ޕީޕީއެމް އިން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް، އެ ޕާޓީގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންގެވިޔަސް، އިންތިހާބުގައި ބައިވެރިވާން ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުން މިއަދު ނިންމި ނިންމުން ގަބޫލުނުކުރައްވާކަން، ޔާމީން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕަށް މިރޭ އަންގަވައިފި އެވެ.
އިތުބާރު ހިފޭ މަސްދަރަކުން ”ސަންދާނަށް“ ކަށަވަރުވެފައިވާ ގޮތުގައި ޔާމީން އެ ގޮތަށް އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރިކުރައްވައި މީގެ އިރުކޮޅެއްކުރިން ފޯނު ކޯލަކުންނެވެ. އެ ފޯނު ކޯލުގައި ޔާމީން އެދިވަޑައިގެންފައިވަނީ ސެނެޓުގެ ނިންމުން ރިވިއުކޮށްދިނުމަށެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީނަށް، ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހެނދުނު ކުރި ހުކުމަށް ފަހު އެ މަނިކުފާނު ވަނީ އިންތިހާބު ބޮއިކޮޓް ކުރަން އަންގައިފައެވެ.
ޔާމީންގެ އެ އެންގެވުމާ ގުޅިގެން ލީޑަޝިޕްގައި މަޝްވަރާކުރުމަށް ފަހު، އެ ބޭފުޅުން ނިންމެވީ ދެ ޕާޓީގެ ސެނެޓުގެ ވޯޓަށް ދިއުމަށެވެ. އެ ވޯޓުން ނިމުނީ އިންތިހާބު ބޮއިކޮޓް ނުކުރުމަށެވެ. އެގޮތުން 67 ސެނެޓަރުން އިންތިހާބު ބޮއިކޮޓްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވިއިރު 46 ބޭފުޅަކު ތާއީދުކުރެއްވީ އިންތިހާބު ބޮއިކަޓް ކުރުމަށެވެ.
އިންތިހާބުގައި ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި، ޕީޕީއެމްއާ އެކުއެކީ ހިންގާ ޕީއެންސީން ކެންޑިޑޭޓަކު ނެރެން ޔާމީން އެންގެވުމުން އެ ޕާޓީން ބޭއްވި ޕްރައިމަރީ ކާމިޔާބުކުރެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ނަމަވެސް އިއްޔެ ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވެފައި ވަނީ މުއިއްޒަކީ ’ޕްލޭން ސީ‘ ކަމަށާއި، ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ’ޕްލޭން ބީ‘ އަކީ ޕީޕީއެމްގެ އެހެން ކެންޑިޑޭޓެއް ނެރުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ޕްލޭން ބީއަކީ މިހާރު މުއިއްޒުކަމަށް ނިންމާފައިވާކަން އެނގިފައިވެއެވެ. ނަމަވެސް އެކަމާ ގުޅިގެން އިދިކޮޅުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