ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ”ދަ ޑިމޮކްރެޓްސް“ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ މިހާރު ނުދިނުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ ނިންމަވައިފިއެވެ.
3560 މީހުންގެ ސޮޔާއެކު ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން އީސީއަށް ހުށަހެޅީ މި މަހުގެ 01 ވަނަ ދުވަހުއެވެ.
އީސީން މިރޭ ވަނީ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމަށް ގޮތް ނިންމުމަށް ބައްދަލުވުމެއް ބާއްވައިފައެވެ.
އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ހަތަރު މެމްބަރުން ކަމަށާއި ދެ ބޭފުޅަކު ވޯޓު ދެއްވީ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ހުއްދަ ދިނުމަށް ކަމަށެވެ.
ނަމަވެސް ދެން ތިއްބެވި ދެ މެންބަރުން ވޯޓު ދެއްވީ އަދި އެ ހުއްދަ ނުދިނުމަށް ކަމަށާއި އެބޭފުޅުން ބޭނުންވަނީ އަދިވެސް ޗެކްކުރަން ކަމަށް ފުއާދު ވިދާޅުވިއެވެ.
“އެބޭފުޅުން ބޭނުންވާ ކަންތައްތަކެއް ނުނިމޭ ކަމަށްވަނީ. އޭގެ އިތުރުން އެބޭފުޅުންތުހުމަތު ކުރައްވަނީ އަޅުގަނޑު މި މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައިކަމަށް. އެހެންވީމާ އެބޭފުޅުން ބޭނުންވަނީ ޗެކްކުރަން. ގާނޫނުން ތިން މަސް ލިބޭތީ އޭގެކުރިން އެބޭފުޅުން ބޭނުންފުޅުނުވާ ކަމަށް ނިންމަން.“ ފުއާދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއަކީ ނަޝީދުގެ އިސްވެ ހުންނަވައި އެމަނިކުފާނުގެ އިރުޝާދާއި ލަފާފުޅުގެ މަތިން އުފައްދާ ޕާޓީއެކެވެ. ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.
މި ޕާޓީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ 12 މެންބަރަކާއި އެމްޑީޕީގެ ނައިބު ރައީސް ކަމުގައި ހުންނެވި މުޙައްމަދު ޝިފާޒާއި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވަނީ އެމްޑީޕީން ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގައި މިހާރު ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ޙަސަން ލަޠީފްގެ ނަމުގައެވެ.
ޑިމޮކްރެޓްސްއިން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނިންމާފައިވާއިރު, ޕާޓީ ރަޖިސްޓްރީކޮށް ޖަލްސާ ބާއްވަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދިންހައި އަވަހަކަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށްޓަވާނެ ކަމަށް ޙަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ.