“ސިޔާަސީ ބައެއް ލީޑަރުން ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގައި ރައްޔިތުން ލައްވައި ގޯސް ހައްދަވާފައި މައިދާނުން ފިލައިގެން ދިއުން. ކުށްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ!“ މިއަދު މެންދުރު ކުރީގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހެންނެވެ.
މި ވާހަކައާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއީ ޚުދު އިމްރާން އަމަލު ކުރެއްވި ގޮތްކަން ހަނދާންކޮށްދެއްވައި އޭނާގެ މުނާފިގުކަމުގެ ވާހަކަ ދައްކައިފައެވެ.
ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރުގެ މޭޑޭގައި ކުރި މުޒާހަރާ ލީޑުކުރައްވަން އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އިމްރާނެވެ. އެ މުޒާހަރާގައި އިމްރާން ވަނީ ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީއާއި ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރާ ގުޅޭ ގޮތުން ބޮޑެތި ދޮގު ތުހުމަތުތަކެއް ކުރައްވައިފައެވެ. ކަރުން ނާރު ނަގާ ވަރަށް ހަޅޭފުޅުލައްވައި މި ހުރީ “ކިތާބީ ހެއްކޭ“ ވިދާޅުވެ ރައްޔިތުން ޖަޒުބާތުގައި ޖެއްސެވުމަށްފަހު އެންމެ ފަހުން ޝައިޚް ފިއްލެވީއެވެ.
“މުޒާހަރާގެ ބައިވެރިން ކައިރީ ބުނީ އަހަރެމެން މިދަނީ މަޣުރިބު ނަމާދަށް އިސްލާމީ މަރުކަޒަށޭ. އެންމެން އެ ތަނަށް އަންނާށޭ. އެއްވެސް މީހަކު ފަހަތަށް ނުޖެހެއްޗޭ. ވެރިކަން ވައްޓައިލާފައޭ މިފަހަރު ގެއަށް ވަންނާނީ. އެ ހުރިހާ ވާހަކައެއް ދައްކާފައި ގޮސް އޮތީ ފިލާ“ އިމްރާނުގެ ވާހަކައާ ގުޅިގެން ޖަމްޢިއްޔަތުއްސަލަފުގެ ޗީފް މާކެޓިންގ އޮފިސަރު ޢަލީ ރަމީޒް ވިދާޅުވިއެވެ.
ޢަލީ ރަމީޒް ވަނީ އިމްރާނަކީ “ސިޔާސީ ހަށިވިއްކާ“ ބޭފުޅެއް ކަމަށް ވެސް ސިފަކުރައްވައިފައެވެ.
މޭޑޭގައި އިމްރާން ދެއްކެވި ވާހަކަތަކުގެ ވީޑިއޯ ހިއްސާ ކުރައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ވިދާޅުވީ މޭޑޭގައި އެ ވާހަކަތައް “ނިކަން ބާރަށް ގޮވާފައި“ މުޒާހަރާ ހޫނުވުމުން އާންމުން ދޫކުރައްވައި ފިއްލެވީ އިމްރާނު ކަމަށެވެ.
“ވެރިކަމަށް އާދެވުމުން އޮހޮރުނު ލޭ ގެ މައްސަލަތައް ހަނދާން ނައްތާލެއްވީ ވެސް ތިޔަ ބޭފުޅުން.“ ވައްޑެ ވިދާޅުވިއެވެ.
ވައްޑެގެ ވާހަކައަށް ތާއީދުކުރައްވައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އިމްރާނަށް ކިޔަންވީ “ފިލި އިމްރާނު“ ކަމަށެވެ.
“ރާއްޖޭގެ ތާރީޚުގައި ވެސް ރައްޔިތުންނާ ފުލުހުންނަށް އެންމެ ބޮޑެތި އަނިޔާވި މޭޑޭގެ މުޒާހަރާގައި އިސްކޮށް ހުރި ވަހުޝީ އިމްރާން މުޒާހަރާ ހޫނުކޮއްފައި, ރައްޔިތުންނާއި ފުލުހުންނާ ތަޅުވާފައި, އިމްރާން ފިލައި ރައްކާާވި. މިއަދު ތިވާހަކަ ދަންކަން ލަދު ކޮބައިތޯ.“ އިމްރާނުގެ ވާހަކައާ ގުޅިގެން ވާހަކަދެއްކި އެހެން މީހަކު ބުންޏެވެ.
ބައެއް މީހުން ބުނި ގޮތުގައި އިމްރާން މިކަހަލަ ވާހަކަ ދެއްކެވީމާ އިތުރަށް ހާމަވަނީ އޭނާގެ މުނާފިގުކަމެވެ. އަދި އޭނާގެ އަމަލުތަކާހުރެ “އިބިލީސް ވެސް ހުރީ ވާނުވާގައި“ ކަމަށެވެ.
“މޭޑޭގަ ކަރުދާސްތަކެއް ދައްކާފަ ތިމަންނާ އަތުގަ މިހުރީ ހެއްކޭ ބުނީމެއްނޫންތޯ. އެ ހެކިތައް ފުލުހުން ގެންދިޔައީއޭ ފަހުން ވިދާޅުވެފައި މިހާރު ތި ހުންނެވީ ހޯމް މިނިސްޓަރު ކަމުގަ. 5 އަހަރު ހޭދަކުރެއްވީ އެއްވެސް ކަމެއް ނުބެލި.“ އެހެން މީހަކު ބުންޏެވެ.
މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރިއިރު އެ ދުވަހު ގެންގުޅުއްވި ކަރުދާސްތައް ފުލުހުން އަތުލާފައިވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި އެ ދުވަހުގައި ދެއްކެވި ކަރުދާސްތަކަކީ އޭގެ އަސްލެއް ނޫންކަމަށާއި އޭގެ އަސްލު ވާންޖެހޭ ތަނެއްގައި ވާނެ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
މޭޑޭގައި އިމްރާން ގެންގުޅުއްވި ކަރުދާސްތަކަކީ ނޫސް ޕްރިންޓްތަކެއްކަމަށް އެ ބޭފުޅާގެ ގާތުގައި ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެފައިވާ ކަމަށާއި އެ ވާހަކަ ދެއްކެވީ ކޮފީއެއް ބައްލަވަން އެކުގައި ތިއްބެވި ދުވަހެއްގައި ކަމަށް މީގެކުރިން ބޭފުޅަކު ވަނީ ވިދާޅުވެފައެވެ. އެ ބޭފުޅާ ވިދާޅުވި ގޮތުގައި, އަދާލަތު ޕާޓީގެ އޮފީހުގައި އެ ޕާޓީގެ މެންބަރުންގެ ގާތުގައި ވެސް އެ ކަރުދާސްތަކަކީ “ފޭކެއް“ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
One Response
ސުނުޙާނަﷲ. އިމްރާނުގެ ދޮގުވެރިކަމާއި މުނާފިގުކަން ދެކެބަލާށެވެ. ޑރ. އިޔާޒްގެ ދޮގުވެރިކަމާއި އެކު އިމްރާން އަދިވެސް އޭނާގެ ނުބައިކަމާއި މުނާފިގުކަން ދިފާޢުއެބަ ކުރެއެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. ޝެއިޚުންނާއި ޢިލްމްވެރީނަށްހުރި ބޮޑު ލަދަކާއި ކަންބޮޑުވުމެއްކަމުގައި އަދާލަތު ޕާޓީ ވެއްޖެކަހަލައެވެ. ނަޝީދު ލާދީނީއޭ ގޮވައިފާ ތިމާމެންގެ ލާދީނީކަން ދެކެބަލާށެވެ. ދޮގާއި މަކަރާއި ޙީލަތްތެރިކަން ﷲ ދެކެދެނެވޮޑިގެން ވެއެވެ.