މިނެއް ވަކިކަމެއްނެތި ވަޢުދާއި ޚިލާފުވުމުން ދެންވެސް؟

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގައި މިހާރު ހިނގަމުން މިދާ ސަރުކާރުގައި ރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ހަމައެކަނި ސިޔާސީ ދީނީ ޕާޓީ ހިމެނެއެވެ. އެ ޕާރޓީގެ ޢިލްމުވެރިންގެ ތެރޭގައި ރާއްޖޭގައި ތިއްބެވި އެންމެ ދޫފަސޭހަ އިލްމުވެރިންގެ ތެރެއިން ޝެއިޚް އިލްޔާސް އާއި ޑރ. އިޔާޒް ހިމެނިވަޑައިގަންނަވައެވެ. 

ސަރުކާރުގެ ދާޚިލީ ވަޒީރަކީ އެޕާޓީގެ ރައީސް ޝޭޚް އިމްރާން އެވެ. ސަރުކާރު އުފަންވުމަށް އެތަކެއް ވަޢުދުތައް ރައްޔަތުންނަށް ވެފައިވަނީ މިބޭފުޅުންގެ އާމީން ކިޔުއްވުމާއި އެކު ރައްޔަތުންނަށް ގުރުއާން އާއި ސުންނަތުން ރައީސް އިބްރާހިމް އަކީ ނަމުން ސޯލިޙް އަދި ކަމުންވެސް ސޯލިޙް ވެރިއެއް ކަމުގައި ހުވާލައިދީގެނެވެ.

މިދެންނެވި ބަހުގެހެކި 2018ގައި އައްޑޫގައި ބޭއްވުނު ކެމްޕޭން ޖަލްސާ ބެއްލެވި ބޭފުޅުންނާއި އަދި މޭޑޭގައި ޝޭޚް އިމްރާން އިސްވެހުންނަވައިގެން މުޅި މާލޭގެ ރައްޔިތުންނަށް ދައުވަތު ދެއްވައިގެން ހަވަރު އެއްކުރައްވައިގެން ބޭއްވެވި މުޒާހަރާ ބައްދަލުވުމުގެ މަންޒަރާއި އަޑު ބައްލަވާ އައްސަވާފައިވާ އެންމެނަށް ވަރަށް ސާފުކޮށް މިހާރު ފަހުމްވާނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.

މިދެންނެވުނު ކޮންމެ މުޒަހަރާއެއް އެއްވުމެއް ނުވަތަ ބަޣާވާތްވެސް އެމީހުން ފައްޓައިފާ ވަނީ މާތްވެގެންވާ ބިސްމިއާއި ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވާ ވިދާޅުވަމުންނެވެ. ހެއްދެވި ފަރާތް އެއީ ރައްބުލް ޢާލަމީންކަން ބުނެދީ އެނގިތިބެ ޙަމްދުކޮށްފައެވެ. އުންމަތުގެ ރަސޫލާއަށް ސޮލަވާތް ކިޔުމަށްފަހު ރަސޫލްގެ އަސްޙާބުންނަށް މަދަޙަ ސަނާދަންވާފައެވެ. އެހެންވެ ކަމުގެ ބޮޑުކަން ދެނެގަތުން ވަރަށް މުހިންމެއެވެ.

މިހާރު ރައްޔަތުމީހާއަށް މިވަނީ އެހުރިހާ ކަމަކީ ސިޔާސީ ސްޓަންޓްކަން ވަރަށް ރަނގަޅަށް ސާބިތުވެ އެބައިމީހުން ބޮލާފޮށާއަޅުވާ ފައެވެ. ނަމަވެސް އެމީހުންނަކަށް ރޭކާލާ ކަމަކަށް ނުހެދިއެވެ. އަލުން ހަމަ ﷲ އާއި ﷲގެ ރަސޫލާގެ ނަންފުޅު ގެނެސް ގުރުއާން އާއި ސުންނަތުން ދަލީލު ދެއްކުމުގައި އަވަދިނެތި ވެރިކަމުގެދެވަނަ ދައުރެއްގެ ވެރިކަމުގެ ލައްޒަތުގައި ލަދެއްނެތި ރޭގަނޑުގެ ދެގަޑިއިރު ނިދާލައިގެން އިތުރު ދޮގުތަކާއި ވަޢުދުތައްވަމުން ގެންދަނީއެވެ.

ދެވަނަ ދައުރެއްގެ ކޯލިޝަން މިހާރު އެވަނީ އެކުލަވާލައިފައެވެ. ”ދީނީ ބޭފުޅުން“ ދެކިވަޑައިގަންނަވާ ގޮތުގައި ވަރަށް ފުރިހަމަ ކޯލިޝަނެކެވެ. އަދި އެހާމެ ސޯލިޙު ކޯލިޝަންކެވެ.

ކޯލިޝަން ބިނާކުރެއްވީ ދިވެހިރާއްޖޭގައި ކެސިނޯ ހިންގުމާއި ގަންޖާ އުފެއްދުމާއި ކެނެބިސް ދަނޑުތައް ގޭގޭގެ ގޯތިތެރޭގައި ހެއްދުމަށްވެސް ވަކާލާތު ކުރައްވާ އިއްޒަތްތެރި މެމްބަރަކާއި ރަލާއި މަސްތުގެ އަވައިގައިޖެހި އަދި ކުރީގެ ރައީސްގެ މެޑަމްއަށް ސުވަރުގޭގައި ގަނޑުވަރެއް އަޅާދެއްވުމުގައި އޭރު ވަރަށް ބުރަކޮށް އަވަދިނެތި އުޅުއްވި ކަމަށް ބުނެވޭއިއްޒަތްތެރި މެމްބަރަކާއި އެމީހުންގެ ސަޕޯޓަރުންނާއި ވަކިން ޚާއްސަކޮށް ގުރުއާނާއި ސުންނަތުގެ އެހުލުވެރީންކަމަށް ދަޢުވާ ކުރައްވާ އިސްލާމް ދީނުގެ ދިވެހ ޢިލްމްވެރީންގެ ޖަމާޢަތަކާއި އެކުގައިކަމަށް ދަޑިމޮކްރެޓިކްސް ބޮޑަކު ކިޔައިދެއްވިއެވެ.

ކަންތައްކަމުގައިވެދާނެކަމަށް ކޯލިޝަން މެމްބަރު ގެންދަވަނީ ވަރަށް އޯޕަންކޮށް މީޑިއާގައިވެސް ވިދާޅުވަމުންނެވެ. އެއްބޭފުޅަކު ވިދާޅުވީ މިކަންކަން ކަށްވަރުކޮށް ލީގަލައިޒް ކުރެވޭނީ، އެކަންތައްތައް ޙަގީގަތަކަށް ހެދޭނީ މިހާރުގެ ރައީސްއަށް އިތުރު 5 އަހަރުގެ ދައުރެއް ވެރިކަން ކޮށްލުމަށް ލިބިދީގެނެވެ. 

މިކަންތައްތައް ތަންފީޒުވުމަށް ގުރުއާނާއި ސުންނަތުން ދަލީލިދައްކުވައި ދުޢާދަންނަވަން ދީނީ ޕާޓީއެއްގެ ސަޕޯޓް އޮތުމުން ނަސީބު ލައްވާނޭކަމަށްވެސް އެމީހުން ގަބޫލުކުރާ ކަހަލައެވެ. 

އެހެންނަމަވެސް އެނގުމާއި ނޭގުން އެއްވަރެއް ނުވާނެކަމާއި އަދި އަބަދުވެސް އެޅޭ ޅައެއްޗެއްސާއި އަދި ދިމާވާ ބަދުނަސީބުގެ އެނގުމަކީ މުސްތަގުބަލް ރަނގަޅުކޮށްލަން ލިބިދޭ ފުރުސަތެއްކަމަށް ދެކެމެވެ.

ޢަދުލު އިންސާފުގެ 2018 ހުވާ (ވާޢުދު) : ދިވެހި ރާއްޖޭގެ ޢަދުއިންސާފުގެ ނިޒާމް ހަރުދަނާކޮށް ޝަރުޢީނިޒާމުގެ ތެރެއިން އެންމެނަށް ހަމަހަމަޔަށް އިންސާފު ލިބިދިނުމަކީ އެންމެ ފުރަތަމަ ވަޢުދެވެ. ޖޭ.އެސް.ސީ. މިނިވަންވެ ވެރިކަމުގެ ބާރުން ޝަރުޢީ ނިޒާމުގެ ތެރަށް އަތްނުބޭނުން ކަށަވަރު ކޮށްދިނުމާއި އެކުގައެވެ.

މިކަންކަން ފޭލިވެފައިވާ މިންވަރު އެންމެރަނގަޅަށް އެނގިވަޑައިގަންނަވާނީ ދުޢާ އިޖާބަ ކުރެއްވުން އެދިދަންނަވަމުންދާ ޝޭޚުންނަށެވެ.

އެކަމަކު އެކަންކަންރަނގަޅު ކުރެއްވުމަށްޓަކައި ބަހެއް ވިދާޅުވާތަނެއް ނުފެނެއެވެ. އެންމެ ކުޑަމިނުން ކޮމިޝަންގެ މުސްތަގިއްލު ކަމާއިމެދު މީސްތަކުން ސުވާލު އުފެއްދުމުގެ ފުރުޞަތު ނުދިނުމަށްޓަކައި ޖޭ.އެސް.ސީ. ގެ މެންބަރަކަށް ގާނޫނީ ވަކީލުންގެ ފަރާތުން އަންނަ ފަރާތެއް ކަމަށް ވިޔަސް އެނޫނީ ފަރާތެއް ކަމަށް ވިޔަސް މެންބަރުކަމުގައި ހުންނަ މުއްދަތުގައި ސިޔާސީކަން ކަމުގައި އެއްވެސް ޙައިސިއްޔަތަކުން ނުވަތަ އެއްވެސް ވަސީލަތެއްގެ ޒަރީޢާއިންވިޔަސް ސިޔާސީ ވާހަކަދެއްކުމާއި ލިޔުންތައް ލިޔުން މަނާ ކަމެއްގޮތުގައި ގާނޫނަށް އިސްލާޙް ގެނައުމަށް ބާރު އަޅުއްވައި  ވަކާލާތު ކުރައްވާތަނެއްވެސް ނުފެނެއެވެ.

އަދި މެމްބަރެއްގެ ސުލޫކީ މައްސަލަ އެއް ސާބިތު ވާޙާލަތުގައި ވެސް ތަޙްގީގު ރިޕޯޓުގައި ހިމަނާފައިވާ ހުރިހާ ވާހަކަތަކަކާއި ތަޙްގީގް ކޮމެޓީ ގެ ރަޢުޔުއަށް ފެންނަހައި ވާހަކަތަކެއް އިތުރު ކުރުމާއެކު އެ މެމްބަރަކު ފަޟީޙަތް ކުރުމުގެ ގޮތުން ނޫސް ބަޔާންތައްނެރެހާމަކުރުމުގެ ބަދަލުގައި ސުލޫކީ މައްސަލައިގެ ޒާތަށް ރިއާޔަތްކޮށް މަގާމުން ވަކިކުރުމަށް މަޖިލިހަށް ފޮނުވުވަށްފަހު އެ މިންވަރަށް ނޫސް ބަޔާން ތަކުގައި ލިޔުމަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން ޖޭ.އެސް.ސީ. ގައި ދެންނެވުން އެއީ ހެދިދާނެ ރަނގަޅު ގޮތެއް ނޫންތޯއެވެ؟ ނޭގެނީ ކަމަކަށް ނުދަކެމެވެ. ހަމަ ސިޔާސީ ނުފޫޒް ހަބޭހަށް ވައްދައި ޚަރާބު ކުރުމުގެ ނިޔަތުގައި އަޅާލަން ބޭނުން ނުވަނީއެވެ. 

މިހެން މިދެންނެވީ މިވަގުތު ޖޭ. އެސް. ސީ. އިން ބައެއްފަހަރު ކަންތައް ކުރައްވާގޮތުން ފަނޑިޔާރުން ފަޟީޙަތް ކުރުމަކީ ޖޭ.އެސް.ސީ ގެ ސިޔާސަތުގެ ބައެއްކަމަށްވެސް ބެލެވޭތީއެވެ. 

 ސިޔާސީ މީހުން ޖޭ.އެސް.ސީ އަށް އައްޔަން ކޮށްފައި ތިބުމުން ޢަދުލް އިންސާފަށް ކުރިޔަށްވުރެ ބޮޑަށްވެސް މިހާރު ރައްޔަތުންގެ އިތުބާރު ވަނީ ގެއްލިފައެވެ.ފަހަކަށްއައިސް ފެނިފައިވާ އަންދާގާނޫންގެ ކިއްލާއެއްގެ ގޮތުގައެވެ. އެމީހުން ބޭނުންގޮތަކަށް ޝަރީޢަތް ނުދާކަމަށް ވެންނަމަ ފަނޑީޔާރުންގެ ބޮލުގައި ކޮންމެވެސް ބަދުނާމެއް އަޅުވާ ފަލީޙަތް ކޮށްލަނީއެވެ. އަދި ވަޒީފާ ގެއްލުވާލާނޭ ކަމުގެ ބިރުވެސް އުފަށްދުވަނީއެވެ. އެހެންވުމުން ސަބަބުވެރި ޙުކުމެއް ކުރަންވެސް ފަނޑިޔާރަށް މަޖުބޫރުވާ ޙާލަތު ދިމާވެދެއެވެ.

އިންސާނާ ދުނިޔެއަށް އަންނަނީ ވެސް 9 މަހު މައިމީހާގެ ބަނޑުގައި އެކަނި މާއެކަނިއޮވެފައެވެ. ކަށްވަޅަށް ވެސް ދާންޖެހޭނީ ވެސް އެކަންޏެވެ. ކައްވަޅުގައި ސުވާލު ކުރެވޭ ހިނދު ވެސް އޮންނަންޖެހެނީ އެކަންޏެވެ. މަޙްސަރުގައިވެސް އެކަންޏެވެ. ހަމައެކަނި ގުޅުން ކެނޑިގެން ނުދާނެ ފަރާތަކީ ހެއްދެވި ފަރާތެވެ. ދުނިޔޭގައި ހިތާމަ އާއި އުފަލަކީ ވެސް ދާއިމީ އެއްޗެއް ނޫނެވެ. އެހެނަސް އިސްލާމީ ގައުމެއްގައި ދުނިޔެމަތީގައިވެސް ޢަދުލު އިންސާފު ކަށަވަރު ކުރެވެން ޖެހެއެވެ. 

ހިތާމައަކީ މިކަން އެނގިތިބެމެ ހަމަ އެއްވެސް ޖެހިލުމެއް ނެތި ވަޢުދާއި ޚިލާފް ވާތީއެވެ.ދިވެހިންގެ ރާއްޖޭގައި އިންސާފު ލިބިދިނުމުގައ މީހާގެ ޖީބުގެ ސައިޒަށް ބުރަވެފައިވާތަން ފެންނަމުން ދާތީއެވެ. އެހެންކަމަށް ވާނަމަ މިނެއް ވަކިކަމެއްނެތި ވަޢުދާއި ޚިލާފުވުމުން ވެވުނީ ނޫންތޯއެވެ. ދެން ކޮން ދެވަނަ ދައުރެއްތޯއެވެ؟

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް