ޖަޕާންގެ ފޮރިން މިިނިސްޓަރު ޔޮޝިމަސާ ހަޔާޝީ ރާއްޖެ ވަޑައިގަންނަވަން ނިންމާވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާންގެ ފޮރިން މިިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ކަމަށެވެ.
ދެ ދުވަހުގެ ދަތުރުފުޅެއްގައި މިިނިސްޓަރު ހަޔާޝީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ދަތުރުފުޅުގައި ހަޔާޝީއާއި ޝާހިދާ ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.
ހަޔާޝީގެ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށްދޭ ސްކޮލަރޝިޕް ޕްރޮގްރާމަކާ ގުޅޭ ލިޔެކިޔުންތައް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. ރާއްޖޭގެ މައިގަނޑު ބޮޑެތި މަޝްރޫއުތައް ހިންގުމަށް އެހީތެރިވެދީ ރާއްޖޭގެ ތަރައްގީގައި ޖަޕާނުން ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.
ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން އެމެޖެންސީ ރެސްޕޮންސް އެއިޑްގެ ގޮތުގައި ޖަޕާނުން 5 ބިލިޔަން ޔެންގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ. މިއީ ކޮންސެޝަނަލް ލޯނުގެ ގޮތުގައި މިހާތަނަށް މިގޮތަށް ޖަޕާނުން ރާއްޖެއަށް ދީފައިވާ އެންމެބޮޑު އަދަދެވެ.
ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިދިޔަ އަހަރު ވަނީ 55 އަހަރު ފުރިފައެވެ. ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުގައެވެ.