް ނުދެވުނެވެ. މަޖިލީސްގެ ރައީސް ވިދާޅުވަނީ އެ މަނިކުފާނުގެ މޭޒުކޮޅުމަތީގައިއެމީހުންގެ ނަންތަކާއި ތަފްސީލުތައް ހިމެނޭ ލިސްޓު އޮތްވާހަކައެވެ. އަދި ދޭތެރޭ ދޭތެރޭން ނޫސްތަކަށް އަަރުއްވާވެސް އެ ހަޑިވާހަކަ ދައްކަވައެވެ. އެކަމަކު ކޮންމެވެސް އަމިއްލަފުޅު ސަބަބަކަށްޓަކައި ރައްޔިތުންނަށް އެ މަޢޫލޫމާތު ޙިއްސާކުރަންޖެހޭނެ ކަމަކަށްއެބޭފުޅާވެސް ދެކިވަޑައެއް ނުގަންނަވައެވެ. އެހެނަސް އެނގޭ ޙަގީގަތަކީ ވައްކަން ކޮށްފާމިވަނީ ރައްޔަަތުންގެ މުދަލާއި ފައިސާއިންކަމެވެ.
ދެން ވެރިކަމަށް ވަޑައިގަތީ ދިވެހިރާއްޖޭގައި އަލަށް ތަޢާރުފް ކުރެވުނު ޑިމޮކްރެސީގެ ވެރިކަމާއި އޭގެކުރިން ހިންގާދިޔަ ޚުދު މުޚްތާރު ވެރިކަމުގައި ރައްޔިތުންނަށް ލިބިފައިވާ އަނިޔާއާއި މަރާލެވިފައިވާ މީހުންނާއި ގެއްލުން ލިބިފައިވާ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ އެންމެން ޝަރީޢަތުގެ ކުރިމައްޗަށް ގެނެސްދެއްވާނެ ކަމުގައި ވަޢުދުވެގެންނެވެ.
އަދި ވެރިކަމާއި ޙަވާލުވެ ވަޑައިގަންނަވާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ޖަރީމާތަށް ތަޙުގީގުކޮށް އެފަދަ ޖަރީމާތަކުގެ އަހުލުވެރީންނަށް ޙައްގު އަދަބު ކަށަވަރުކޮށް ދިނުމާއިއެކު ޚިޔާނާތްތެރިވެފައިވާ ފަރާތްތަކުންރައްޔިތުންގެ ހުރިހާ ފައިސާއެއް އަނބުރާ ގައުމުގެ ތިޖޫރީއަށް ވައްދާނެ ކަމުގެ ވަޢުދުތަކާއި އެކުގައެވެ. މިވަޢުދުތައް ތަންފީޒް ކުރުމަށް ވެރިކަމާއި ޙަވާލުވީ ހެއްްދެވި ރައްބުލް ޢާލަމީން ގަންދީ ހުވާކޮށްގެނެވެ. މިއީ ކުޑަކުޑަކަމެއް ކަމުގައި ދެކެން ހެޔޮވަނީ ކިހިނެއްތޯއެވެ؟
ރާއްޖޭގެ ތާރީޚުން ފާހަގަކުރެވުނު ގޮތްނޭގޭ ގަތުލުތަކާއި ގެއްލިފައިވާ މީހުންގެ ޖަރީމާތައް ހިންގި ފަރާތްތައްވެސް ގާނޫނުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމް ކުރާނެކަމުގެ ވަޢުދުތަކާވެސް އެކުގައެވެ. ނަމަވެސް ގައުމުގައި ވައްކަންކުރުމާއި ކޮރަޕްޝަނާއި މީހުންމެރުމާއި މީހުން ވަގަށްނެގުމާއި މިފަދަ ޖަރީމާތައް އިތުރުވަމުން މިދަނީ ރައްޔިތުންނަށް އަމާންކަމެއް ނެތް މިންވަރަށެވެ. ދައުލަތުގެ ޙިމާޔަށް ދެވިފާވާ ތަންތަނުގައި ފަޅާއި ވައްކަން ކުރުންވެސް މިވަނީ ހައްދުން ނެއްޓިފައެވެ.
އަނެއްކާވެސް ކުރިމަތީގައި މިއޮތީ ވެރިކަމުގެ އިންތިޚާބެވެ. ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ރަނގަޅު ވެދާނެކަމަށް ބައެއް ރައްޔިތުން ދެކެމުން އައި ބޭފުޅުންވެސް ހިމެނެއެވެ. ނަމަވެސް އިންތިޚާބީ ރޭހުގައި ވާދަކުރަމުންވެސް ބައެއް ބޭފުޅުން ރައްޔިތުންނަށް ޔަގީން ކަށަވަރުކޮށްދެއްވަނީ ވަކިމީހަކަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމުގައެވެ.
އެހެންރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާއި ގެއްލެމުންދާ ހައްގުތަކުގެ ހަނދާން ނެތިއްޖެ ކަހަލައެވެ. ދެ ނޭވާގެ ދެކޮޅުގައި ވަކި މީހަކަށް ވަފާތެރިވާނެކަން ޔަގީންކޮށްދޭން މަސައްކަތްކުރާއިރު ކުރިމަތި ލައިގެން މިއުޅެވެނީ ގައުމެއްގެ ރައްޔިތުންގެ ހައްގުތަކާއި އަދުލު އިންސާފު ބޮއްސުންލާފާއޮތް އޮތުން ރަނގަޅުކުރުމުގެ ބިޔަބޮޑި މަސްއޫލިއްތު އަދާކުރުމުގެ ޒިންމާދާރު މަގާމަށް ކަން ހަނދާން ނެތިއްޖެ ކަހަލަ އެވެ.
މިހާރުގެ ރިޔާސީ ކެމްޕޭނުތަކުގައި އެންމެ ގިނައިން އިވެމުންދާ އަޑުތަކަށް ބަލާއިރު ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގުމާއި ރައްޔިތުންނަށް ހިލޭ ސާބަހަށް ފޯރުކޮށްދޭނެ އެހީތަކުގެ ވައުދުތައް ފާހަގަކުރެއެވެ. ސުވާލަކީ ތަރައްގީގެ އެބުނާ ބިޔަ މަޝްރޫއުތައްހިންގާނެގޮތަކާއި ހިލޭ ސާބަހުގެ އެހީތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ ގޮތެއް ބުނެ ނުދިނުމެވެ.
ގައުމަށް ލިބޭ އާމްދަނީ އާބާދީގެ ނިސްބަތުން ސިންގަޕޯރަށްވުރެން ގިނައޭ ބުނެވިދާނެއެވެ. އެކަމަކު ގައުމުގެ ދަރަނި އެތައް ގުނައަކަށް ދަނީ ބޮޑުވަމުންނެވެ. ޚަރަދުތައް އިތުރުވަމުންގޮސް ގައުމަށް ލިބޭ އެއްޗެއްގެ ބިޔަ ހިއްސާއެއް ސިޔާސީ މަގާމުތަކަށް ޚަރަދުކުރަން ޖެހޭގޮތަށް މިއޮތީ ނިޒާމު ރޭވިފައެވެ.
ބޮޑެތި ޚިޔާނާތާއި ވައްކަން ބެލޭނެގޮތެއް ނިޒާމުގެ ތެރޭން ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭތަނެއް ނުފެނެއެވެ. ސިންގަޕޯރު މިއަދުގެ ފުދުންތެރި މަގާމު ހާސިލުކުރީ ގައުމަށް ދިހަ ޑޮލަރު ލިބުނިއްޔާ ނުވަ ޑޮލަރު ފަހަށް ރައްކާ ކޮށްގެންނެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވުމަށްފަހު ގާނޫނެތެރޭގައި ލޯވަޅުއަޅައިގެން ބަޗާ ގަނެވޭނެ ފުރުސަތެއް ނުހޯދޭނެއެވެ.
އަޅުގަނޑުމެންނަށް ވެރިކަން ކޮށްދެއްވި ބޭފުޅުން ރައްޔިތުންނަށް އިޚްލާސްތެރިވި މިންވަރާއި ހަރާންކޯރުވި މިންވަރާދޭތެރޭ ބަހުސްކުރުމަކީ މި މޫސުމުގައި މުހިންމު ކަމެއް ނޫނެވެ. އެއީ އެނގި ފާޅުވެފައިހުރި ކަންތަކެވެ. މިހާތަނަށް ކުރަންޖެހުނު ތަޖްރިބާގެ އަލީގައި މުސްތަގްބަލާމެދު ހެޔޮގޮތުގައި ވިސްނައި އަމަލުކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
އަޅުގަނޑުމެންގެމިލިއުމުގައި ނުސީދާގޮތެއްގައި ވިޔަސް އެއްވެސް ބޭފުޅަކަށް އަމާޒުކުރެވިފައިވާނަމަ އެގޮތަށް އިބާރާތްކުރުމުގެ ބޭނުމަކީހަމައެކަނި ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމު ރާވާފައިވާގޮތުން އެބޭފުޅަކަށް ނުވަތަ އެބޭފުޅުންނަށް ކަންތައްކުރަން ޖެހިވަޑައިގެންފައިވާގޮތުން މެދުވެރިވަމުންދާ ހާލަތެއްކަމަށްގަބޫލުކުރެވޭތީ އެ ކުޅިބައި އަލުން ރާވައިގެންވިޔަސްގެން ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
މަގުސަދަކީ އެއްވެސް ބޭފުޅަކަށް ނުބައިބަހެއް ރައްދުކުރުމެއް ނޫނެވެ.ދިވެހިރާއްޖޭގެ މި ޚަރާބު ސިޔާސީ ނިޒާމު ރާވާފައިވާގޮތުންނާއިސިޔާސީ ފިކުރު ތަފާތުވެފައިވާ މިންވަރަށް ބަލާއިރު ބައެއްކަންތައްތައް ރައްޔަތުންގެ މަޖިލީހުގެތެރެއިން ކުރުމަށް ގިނަގުނަ ހުރަސްތަކެއް ހުރިކަން ފާހަގަ ކުރުމާއި އިސްކުރެވޭ ރައްޔަތުންގެ ޚާދިމުންގެ (ވެރީންގެ) އިޚުލާސްތެރިކަން ނެތްކަން އަންގުވައިދިން މިވަރު އެމީހުނަށް ހަނދުމަ އެރުވުމެވެ.
އެހެންނަމަވެސް ވެރިޔަކަށް ހުންނަވާ ބޭފުޅަކަށް ގާނޫނުން ލިބިދީފައިވާ ޚާއްސަ އިމްތިޔާޒު ތަކުގެދަށުން ރައްޔިތުން ދެކޭގޮތް ބެލުމުގެ މަގު ތަނަވަސްކޮށްދީފައި އޮތުމާއިއެކު ހަނުހުރުން އިޚްތިޔާރުކުރުމަކީ އެބޭފުޅަކަށް ލިބިގެންވާ އިޚްތިޔާރެއް ނޫނެވެ. އެއީ އެނގިހުރެ އޮޅުވާލުމާއި މަކަރާއި ޙީލަތްހެދުމަށް ބާރުދިނުމެވެ.
ދުޢާއަކީ ދިވެހިރާއްޖެއަށް އަމާންކަމާއިއެކު ފާގަތިދުވަސްތަކެއް ރައްބުލް ޢާލަމީން މިންވަރުކޮށް ދެއްވުމެވެ. އާމީން!
2 Responses
އަސްލުވެސް ތިހެން މިދަނީ. އަދި ހަމަޔަކަށް އެޅޭނެގޮތެއް ނެތެވެ. މިހާރު ސިިޔާސީ މީހުންނަށް މިވަނީ ގައުމުގައި އެންމެ އަޑުގަދަ ޢިލްމާއި ހިލްމް ނެތް މީހުން. ބެނުމަކީ އަވަހަށް ސަރުކާރުގެ ވަޒީފާއެެއް ހޯދުން. ފަސޭހައިން ދުނިޔޭގައި އުޅެލެވޭނެ ގޮތެއް ހޯދުން. އެގޮތުން ޕާޓީ ތަކަށް ސަޕޯޓްކޮށް ތިމާގެ ޕާޓީ ނޫން މީހުނަށް ބަހުގެ ޙަމަލާދީ ބުހުތާން ދޮގު މީހުންގެ ބޮލުގައި އަޅުވައިގެން ޕާޓީ ލައިނުން ކުރިއަރަ ވަޒީފާއަކަށް ދެމިގަތުން. ދެން އެވީ ސިޔާސީ މީހަކަށް. މިގޮތަށް ރައްޔަތުން ގަބޫލުކުރާހާ ދުވަހަކު ގޯހުން ގޯހަށް ގައުމުގެ ކަންތައްތައް ދާނެއެވެ.
ދިވެހި ގައުމުގެ ކަންތައް ދިވެހިރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދެވޭނެ ދުވަހެއް މިއުޅޭ ސިޔާސީ ވެރިންނާއެކު ނުލިބޭނެ. ރައްޔިތުންނަށް ވިސްނާދޭނެ ވެރިޔަކު ނުވަތަ ރައްޔިތުންނަށް ވިސްނޭނެދުވަހެއްގެ އިންތިޒާރުކުރުން ނޫން އެހެންގޮތެއ ނެތް. އެކަމަކު އެއީ ވަރަށް ދިގު އިންތިޒާރެއް.