ގައުމުގެ މުސްތަގްބަލާމެދު ރައްޔިތުން ކަންބޮޑުވަނީ ކީއްވެ؟

Loading

Facebook
Twitter
WhatsApp

ލިޔަން މިއުޅެނީ ރިޔާސީ މޫސުމުގެ ވާހަކައެވެ. އަޅުގަނޑުމެންގެ ގައުމަށް އަންނަ އެންމެ މުހިންމު ދުވަސްވަރެވެ. ކުރިއަށް އޮތް ފަސް އަހަރަށް ދައުލަތް ހިންގުމަށްޓަކާ ވެރިޔަކު އިޚްތިޔާރުކުރުމުގެ މޫސުމެވެ. ވެރިޔަކު އިޚްތިޔާރު ކުރުމުގައި ފާއިތުވެ ދިޔަ ތަނުގައި ރައްޔިތުންނަށް ކަންތައް ކުރެވުނު ގޮތުގެ މައްޗަށް ވިސްނައި ފިކުރުކޮށްލަން ޖެހޭ މޫސުމެވެ. 

ނިމިގެން މިދާ ވެރިންކަމުގައި ދައުލަތް ހިންގަދޭން އިޚްތިޔާރު ކުރެވުނީ އެންމެ ރަނގަޅު ބޭފުޅާ ތޯ ނުވަތަ ނޫންތޯ ދެނެގަންނަން ވީ މޫސުމުވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި ދައުލަތް ހިންގުމާއި ޙަވާލުވި ރައްޔަތުންގެ ޚާދިމުންގެ ފަރާތުން ރައްޔިތުނަށް ވީ ވަޢުދުތައް ކިހާވަރަކަށް ފުއްދިތޯ އާއި ޙަވާލުކުރެވުނު އަމާނާތް ( އިސްލާމް ދީނާއި، ދިވެހި ގައުމިއްޔަތާއި، ރައްޔަތުންގެ ޙައްގުތަކާއި، ރައްޔަތުންގެ ޚަޒާނާ ) ބަލަހަށްޓާ ދެއްވީ ގައުމަށާއި ރައްޔަތުމީހާއަށް އެންމެފައިދާ ކުރަނިވިގޮތަށްތޯ ބަލަންޖެހޭ ދުވަސްވަރެވެ. 

ކޮށްދޭނެކަމަށް ކަނޑައަޅައި މެނިފެސްޓޯއެއްގައި ލިޔެ ރައްޔަތުނަށް ވަޢުދުވިޚިދުމަތްތައް ލިބިދިންތޯއާއި ދައުލަތުތާއި ޙަވާލުވިއިރު ދައުލަތުގައި ހުރި އަރަނި ވީ އިތުރުތޯ ނުވަތަ ރައްޔަތުމީހާ ދަރުވާ ހުސްކޮށްލީތޯ ވިސްނާފިކުރު ކުރަންވީ ދުވަސްވަރެވެ. އެހެނީ ސަރުކާރަކީ އައްޔަންކުރެވޭ 5 އަހަރު ދުވަހެއްގެ މުއްދަތަށް އަމާނާތްތެރި ކަމާއި ވަފާތެރިކަމާއި ރައްޔަތުންނަށް އެންމެ ލާބަޔާއި މަންފާ ލިބިދެވޭގޮތަށް ހިންގަދޭން މާތްﷲ ގަންދީ ހުވާކޮށްގެން ޙަވާލުވާ ވަޒީފާއަކަށްވާތީއެވެ. ދެވަނަ ދައުރަކަށް ގޮވަމުންދާއިރު ޚާދިމުތަކުންގެ ޢަމަލުތައް މިނެކިރާލަން ޖެހޭނެއެވެ. މިއީ އެ މޫސުމެވެ.

އިންސާނުންގެ ވިސްނުމާއި ފިކުރު އަދި ރަނގަޅާއި ނުބައި ރީއްޗާއި ހުތުރު މިއީ ފަރުދީ ފައިސަލާއެއްކަން ގަބޫލުކުރަމެވެ. ހަމައެއާއިއެކު ފަރުދީ ވިސްނުން އެއްފަރާތަކޮށް މުޅި މުޖުތަމައުގެ ޙައްގު ކުރިއަށް ނެރެ ގޮތެއް ނިންމަންޖެހޭ ވަގުތުވެސް އަންނާނެއެވެ. އެފަދަ ޙާލަތުތަކުގައި ފަރުދީ ފައިސަލާއެއް ކުރުމުން އޭގެ ނުރަނގަޅު އަސަރު މުޅި މުޖުތަމާއަށްވެސް ކޮށްފާނެތީއެވެ. 

