އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާއެކު، ޔާމީންގެ އިސްވަކީލު އަދި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޖަމީލު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ކަންތައްކުރާ ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީނަށް ދަށު ކޯޓުން ނުހައްގު ހުކުމެއް ކޮށް ހައިކޯޓުގައި އޮތް އިސްތިއުނާފުގެ މައްސަލަ ލަސްކުރުމަކީ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައްޔިތުންނަށް. ދަ ފައިޓް އިސް އޮން. ދަ ފައިޓް އިސް އޮން. ގަބޫލުކުރައްވާ މި ގޮތަކަށް ކަންތައް ކޮށްފައި ގަބޫލުކޮށްގެން ނުވާނެ އަޅުގަނޑުމެން ގެއަށް ވަދެފައި ފިނޑި ބައެއްގެ ގޮތުގައި ތިބޭނެ ކަމަކަށް“ ޖަމީލް ވިދާޅުވިއެވެ.
މިމަހުގެ އެއްވަނަ ދުވަހު ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމުން، އެ ކޮމިޝަނުން ފޯމު ބާތިލުކޮށްފައިވަނީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އާއި (ޅ) އިން ކަނޑައަޅާފައިވާ ޝަރުތު ހަމަނުވާ ކަމަށްބުނެއެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ބ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހެއްގެ ސާބިތު ދަރަންޏެއް އޮވެގެންނުވާނެ ކަމަށެވެ. އެ މާއްދާގެ (ޅ)ގައި ބުނަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށްވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅި އަދަބު މައާފުކުރިތާ ތިން އަހަރު ކަމުގައިވުމެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ޔާމީން ގެންދަވަނީ، 11 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ޔަމީނަށް ވާދަނުކުރެވޭ ހާލަތެއްގައި، ”ބެކަޕް“ ޕްލޭނެއްގެ ދަށުން ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅައިފައެވެ. ޕީއެންސީން ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ރައީސް ޔާމީން ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ވެސް އަންގަވައިފައެވެ. އެކަމާ ގުޅިގެން ލީޑާޝިޕްގެ މަޝްވަރާގެ މަތިން ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް މިއަދު ބޭއްވި ނަމަވެސް، އެ ބައްދަލުވުމުން ނިންމާފައިވަނީ ޔާމީންގެ އެންގެވުމާ ދެކޮޅަށެވެ.
One Response
ދަފައިޓް އިޒް އޮން؟ ކޮން ފައިޓެއް. ޖަމީލު ނޫންތޯ ޕޕމ ގެ ވެރިކަން ގޮއްވާލީ އަންނިމެންގެ އަވައިގާ ޖެހިގެން. ބޮޑާކަމާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަން ނިންމައި ކެއްތެރި މީހަކަށް މަނިކުފާނު ވާން އެބަޖެހެއެވެ. ޕޕމ ގެ ވެރިކަން ގޮއްވާލީމާ ކިތައް ހާސް މީހުން މަގުމަތި ކޮށްލެވުނުތޯއެވެ. މިއަދާ ހަމަޔަށް މަނިކުފާނު މަޢާފަށް އެދިފައެއް ނުވެއެވެ. އެއީ ވެސް ބޮޑާކަމެވެ. ވީމާ ޕޕމ ޕނސ ގެ މެމްބަރުނަކަށް ”ތިއެތި ކަޑަ“ އެވެ. މަޢާފަށް އެދި އަލުން ފަށްޓަވާށެވެ. ހަމަ ރައީސް ޔާމީނު ވިދާޅުވިޔޭކިޔާފަ ބުނާހާ އެއްޗެއް ގަބޫލުކުރާކަން ނޫން މިހާރު ދެޕާޓީގެ މެމްބަރު ތިބީއަކީ. އެކަން މިއަދު އެނގިވަޑައިގެންފިކަމަށް ހީކުރަމެވެ.