މި ލިއުމަކީ ބައިނަލް އަގްވާމީ ތަފާތު މީޑިއާތަކުގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދުނިޔޭގައި އުފަންކުރުވަމުން ގެންދާ ހަނގުރާމަތަކާއި އެހަނގުރާމަތަކުން އިންސާނިއްޔަތަށް މެދުވެރިވަމުންދާ މުސީބާތާއި ބަލާވެރިކަމާއި ބެހޭގޮތުން ބައެއް މަޝްހޫރު ލިއުންތެރިންނާއި ސިޔާސީ ބޭފުޅުންގެ ދެކިވަޑައި ގަންނަވާ ގޮތުގެ ކުޑަކުޑަ މިންވަރެއް ނަމަވެސް ސަންދާނުގެ ކިއުންތެރިންނާހަމަޔަށް ގެނެސް ދިނުމެވެ. އެއްވެސް ބޭފުޅަކަށް ނުވަތަ އެއްވެސް ގައުމަކަށް އަމާޒުކޮށް އެއްވެސް އެއްޗެއް ލިއުމަކީ އަޅުގަނޑުގެ ވިސްނުމެއް ނޫނެވެ.
ދިވެހިންގެ ތެރޭގައި ޕިމްޕުންގެ ނަން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ކަސްބީ އަންހެނުންނާއި ގުޅުވައިގެންނެވެ. އެކަމަކު ތާރީޚު ލިއުއްވާ ބޭފުޅުންގެ ފަތްފުށްތަކުގައި އެއް ހަނގުރާމައިން ނާކާމިޔާބު ވީމާ އަނެއް ހަނގުރާމައަކަށް ހިތްވަރުދީގެން ހަތިޔާރު ވިއްކުމުގެ ވިޔަފާރި އަށް މަގުފަހިކޮށްދޭ ގައުމުތަކުގެ ވެރިންނަށްވެސް ޕިމްޕުންގެ ނަމުން ބުނެފާ ހުރެއެވެ.
އެމެރިކާއަކީ ފަހުގެތާރީޚުގައި އެންމެ ގިނަ ހަނގުރާމަ އުފަންކުރުވާފައިވާ ގިނަ ގައުމުތަކެއް ފަނާކުރި ގައުމެކެވެ. އެ ގައުމުގެ އިގްތިސާދުގެ ބޮޑު ޙިއްސާއަކީ ހަތިޔާރު ވިއްކުމާ ގުޅިފައިވެއެވެ. ވިއެޓްނާމާއި އަފްޣާނިސްތާނާއި އިރާގާއި ލީބިޔާ އަދި ސީރިޔާއާއި މިހާރު ޔޫކްރެއިންނެވެ. ގައުމަކަށް ނިއުކުލިއަރ ހަތިޔާރުން ޙަމަލާދީ ފަނާކޮށްފައިވަނީ ވެސް ހަމަ އެ އެމެރިކާ އިންނެވެ. އެހެން އެއްވެސް މިފަދަ ނުބައި ފަނާކުރަނިވި ޢަމަލެއް އަދި ހިންގައިފައެއް ނުވެއެވެ. އެހެނަސް!
ބޭނުންކުރަނީ ހަމަ އެއް އުކުޅެކެވެ. ކަސްބީން ތަޢާރުފްކޮށް އެމީހުން ވިއްކުމެކޭ އެއްގޮތަށް ހަތިޔާރު ވިއްކުމެވެ. އެ މުނާފިގު ނުލަފާ ޢަމަލުތަކުގެ އެކިޔާ ސަބަބުން ޑިމޮކްރެސީގެ މިނިވަންކަން ގެއްލި މިވަނީ ޖޯކަކަށް ވެފައެވެ.
ކިހާ ދުވަހެއްވަންދެން މިއަނިޔާވެރިކަން މިގޮތަށް ދެމިގެންދާނެ ހެއްޔެވެ؟ އިންސާނީ ޙައްގުތައް ރައްކާތެރި ކުރެވިފައިވާ ޒަމާނެއް ހަމަގައިމުވެސް އެބަ އަންނަން ޖެހެއެވެ. އެބައިމީހުން ބޭނުންވާ އެޖެންޑާ ހިންގުމަށް އެންޖީއޯ ތައް މެދުވެރިކޮށް ފައިނޭންސްދީގެން ހިންގާ ޢަމަލުތަކަކީ ހެޔޮނިޔަތެއްނެތް ޢަމަލުތަކެކެވެ. ނޭޓޯއާއި ޔޫރަޕުން ތަންފީޒު ކުރަން ބޭނުންވާ ހަމައެކަނި އެމީހުންގެ ގާނޫނުތަކަށްވެސް ނިމުމެއް އަންނަން ޖެހޭނެކަމުގައި ދެކެމެވެ.
އެމީހުން ދެއްކި ބަހަނާތަކާއި ހަދަމުން ގެންދިޔަ ދޮގުތައް މިހާރު މިވަނީ ތިލަވާން ހާމަވާން ފަށައިފިއެވެ. ކޮންމެ ހަނގުރާމައެއްވެސް ކާމިޔާބު ކޮށްދޭނަމޭ ބުނެ ދައްކަނީ ދޮގު ހުވަފެން ތަކެއްކަން ގިނަބަޔަކަށް އެނގެން ފަށައިފިއެވެ. ގައުމަށްޓަކައި ކުރުވަމުންގެންދާ ޖިހާދެއް ކަމަށްބުނާ ބަޔަކާއި އަދި އިދިކޮޅަށް ހަނގުރާމަކުރާ މީހުންގެ މަގްސަދަކީވެސް ހަމަ އެކައްޗެކެވެ.
އަމިއްލަ އެދުމާއި ކޮރަޕްޝަނާއި ފަސާދައެވެ. އެމެރިކާގެ މަސްލަޙަތެވެ. އެމެރިކާއަށް އިގްތިސާދީގޮތުން ފައިދާ ކުރަނިވި ކޮންމެ ކަމަކަށް ކޮންމެގޮތަކުންނަމަވެސް ފުރުސަތު ހުޅުވިފާ އޮންނަން ޖެހޭނެއެވެ. އެއީ އެމީހުން ގަބޫލުކުރާ އެބުނާ ޑިމޮކްރެސީއެވެ. މިނާއިންސާފު ތަކުގެ އެންމެ ފަހުގެ ދިރިހުރި މިސާލަކީ ރަޝިޔާއާއި ޔޫކްރެއިނާދެމެދު ކުރެވެމުންދާ ހަނގުރާމައެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމަކީ ބޮޑުވެގެންވާ ޖިނާއީ ކުށެކޭ ބުނެވިދާނެއެވެ. ހަމަ މިމޭރުމުން ވިސްނާއިރު ނޭޓޯ ރަޝިޔާގެ ގޮނޑުދޮށާއި ހަމަޔަށް ފުޅާކުރަން 2014 ވަނަ އަހަރުން ފެށިގެން އެމެރިކާއާއި ނޭޓޯ އިން ކުރަމުންގެންދަނީ ވަކިން ކުޑަ ޖިނާއީ ޖަރީމާއެއް ނޫނެވެ.
އެންމެ ފުރަތަމަ ޔޫކްރެއިންގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ކުރެވިފައިހުރި ރައީސް ވިކްޓަރ ޔަނުކޯވިޗްގެ ވެރިކަން ބަޣާވަތަކުން ނިމުމަކަށްގެނެސް ބޭރަށް ހޫރާލި ގޮތް ދިރާސާ ކޮށްލުމުން ފެންނަ މަންޒަރު ދެކިބަލާށެވެ. ޔަނުކޯވިޗް ގެ ވެރިކަމުގައި ޔޫރަޕިއަން ޔުނިއަނާއިއެކު ވިޔަފާރީގެ ގުޅުން އާއުސްމިންތަކަކަށް ގެންދަން ބޭނުން ފުޅުވިއެވެ. އެކަމަކު ރަޝިޔާއާއެކު އޮންނަ ގުޅުން ކަނޑާލަފަކާނޫނޭ ވިދާޅުވުމުން އެމަނކުފާނުގެ ވަރިކަން ބަދަލުކުރަން ޖެހުނީއެވެ. މިއީ އެމެރިކާ އާއީ ނޭޓޯ ”ޑިމޮކްރެޓިކް “ އަބަދިވެސް މާނަކުރަމުން އަންނަގޮތެވެ.
މިހާރުގެ ހަނގުރާމައަށް ކަޅި ހިންގާލީމާ އެނގި ކަށަވަރުވަނީ ޔޫކްރެއިންގައި ދިރިއުޅޭ ރަޝިޔާ ނަސްލުގެ މީހުންނަށް މޮސްކޯގެ ހިފާޒަތުގައި އަމިއްލަ ވެރިކަމެއް ގާއިމް ކުރުމުގެ ފުރުސަތު ދިނުމާއިއެކު ޔޫކްރެއިނަކީ ވަކިފަރާތަކަށް ބުރަ ނުވާ ގައުމަކަށް ވާން ޖެހޭނެކަމެވެ.
އޭގެ މާނައަކީ ޔޫކްރެއިން ނޭޓޯގައި ބައިވެރިވުމަކީ ވަރަށްދުރު ހުވަފެނެކޭ ބުނެވިދާނެއެވެ. ގޮތްދޫނުކޮށް ހަނގުރާމަ ދިގުލައިގެން ދިއުން އިޚްތިޔާރު ކޮށްފިނަމަ ޔޫކްރެއިން ފަނާވެގެންދާނީއެވެ. ހަނގުރާމަ ކާމިޔާބުކޮށް ދޭނެކަމަށް ވަޢުދު ވަމުން ގެންދާ ގައުމުތަކުގެ ބޭނުމަކީ ހަތިޔާރު ވިއްކުމެވެ. އީރާނާއި އިރާގު 8 އަހަރު ތެޅުވީވެސް އީރާން ބަލިކުރެވޭނެކަމަށް ރައީސް ސައްދާމް ޙުސެއިންއަށް ހުތް ލައިދީގެނެވެ. އެހެނަސް އެހަނގުރާމައިން އީރާން ބަލިނުކުރެވި އޭގެ ބަދަލު ހިފީ ސައްދާމުގެ ކިބައިންނެވެ. އެންމެފަހުން އިރާގު ފަނާކޮށްލާފަ ސައްދާމާއީ އޭނާގެ ޢާއިލާވެސް މަރާލީއެވެ. މިފަދަ އެމެރިކާގެ ފަނާކުރަނިވި ޢުދުވާނުތައް ނޭގޭ މީހަކު ނެތެވެ.
އެފަދަ މަގްސަދުތައް ޙާސިލު ކުރުމަށްޓަކައި ހަނގުރާމަ ދިގުދަންމަން ދޮގު މައްޗަށް ދޮގު ހަދަން ފަސް ނުޖެހޭނެއެވެ. މީގެކުރިންވެސް ފަސްޖެހިފައެއް ނެތެވެ. ކުރުކޮށް ބުނާނަމަ ޔޫކްރެއިންގެ ހަނގުރާމައިގެ މަގްސަދަކީ އެމެރިކާގެ ހަތިޔާރުތައް ވިއްކާލުމާއިއެކު ރަޝިޔާ ޔޫރަޕާ ދުރުކުރުމެވެ. ޔޫކްރެއިނަށް ވެދާނެގޮތެއް ބުނާނަމަ ވުން އެންމެ ގާތީ ދެމީދާ ފަހާދުވި ބުޅަލަށް ވީގޮތެވެ. ހަނގުރާމަ ކާމިޔާބު ނުކުރެވި ގައުމުގެ ބިންތަކެއް ގެއްލި އަދި ގައުމަށް ނުއުފުލޭވަރުގެ ބިޔަ ދަރަނި ތަކެއް ބޮލުގައި އަޅަންޖެހުމެވެ. އެ ހަނަގުރާމައަކީ ޕިމްޕުންގެ ވިޔަފާރިމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.
އެމެރިކާގެ ރިޕަބްލިކަން ސެނޭޓް މިޗް މެކް ކޯނެލް ވިދާޅުވެފައިވާ ފަދައިން ރަޝިޔާއިން އެމެރިކާއަށް ކުރިމަތި ކޮށްފާނެ ނުރައްކަލެއް މައިތިރި ކުރުމުގެ ބޭނުމުގައި ޔޫކްރެއިންގެ ފްރަންޓްލައިންގައި ހަނގުރާމަކުރާ ސިފައިންނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ވަރަށް ތާކުންތާކު ނުޖެހޭ އަމަލެކެވެ.
އެންމެ ފަހުން ހަނގުރާމަ ދިގުލައިގެން ދިއުމުން އެމެރިކާގެ ރައްޔިތުންނާއި ބައިނަލް އަގްވާމީ މީޑިއާއިންވެސް މާބޮޑު އަހަންމިއްޔަތެއް ދޭތަން ނުފެންނާނެއެވެ. ވާނީ އަފްޣާނިސްތާނުގެ ހަނގުރާމައަށްވެސް ވީ މިގޮތްކަމުގައި އޭނާ ވިދާޅުވިއެވެ.
ދެވަނަކަމަކަށް ޔޫކްރެއިންގެ ކާމިޔާބު ދިފާއީ ނިޒާމުން ދަސްވަމުންދާ ފިލާވަޅަކީ ޗައިނާގެ ކުރިމަތިލުން ތަކުން އަހަރެމެންގެ ބައިވެރިން ރައްކާތެރިކުރާނެ ގޮތްތަކެވެ. ރަޝިޔާ ބަލިކުރުމަށްޓަކައި ތައިވާނުން ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަން ހާމަކުރުމަކީ ޙައިރާންވާން ޖެހޭ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތިންވަނަ އަށް ފާހަގަކުރަން ޖެހެނީ ޔޫކްރެއިންގެ ދިފާއަށްޓަކައި އެމެރިކާއިން ހޭދަކުރަމުން ގެންދާ އެތައް ބިލިއަންޑޮލަރަކީ އެމެރިކާގެ ހަތިޔާރު އުފެއްދުމަށް ކުރެވޭ އިންވެސްޓްމެންޓެކެވެ. އޭގެ ސަބަބުން އާ ހަތިޔާރު އުފެއްދި އިތުރު އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ހަމަޖެހިގެންދެއެވެ. މަރާލެވޭ މިލިޔަން މީހުނާއި ފަނާކޮށްލެވޭ އެތަކެއް ބިލިއަން ޑޮލަރުގެ ގެދޮރާއި ތަންތަނަކީ އެބައިމީހުނަށް މާބޮޑު ކަމެއް ނޫނެވެ.
ޔޫކްރެއިނަށް ފޯރުކޮށްދެވޭ އެހީގެ މަގްސަދަކީ މިއީއެވެ. ދުވަސްތައް ފާއިތުވަމުންގޮސް ހަނގުރާމައިގެ ތާޒާ ޚަބަރުގެ ހޫނުކަންކެނޑި މީޑިއާތަކުންވެސް އެ ޚަބަރުތައް ގެނެސްދިނުމުގެ ފޯރި ނެތިގެން ހިގަނދާނެއެވެ. މިހާރުވެސް ކުރީގެ ބްރޭކިން ނިއުސްތަކެއް މީސްމީޑިއާގައެއް ނުފެނެއެވެ. އެހިސާބުން ދެން ކުރިމަތިލާން ޖެހެނީ އިރާގާއި އަފްޣާނިސްތާނުން ނާކާމިޔާބު ވެގެން އެމެރިކާ ސިފައިން ފައިބާން ޖެހުނުފަދަ ޙާލަތަކާއެވެ.
ހަނގުރާމައިގައި މެދުވެރި ވަމުންދާ ޙާލަތަކީ އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދުބަސް ރައްދުކުރުމަށް ހަނގުރާމައިގެ ޕިމްޕުން ބޭނުން ކުރަމުން ގެންދާ ވަސީލަތެކެވެ. ނިއު އެމެރިކަން ސެންޗަރީގެ މަޝްރޫއުތަކާއި އެމެރިކަން އެންޓަރޕްރައިސް އިންސްޓިޓިއުޓާއި ޚާރިޖީ ސިޔާސަތާއި މިބާވަތުގެ އެންމެހާ މަޝްރޫއުތައް ހިންގެނީ ހަތިޔާރު އުފައްދާ އިންޑަސްޓްރީ ތަކުން ފަންޑު ކުރެވިގެންނެވެ.
މާދަމާ ޔޫކްރެއިންގެ ހަނގުރާމައިގެ ހޫނުކަން ނެތިދިއުމުން ދެން ބަލާނީ ޗައިނާ ކޮންމެވެސް ހަނގުރާމައެއްގެ ތެރެއަށް ވައްދާށެވެ. އެންމެގާތީ ތައިވާން ޗައިނާގެ ގުޅުން ހަނގުރާމަޔަކަށް ބަދަލު ކޮށްލުމެވެ. މިހާރުވެސް އެމެރިކާގެ ކަނޑުގެ ސިފައިން ޗައިނާ ކަނޑުގައި އެ ގެންދަނީ އެކަމަށް މަގުހޯދަން އަތްފުނާ އަޅަމުންނެވެ.
ހަނގުރާމައިގެ ޖަރީމާތައް ހިންގާ ބޮޑެތި ޕިމްޕުންގެ މަސައްކަތުން އެމީހުންނަކީ ދުނިޔެ ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ޙަވާލުވެފާތިބި ބައެއްކަން ފޮނި ވާހަކަތަކުން މީސްތަކުންގެ ސިކުނޑިތައް ކިތަންމެ ރަނގަޅަކަށްވެސް ޚަރާބު ކޮށްލައެވެ.
އެހެނަސް މިއަދުވެސް އެމީހުންގެ މަކަރުވެރި ވާހަކަތައް ގަބޫލު ނުކުރާ މީހުން މަދެވެ. ރާއްޖޭގައިވެސް އެބައި މަދެއްނޫނެވެ. ހަމަގައިމުވެސް ދުނިޔޭގެ ގައުމުތައް ޚާއްސަކޮށް އިސްލާމީ ގައުމުތައް ފަނާކޮށް ނެތިކޮށްލަން ކުރެވެމުންދާ މަސައްކަތްތައް މިހާރު ބާރުގަދަ އިސްލާމީ ގައުމުތަކަށް ފަހުމް ވެއްޖެކަމަށް ފެނެއެވެ. އޭގެ ހެއްކަކީ ސަޢޫދީ އީރާންގެ ގުޅުމެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެމެރިކާގެ ފެޑެރަލް ބަޖެޓުގެ %45 އަށްވުރެން ބޮޑު ބައެއް ކޮންމެ އަހަރަކު ހޭދަ ކުރެވެމުން ދަނީ މިލިޓްރީ ބޭނުން ތަކަށެވެ. ސަބަބަކީ އެއަށްވުރެން ދެމެހެއްޓެނިވި ގޮތުގައި ފައިދާބޮޑު އެހެން އިންވެސްޓްމެންޓެއް ނެތުމެވެ.
ހަލާލު ޙަރާމަކީ އެބައިމީހުނަށް ބަލަންބޭނުންވާ އެއްޗެއް ނޫނެވެ. އެމެރިކާގެ ބާރުގަދަ ވެރިކަމުގެ ނިޒާމަށް ބަލާއިރު އެއީ މިލިޓްރީ އުފެއްދުންތަކަށް ސަރުކާރުގެ ވަސީލަތްތަކާއި އާމްދަނީ ފޫގޮއްސާ އޮތް ނިޒާމެއްކަމަށް ޚޮދު ޔޫރަޕްގެ ގިނަ ގައުމުތަކުން ގަބޫލު ކުރަނީ އެހެންވެގެންނެވެ.
– ނުނިމޭ…
One Response
ދުނިޔޭގައި ހުރިހާ ޖަރީމާއެއް ހިންގާފައި އެންމެންގެ ޔާރެއްގެ ގޮތުގައި އުޅެވޭނީ ހާދަ ހިޔަޅުވީމައޭ ދޯ؟