ގައުމުގެ ވެރިޔަކަށް ބޭފުޅަކު އިޚްތިޔާރު ކުރުމަކީ ފަރުދީގޮތުން ފައިސަލާ ކުރެވިދާނެ ކަމެއް ނޫނެވެ. އެއީ މުޅި ގައުމަށްޓަކައި ކުރަން ޖެހޭ ކަމަކަށް ވީމައެވެ.އެހެންނަމަވެސް ވެރިކަމަށް އިސްކުރެވުނު ވަރަށް މަދު ބޭފުޅަކު މެނުވީ ވަޒީފާއަށް އިސްކުރެވުމަށްފަހ އެ ބޭފުޅާއަކީ ރައްޔިތުންގެ ޚާދިމެއް ކަމުގައި ގަބޫލެއް ނުކުރައްވައެވެ. ރައްޔަތުން އެބައިމީހުނާއި ދައުލަތް ޙަވާލުކުރުމުން އެމީހުން ހަށިފޮޅާލައެވެ. އެއަށްފަހު ދައުލަތަކީ އެމީހުންގެ ވާރުތަ މުދަލެއް ފަދައެވެ.

ރައްޔަތުމީހާ ދެން އަނެއްކާ ފެންނަނީ ދެވަނަ ދައުރަކަށް ވޯޓްލާން ކައިރިވުމުންނެވެ. ނިކަމެތި އިންސާނާގެ ޢަމަލުތައް ބަދަލުތައް ކުރާތަނެއްވެސް ނުމެފެނެއެވެ. އެއާ ޚިލާފަށް އެބޭފުޅުން ކަންތައް ކުރައްވާފައިހުރީ ނުވަތަ ކުރަމުންގެންދަނީ އަމިއްލަ ފިހާރައެއްގެ ސޭޓަކު ކަންކުރައްވާ ބީދައަކުންނެވެ. ތެދައް ބުނާނަމަ އެއަށްވުރެވެސް ނުބައިކޮށެވެ.

ދައުލަތް ހިންގުމަށް ރައްޔަތުން އެޕްރޫވްކޮށްފާ ދިން ބަޖެޓަށް ބޮޑުތަނުން ޚިޔާނާތްތެރިވެ އަހަރުގެ މެދުތެރޭން ބަޖެޓް ހުސްކޮށްލުމާއި ރައްޔަތުންގެ ނިކަމެތިކޮށް އަދި އޭގެ ނާޖާއިޒް ފައިދާ ނަގައި ބޭރުގައުމުތަކުގައި ސަލާމް ޖަހާއި އަދި ރައްޔަތުންނަށް ތާހިރު ދިރިއުޅުމެއް ހޯދަދޭން ކަމުގައިބުނެ ދިންމީހަކުއަތުން ޖެހުނުގޮތަކަށް ލޯންވެސް ނަގަނީއެވެ. ލޯންނަކީ ޙަރާމް އެއްޗެއްކަމުގައިވެސް ހަމަ އެސަރުކާރުން ފަތުވާދީ ރައްޔަތުންނަށް ކެނޑިނޭޅި އަންގަމުންދާ ޙާލުގައިވެސް މެއެވެ.

މިފަދަ ޚިޔާނާތްތެރި ސަބަބުތަކާއިހުރެ ދިވެހިރައްޔިތުންގެ ނަމުގައި ސަރުކާރުން ނަގަމުންގެންދާ ދަރަނިތަކާއި އަދި ދިރިއުޅުމުގެ އަގުތައް މަތިވަމުންގޮސް އާންމު ބޭނުންތަކަށްވެސް ރައްޔިތުން ނުކުޅެދިފައި ތިބިވާހަކަ ވަރަށް ގިނައިން ދިވެހިރާއްޖޭގެ މީޑިއާތަކުން ފެނި އަޑުއިވެމުންދެއެވެ. 

ދަރަނި ނަގަންޖެހެނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައޭ ވަޒީފާގެރެންޓީ ވެފައިވާ ސަރުކާރުން ވަރަށްބާރުލާ ބުނަމުން ގެންދެއެވެ. 

އެހެންކަމަށްވާނަމަ ގައުމަށް ލިބޭ އެއްޗަކުން ރައްޔިތުން ކުރާ ހޭދަތަކެއްވެސް އޮންނަން ޖެހޭނެއެވެ. ކޮންމެ އަހަރެއްގެ ބަޖެޓް މަޖިލީހަށް ދާއިރު މިތަން ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމުގެ އަންދާޒާއެއް ދީފައި އޮވެއެވެ. އާސަންދައަކާއި މުސްކުޅިންނަށް ދޭ އިނާޔަތެއްގެ ވާހަކަ ވަރަށް ބާރަށް ދެކެވެއެވެ. ރައްޔިތުންގެ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ޚަރަދު ކުރުމަކީ ރަނގަޅު ކަމެކެވެ. 

އެކަމަކު އާސަންދާއި އެންސްޕާއިންވެސް އާންމު ރައްޔިތު މީހާއަށް ލިބެނީ އޭނާގެ ސައިޒަށް ބަލާފައެވެ.

އެކަން ވަރަށް ރަނގަޅަށް އިއްޔެ ނިމިދިޔަ ކާށިދޫދާއިރާގެ ބައި އިލެކްޝަނުން ޙާމަވެގެން ހިގައްޖެއެވެ. 13 ދުވަހުގެ ތެރޭގައި 175 މިލޔަން ރުފިޔާ ޚަރަދުކޮށްލިކަމުގައި ރައްޔަތުންގެ މަންދޫބުން މަޖިލިސް ތަޅުމުގައި ގޮވާއެނަގަނީއެވެ. ދައުލަތް ހިންގަން ޙަވާލުވި ޚާދިމުން ކަހާތާ ހިރުވާވެސް ނުލައެވެ.

ބުނާކަހަލައެވެ. ހަދާލާނީ ބޭނުންގޮތެކެވެ. ދުވަސްކޮޅަކު ފެލިފެލިފާ މަގުމަތީން ހަޅޭލަވާފާ ހަނދާން ނެތިދާނެއެވެ. މިއީ ރައްޔަތުންގެ ޚާދިމުންގެ ވިސްނުންކަމަށްވާނަމަ ދެން އިތުރަކަށް ރައްޔަތުމީހާ ބުނާނެ އެއްޗެއްނެތެވެ. ނަމަވެސް މިދުވަސްވަރަކީ ޚާދިމުންތައް އެގޮތައް ވިސްނަވައިގެން ނިންމާލެވެން އޮތް ދުވަސްވަރެއް ނޫންކަން ޔަގީނެއެވެ. އެހެނީ އޮނަރަބްލް ޖާބީރު އެވިދާޅުވާގޮތަށް ބޭނުންވަރަކަށް ފައިސާދީގެން ވޯޓްގަނެގެން ނިންމާ ނުލެވިދާނެއެވެ.


ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ ތައްޕާހުންނޫނީ އެކަށީގެންވާ ގޮތެއްގައި އާސަންދައިގެ ބޭނުން ޢާންމު ރައްޔިތު މީހާއަށް ކުރެވެއެކޭ ނުބުނެވޭނެއެވެ. އެކަމަކު ސިޔާސީ މަގާމެއްގައި ހުންނަ މީހަކަށާއި އޭނާގެ އާއިލާގެ ބޭނުންތަކަށް އާސަންދަ އޮންނަނީ ގޯނީގެ ތުން އެއްކޮށް ހުޅުވާލާފައެވެ. 

މިހާރު އިވެމުންދާ އަޑުތަކާއި މީޑިއާއިން ފެންނަ ލިއުންތަކަށް ބަލާއިރު ރައްޔިތުންގެ ނުކުޅެދުނ ްތެރިކަން ކުރިއަށް އޮތްތަނުގައި އަދި މާ ބޮޑުވާނެ ކަމަށް ބެލެވެއެވެ. ސަރުކާރުގެ އޮނިގަނޑު ބަދަލުކުރާ ވާހަކައަކާއި އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސާޅީހަކަށް މެމްބަރުންނަށް ފުރުސަތު އޮންނާނެވާހަކައެއް ނޫސްތަކުގެ ރަތް ސުރުޚީ އަކަށް މިއޮތީ ވެފައެވެ. އޭރުންވެސް ކިޔަންޖެހެނީ ރައްޔިތުންގެ މަޖިލީހެވެ. އެކަމަކު އެއަށް ރައްޔިތުންގެ މަޖިލީހެކޭ ކިޔާނެގޮތެއް ނުވިސްނެއެވެ. 

މިހާރުވެސް މިއުޅެނީ މަޖިލީހުގެ މެމްބަރުންނާއި އެބޭފުޅުންގެ އާއިލާއަށް ދައުލަތުގެ ފައިސާއިން ކުރަން ޖެހޭ ޚަރަދުތަކާއިހުރެ ރައްޔިތުން ހަދާނެގޮތެއް ނޭގިގެނެވެ. ދެން މިހާރު 80 ގެ މެމްބަރުންގެ އަދަދަށް އަނެއްކާ ސާޅިސް އިތުރު ކުރީމާ އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތް ކަމަށް ވަކާލާތުކުރާ މީހާއާއި އެކަން ގަބޫލުކުރާ ރައްޔިތުމީހާ ޖެހޭނީ ނަފްސާނީ ބައްޔަށް ބޭސްކުރުމަށްޓަކައި އެކަހެރިކޮށްފައި ބާހައްޓާށޭ ނުބުނެވޭނެތޯއެވެ. 

ރައްޔިތުންގެ މަޖިލީހެއްގައި މެމްބަރުން ތިބެންޖެހޭނެ އަދަދަކާއި އެމީހުންނަށް ދޭންޖެހޭ އިނާޔަތްތަކާބެހޭ ނިންމުމެއް ރައްޔިތުންގެ ބައިވެރިވުން ނެތި ނިންމީމާ އެއަށް ދޭނީ ކޮންކަހަލަ ނަމެއް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުގައި ތިބެނީ ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެމްބަރުންނޭ ބުނެވިދާނެއެވެ. އެހެނަސް ރައްޔިތުންގެ ނަމުގައި ވަކާލާތުކުރަން އޭނާއަށް ފުރުސަތު ހޯދާދިނީ ރައްޔިތުންގެ ތެރެއިން ކިތައް މީހުންތޯވެސް ބަލާލަން ޖެހެއެވެ. 

ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށް އެމީހުންނަށް ކުރާ ޚަރަދުގެ ފައިސާ މުހުތާޖު ރައްޔިތުންނަށް ހޭދަކުރުމަށްޓަކައި ރައްކާކޮށްދޭނެ ވާހަކަ އެއްވެސް ބޭފުޅަކު ދައްކާ އަޑެއް ނީވެއެވެ. 

ނުވެސް ދައްކާނެތާއެވެ. އޭރުން ޕާރޓީކުދިންނަށް ދޭނެ އެއްޗެއްވެސް ނޯންނާނެއެވެ. އާދެ! މިއީ ވިސްނާފިކުރު ކުރަންވީ ދުވަސްވަރެވެ.

Loading

2 Responses

  1. ވެރިކަން ލިބުނީމާ ރައްޔިތުމީހާ ސައިޒްކުރާގޮތަށް ވެރިކަމަށް ފައިނަގާމީހުން ސައިޒް ކުރަންވީ މޫސުމަކީވެސް މިއީއެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބަދަލުގެނެސްގެން ނަމަވެސް މިކަންކުރަންވީ މޫސުމަކީ މިއީއެވެ. ރައްޔިތުން އެއަށް އަމަލުކުރަން ޖެހޭ ގާނޫނު އަސާސީ އާއި ގާނޫނު ތަކަކީ ވަކި ބަޔަކަށް ފައިދާކުރަނިވިގޮތަކަށް ހެދޭ އެއްޗަކަށް ވުން ހުއްޓުވަން ޖެހޭ މުސުމަކީވެސް މިއީއެވެ. މިކަން ނުކޮށް ފަހުން މިއީ ހާދަނުލަފާ ވެރިޔެކޭ ގޮވުމުގެ އިޚްތިޔާރު ރައްޔިތުންނަކަށް ނޯންނާނެކަން ދެނެގަންނަން ވީމޫސުމަކީވެސް މިއީއެވެ. ނުރޯ ދަރިންނަށް ކިރެއް ނުލިބޭނެއެވެ. ކިރުދޭން މައިމީހާ ބޭނުންވާނެއެވެ. އެކަމަކު ވަށައިގެން އުފެދިފައިވާ ހާލަތު ދަރިފުޅު ރޯން މަޖްބޫރުކުރުވަނީއެވެ.

  2. މި މޫސުމަށް ވަރަށް ރަނގަޅު ލިޔުމެކެވެ. ރައްޔަތުންނަށް ޚިޔާނާތްތެރިވެފާ އަނެއްކާވެސް ދެވަނަ ދައުރެއްދޭށޭ ވިދާޅުވެ ދެންވެސް ގައުމުގައި ތިބި އަނގަނުބައި އަޚުލާގީގޮތުން ގޯސް އަދި ކުރީގެ ވައްކަމުގައި ބެދިފާވާމީހުނާއި އެކު ފަލިޖެއްސުމަކީ ވެރިކަމަށް އައުމަށް އުޅުއްވާ މީހާގެ ނުފެއްދުންތެރި ކަމެކެވެ. ހަމަ ނުތާހިރު ދިރުއުޅުމަކީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް