ދިވެހިރާއްޖެ ކަހަލަ ކަނޑަށް ހުޅުވާލެވިފައި ހުންނަ އައްސޭރިފަށުގެ ޖަޒީރާ ޤައުމެއްގެ ދަޢުލަތައްވާނީ އެންމެހައި ޖަޒީރާތަކާއި ގުޅިފައިވާ އެންމެހައި ގިރި ފަޅާ ކަނޑާއި އެކަނޑުގެ ދަރަޖަ، ދަގީގު، އަރުލުގެ މައްޗަށް ދަމާލެވިފައިވާ ރޮނގުގެ އެތޭރޭގައެވެ.
އެއީ ދިވެހި ކަނޑާއި ކަނޑުގެ އަޑި އަދި އެތެރޭގައިވާ އެންމެހައި ދިރުންތަކުގެ މިނިރަލްސްއާއި، މަޢުދަނާ އަދި ޖައްވާއި އެއްގަމުގައިވާ އެންމެހައި ތަކެއްޗެވެ.
އެއްވެސް ޝައްކެއްނެތެވެ. މިދައުލަތުގެ ބެލެނިވެރިންނަކީ ނުވަތަ މިދެންނެވުނު އިންފާރުތަކުގައިވާ އެންމެހައި ރިސޯސްތައް ތަސައްރަފު ކުރުމުގެ ބާރުވެރިންނަކީ އެދައުލަތެއްގެ ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެދައުލަތަކަށް ނިސްބަތްކުރެވޭ އެތަނެއްގެ އުފަން އަހުލުވެރި ރައްޔިތުންނެވެ.
އޭގެތެރޭގައި މައިމީހާގެ ބަނޑުގެތެރޭގައިވާ އުފަންނުވާ ދަރިން އަދި ބަލިޙާލުގައި ކޯމާއެއްގައި އެންމެފަހުނޭވާ ލަމުންދާ މަރުނުވެ ދުނިޔޭގައިތިބި އެންމެހައި ރައްޔިތުންނަކީ މުޅިދައުލަތުގެ ބާރެވެރިން އަދި ބެހެނިވެރިންނެވެ.
ޢާއްމު ބަހުން ބުނާނަމަ މުޅިދަޢުލަތުގެ ޙައްޤުވެރިންނަކީ ނުވަތަ މުޅިދަޢުލަތުގެ ބާރަކީ އެންމެހައި ރައްޔިތުންނެވެ. މިއަސާސުގެ މައްޗަށްބުރެވެތިބެ ދަޢުލަތުގެ ބޮޑުބާރުން އިޤުރާރުވަނީ ދަޢުލަތް ހިންގުމަށްޓަކައި ދަޢުލަތުގެ ބައެއް ބާރުތައް ތިންބަޔަކަށް ބަހާލައި އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވެ ތިލަފަތް ހަމަކޮށް ދަޢުލަތް ހިންގުމަށް ދަޢުލަތް ހިންގުމަށް ޙަވާލުކުރާ ފަރާތްތަކަށް ކިޔަނީ ދައުލަތުގެ 3 ބާރެވެ. އެއީ އިދާރީ ކަންކަން ތަރުތީބުކޮށްދިނުމާއި ދަޢުލަތް ހިންގައިދިނުމެވެ. ޔަޢުނީ، މިކިޔާ ދިވެހި ސަރުކާރެވެ.
ސަރުކާރު ހިންގާނެ އަސާސުތަކާއި އުސޫލަތައް ކަނޑައަޅައި ޤާނޫނު ހެދުމާއި ،ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ލިބިގެންވަނީ ރައްޔިތުން މަޖިލީހަށެވެ. އެއީ ދައުލަތުގެ އަނެއް ބާރެވެ. ޤާނޫނު ތަންފީޛުކުރުމާއި ޢަދުލު އިންސާފު ޤާއިމުކޮށްދީ ޤާނޫނުގެ ހަމަހަމަކަން އެންމެނަށް ފޯރުކޮށްދިނުން، އެއީ ސްޕްރީމް ކޯޓާއި ދަށުކޯޓްތަކުގެ ޒިންމާއެކެވެ.
މުޅިދަޢުލަތުގެ އެންމެހައި އަފުރާދުންނާއި އެންމެހައި ރިސޯސްތަކުގެ މައްޗަށް ދަޢުލަތުން ކަނޑައަޅާ މުވައްކިލެއް ގޮތުގައި ކަނޑައަޅާ ފަރާތައް މިކިޔަނީ ދަޢުލަތުގެ ބަނޑާރަ ނައިބެވެ. ބަންޑާރަ ނައިބުގެ ޒިންމާ އަދި މަސްއޫލިއްތަކީ އެންމެހައި ރައްޔިތުންނާއި ރާއްޖޭގެ ސަރަޙައްދާއި، ސަރަޙައްދުގެ އިންތަކާއި ސަރަޙައްދުގައިވާ އެންމެހައި ދިރުންތަކީ ދިރުންނެތް އެންމެހައި ވަސީލަތްތައް ރައްކާތެރިކޮށް ދިނުމުގެ މުވައްކިލެވެ.
އެއީ ސަރުކާރުގެ ނުވަތަ އެހެން އެއްވެސް ފަރާތެއްގެ މަސްލަޙަތާއި ޕޮލިސީ ޙިމާޔަތްކުރުމަށް ވަކާލާތު ކުރާ ބޭފުޅަކަށް ވެގެން ނުވާނެއެވެ. އަދި ބަންޑާރަނައިބަކީ ވަޒީރުންގެ މަޖިލީސް މެމްބަރަކަށް ހެދުމުން ފުށުއަރާކަން މިހާރު ހާމަވެގެން ހިގައްޖެއެވެ. އެހެން ވެގެން ނުވާނެއެވެ.
އޭނާޔަކީ އެ އިރަކު އޮންނަ ސަރުކާރެއް ނުވަތަ ރައީސުލް ޖުމްހޫރިއްޔާއާއި އޭނާގެ ކެބިނެޓްގެ ޕޮލިސީ ތަންފީޒްކުރަން ބޭނުންކުރެވޭ މީހަކަށް ވެގެން ނުވާނެއެވެ. އެހެނީ ދައުލަތުގެ ނަމުގައި ސަރުކާރުގެ ފަސާދައިގެ ތެރަށް އޭނާ އެމުނޭތަން ފެންނާތީއެވެ. މިއީ ވަގުތުން ވަގުތަށް ރަންގަޅުކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. އެހެނީ ދައުލަތުގެ ނަމުގައި އޭނާ ސަރުކާރު ތަމްސީލްކުރާތީއެވެ.
މިހެން މިދަންނަވަނީ ހަމަހަމަކަމާއިއެކު ޤާނޫނުން ލިބިދޭ އެންމެހައި ނަފާތައް ހަމަހަމަކާއިއެކު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ރައްޔިތުންގެ ފަރާތުން އިސްކުރާ މުވައްކިލަކީ ވަކިފަރާތެއްގެ މަސްލަޙަތު އިސްކޮށް ވަކާލާތުކުރާ ވަކީލަކަށްވެއްޖެ ނަމަ، އެދަނީ އެދަޢުލަތެއް ފަނާވެ ނެތި ދިއުމާ ދިމާލަށް ކަން ދައުލަތުގެ އެންމެމަތީ ބާރުކަމުގައިވާ ރައްޔިތުންނަށް އެނގެންޖެހެއެވެ.
މިފަދަ ނާޒުކު ޙައްސާސް ދަނޑިވަޅެއްގައި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކޮށް ދިނުމަކީ ދަޢުލަތުގެ އެންމެމަތީ ބާރުވެރިން ކަމުގައިވާ ރައްޔިތުންގެ މައްޗަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތެވެ.
މިހެންމިދެންނެވީ ދަޢުލަތުގެ ބައެއްވެރިން ދައުލަތައް ގައްދާރުވުމަކީ މިހާރުވެސް އަދި މާޒީގައި އަބަދުވެސް ތަކުރާރުވަމުން އަންނަކަމެއް ކަމަށް ވާތީވެ ޤާނޫނު އަސާސީގެ 4 ވާނާމާއްދާ ވަނީ ދަޢުލަތް ފަނާކުރިޔަނުދީ ދިރި ދުނިޔޭގައި ބޭއްވުމަށްޓަކައި ރައްޔިތުން ބާރުވެރި ކޮށްދީފައެވެ.
އެމާއްދާގައި ބުނަނީ ”ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެބާރުތައް އަބަދު ވެސް ދެމި އޮންނަންވާނީ ރައްޔިތުގެ ކިބައިގައެވެ.“
މިޙާލަތުގައި މުޅިޤައުމުގެ އިސްވާޖިބަކަށް ވާންވާނީ މުޅި ދަޢުލަތް ޙިމާޔަތްކޮށް އަންނަންއޮތް ޖީލުތަކަށް މިދަޢުލަތް ތަސައްރަފުކޮށް ދިނުމެވެ.ޤައުމަކީ އެއްތާރީޙަކާއި އެއްސަގާފަތެއް ޙިއްސާކުރާ އިންސާނުން ދިރިއުޅޭ ވެއްޓެކެވެ. ދައުލަތުގެ އެންމެހައި ވަސީލަތްތައް ތަސައްރަފު ކުރާނީ އެވެއްޓެގައި ދިރި އުޅޭ ރައްވެހިކަމުގެ ރައްވެހިންނެވެ.
އިންސާނާއަކީ އެހެން މަޚުލޫތަކާ ޚިލާފަށް އޭނަގެ ޙަޔާތްފެށުން ތަފާތުކުރައްވައި މައުޖޫދު ކުރެއްވި މަޚުލޫގެކެވެ. މިހެން މިދެންނެވީ އެހެނިހެން ޙައިވާންތަކުގެ ޙަޔާތަކީ އެހައިވާނެއްގެ އުފަންވުމާއި ހަމައިން ފެށޭ އެއާއިއެކު ނިމިދާ ހަޔާތެކެވެ. އެހެނަސް އިންސާނާގެ ޙަޔާތަކީ މާޒީގައި ވެދިޔަ ޒަމާނުގެ ތެރެއިން ބަދަލުވަމުންދާ ސިލްސިލާ ފޯމޭސަން ގެ ތެރެއިން މަންމައަކާއި ބައްޕައެއްގެ ވާސިތޯ އިން ފެށިގެންއަންނަ އަދި މާޒީން ކާބަފައިން އޭނާއަށް ވާރުތަކޮށް ދަސްކޮށްދޭ އެންމެހައި ޙަމަތަކާއި އަސާސުތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އޭނަގެ ޙަޔާތް އާރާސްތުކުރާ ފަނާވެނެތި ނުދާ ޙަޔާތަކަށް ދިއުމަށް ދަތުރުކުރާ ޙައިވާންނެކެވެ.
އެހެންކަމަށް ވުމުން އިންސާނީ ޙަޔާތުގައި އެމީހުންގެ ކާބަފައިން އެމީހުންނައް ވާރުތަކޮށް ދީފައިވާ އެންމެހައި ވަސީލަތްތަކާއި އެވަސީލަތްތައް އަމުނާލެވި ގުޅި ލާމެހިފައިވާ އެންމެހައި ތަންތަނާއި ކަންކަން ދެމެހެއްޓުމުގެ އެންމެހައި ބާރުތައް އެހެންބައެއްގެ މަޖުބޫރު ކަމެއްނެތި އެބައެއްގެ އަތުގައި ބޭއްވުމަށް އެބައެއްގެ އަމިއްލަ ސިޔާދަތީ ބާރު ބޭނުންވެއެވެ.
މިދެންނެވުނު ސިޔާދަތީ ބާރުތައް ބޭރު ކަރަކަރައިގެ އިސްތިޢުމާރުންގެ ބޭނުންތަކަށް އަމިއްލަ ޤައުމާއި ދައުލަތުގެ މަސްލަޙަތުގެ މައްޗަށް ބަލައިލުމެއް ނެތި ދައުލަތުގެ އިންތަކާއި މިންތައް ބަދަލުގެނައުމަށް އިސްތިޢުމާރީންގެ ބަހަށް ދީލާލި ވެރިން ވެގެންދާނީ އަމިއްލަ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ވިއްކާލި ގައްދާރުންނޫން ދެން ކޮންބައަކަށްތޯއެވެ؟
މިއަދު މިސިޔާދަތީ އަމިއްލަ ދައުލަތެކޭ ބުނެވޭވަރަށްވުރެ ސޯލިޙްގެ މިސަރުކާރުގެ ގައްދާރުކަމާއި ޚިޔާނާތްތެރިކަން މާބޮޑު ވެއްޖެވެ. މަޖިލީހުގެ ތަޅުމުގެ ލައިވްކާސްޓަ އަޑުއަހާލުމުން ޚިޔާނާތާއި ފަސާދައިގެ ވާހަކައިން ހިތް ފަޅައިގެން ދާވަރުވެއެވެ.
ރޭގަނޑުގެ ސިއްރުގައި އެއުރެން ރާވާ ދުވާލުގެ އަލީގައި ތަންފީޒު ކުރަމުންދާ އެންމެހާ ޚިޔާނާތާއި ޖަރީމާތައް ހެއްދެވިފަރާތުން ދެކެ ދެނެ ވޮޑިގެންވާކަން އެބައިމީހުން ހަނދުމަ ނެތިއްޖެއެވެ.
އެހެންކަމުން ޤާނޫނު އަސާސީގެ 4 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިފައިވާ ހައްޤުގެ ބޭނުން ކޮށް މިސަރުކާރު އަޒުލުކުރުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމްކުރާ ކިފާޔަތެކެވެ.
One Response
އަސްލުވެސް މި އެޓޯނީޖެނެރަލް ވައްތަރީ ސަރުކާރުގެ އެޓޯނީ ޖެނެރަލްއަކަށެވެ. ދައުލަތުގެ ނަން މި މީހުން ބޭނުންކުރުމުން ލަދުގަނެއެވެ. އެއްވެސް ކޮލިޓީއެއް ނެތް އުސޫލެއްނެތް ޢަދުލުއިންސާފެއްނެތް މީހުނާ ދައުލަތް ހިންގަން ޙަވާލުކުރެވުނީތީ ރައްޔަތުން ލަދުން މޫނުމަތީ އަތްއަޅާ ހިސާބަށް މިވަނީ ދުއްވާލާފައެވެ.