އިދިކޮޅު، ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖޫރިމަނާގެ ފައިސާ މުއްދަތުގައި ދައްކާފައިނުވާ ކަމަށް ބުނެ އެ ފައިސާ ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި މަނީ ލޯންޑްރިންނާއި ރިޝްވަތު ގަބޫލުކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރު، ހަ މަސް ދުވަހުގެ ތެރޭ ދައްކަން ޔާމީންގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. ޔާމީންގެ މައްޗަށް އެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ކަމަށްވާއިރު މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ މުއްދަތު ހަމަވެފަ އެވެ.
ޔާމީން ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ދައްކަން މީރާއިން މިހާތަނަށް އަންގާފައެއް ނުވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމް ވަނީ ޖޫރިމަނާގެ ފައިސާ ދެއްކުމަށް މީރާއިން އަންގާފައިވާ ކަމުގެ ލިޔުމެއް އޮތްކަން ހާމަކޮށްފަ އެވެ. އެ ލިޔުމުގެ ނަންބަރާ އެކު ފަނޑިޔާރު ވިދާޅުވީ، ޖޫރިމަނާ އަށް ހަ މަސް ދުވަހުގެ މުއްދަތު ހަމަވެފައިވާކަން އަންގައި އެކަން ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ލިޔުމުގައި ޔާމީން ސޮއިކޮށް އިނގިލީގެ ނިޝާންވެސް ޖަހާފައިވާ ކަމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ހުކުމްގެ މުއްދަތުގައި ފައިސާ ދައްކާފައިނުވާތީ އާއި މީރާއިން އެ ފައިސާ ދެއްކުމަށް ނޯޓިސް ފޮނުވުމުން ވެސް އެކަން ކޮށްފައިނުވާތީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގެ 363 ވަނަ މާއްދާގައިވާ ގޮތުން ކްރިމިނަލް ކޯޓުން ކުރާ ހުކުމްތަކުގައި ހިމެނޭ މަދަނީ ބައި ތަންފީޒުކުރުމުގެ އިހްތިސޯސް ސިވިލް ކޯޓަށް އޮވެ އެވެ.