ޢަދުލު އިންސާފް އާއި މެދު ރައްޔިތުންގެ ސުވާލުތައް އިތުރުވެއްޖެ

Loading

Facebook
Twitter
WhatsApp

އަދުލު އިންސާފު ގާއިމުކުރުމަކީ މުޖުތަމާއެއްގެ ހަމަޖެހުމާއި ކާމިޔާބީގެ އަސާސް ކަމުގައި ނުވެ ނުދާނެއެވެ. ނަބަވީ ސީރަތުންވެސް ތަކުރާރުކޮށް އަޑުއަހައިފީމުއެވެ. އަޅުގަނޑުމެންގެ ޢިލްމުވެރިންގެ ވާހަކަ ފުޅުން ތަކުންވެސްއެނގޭ ގޮތުގައި ޢަދުލު އިންސާފު ގާއިމް ނުކުރުމަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެއެވެ. 

ހަމައެފަދައިން ގައުމުގެ ވަލިއްޔުލް އަމްރަކަށް ރައްޔިތުން އިޚްތިޔާރުކޮށްފައި ހުންނަ ބޭފުޅަކަށް އެކަމުގައި އިހްމާލު ވެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. ފަނޑިޔާރަކަށް ވަޒީފާ ދީފައި ގެޔަށްގޮސް ނިދާކަށް ނޯވެވޭނެއެވެ. ނުވަތަ ކޮންމެ ޙަފްލާއަކަށް މީހާއާއި ނުބައްދަލު ސްޕީޗެއް ދީފާ ބޮޑުވަރިހަމަވުމަކުންވެސް ފުއްދައެއް ނުލެވޭނެއެވެ.

ހުރިހާ މަގާމެއްގައި ހުރިހާ ޙާލަތެއްގައިވެސް އަދުލު އިންސާފު ގާއިމް ކުރެވޭކަން ބަލާ ކަށަވަރު ކުރުމަކީ ވަލިއްޔުލް އަމްރަކަށް ހުންނަމީހެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އެހެނީ އެނާވަނީ މާތްﷲ ގަންދީ އެގޮތައް ގައުމާއި ރައްޔަތުންގެ އެންމެހާކަމެއް އަދުލްއިންސާފުގެ މަތީން ހިންގުމަށް ހުވައިކޮށްގެނެވެ.

އެކަމަކު އަޅުގަނޑުމެންގެ ތެރޭން މިފެންނަނީ އަދުލު އިންސާފު މައްޗަށް ކޮފީތަށި ބަންޑުންވުމާއި ލިއެފާއިން އަކުރެއް ގުރުޑުވުމުންވެސް އެއީ ސަބަބުވެރި ވިސްނުމަކުން ބަލާއިރު އަދުލު އިންސާފު ގާއިމްކުރެވުނީ ކަމަށްނިންމާލުމެވެ. އަދި އެ ޙަރާމް ނިންމުންތަކަށް އަތްޖަހާމީހުންވެސް ގިނަވަމުން ދާތަނެވެ. ދިވެހީންގެ އިއްޒަތްތެރިއަކު ވިދާޅުވެފައިވާ ފަދައިން ބޮޑެތި ޢީއްޒަތްތެރިންނަށް ބޮޑު އިންސާފު އަދި ނިކަމެތި ރައްޔަތުމީހާއަށް ކުޑަ ނުވަތަ ފަގީރު އިންސާފެވެ.

އެކަމަކު ގައުމަށް ބޭނުންވަނީ ޑޮކްޓައި މާރޓިން ލުތަރ ކިންގް ޖޫނިއަރ ވިދާޅުވެފައިވާ ފަދައިން ފައިސާ އެފައިސާ މިފައިސާއޭ ގޮވުމުގެ ބަދަލުގައި ރައްޔިތުންގެ މެދުގައި ޢަދުލު އިންސާފު ކަށަވަރު ކޮށްދޭނެ ވެރިއެކެވެ. އަދި އެހެންމެ ދީނީޢިލްމްވެރީންވެސް ނަމޫނާދައްކަން ބަސްމަގު ހުންނަނީ ކީރިތި ރަސޫލާއާއި 4 ޚަލީފާއިންގެ މިސާލެވެ. ނަމަވެސް ބޭއިންސާފު ޙަރާމީ ވެރިކަމެއް ދައުލަތުގައި ހިއްޕުވާފައި އޮތުމަށް އެފަދަ ބައެއް ޢިލްމްވެރީންވެސް މަދަދުގާރުންނަށް ވެދެއެވެ. މިއީ މިއަދު ފެންނަން އޮތް ޙަގީގަތެކެވެ.                            

މާޒީގެ މާޒީއަށް ވަންނާކަށް ނެތީމެވެ. ކޮނުނު ކޮނުހެން ފަސްގިނަވާނެތީއެވެ. އަޅުގަނޑުމެން ދެކެންފެށި ދުވަސްވަރު ރާއްޖޭގައި އޮތީ ވިރާސީ ރަސްކަމެކެވެ. އެއީ ރައްޔިތުން ބޭނުންވި ގޮތްކަމެއް މިހާރުވެސް ހިނގަމުންދާ ގޮތަށް ބޮޑުން ބޭނުންވި ގޮތްކަމެއް ކަށަވަރުކޮށް ބުނާކަށް ނޭގެއެވެ. 

އެހެންނަމަވެސް ދިވެހިރާއްޖެ ދެވަނަފަހަރު ޖުމްރޫރީ ވެރިކަމެއް އިޚްތިޔާރު ކުރީ ވެރިޔަކަށް އަންނަން ހުރިމީހާ ބޭނުންވިގޮތް ކަމުގައިވިޔަސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އެއީ ރިޔާސީ ނިޒާމެއްގެ ނުވަތަ ބަރުލަމާނީ ނުވަތަ އަމިއްލަ ވެރިކަމުގެ ނިޒާމެއްގެ މައްޗަށް އުފެދިގެން އައި ވެރިކަމެކޭ ބުނާކަށް ނޭގެއެވެ. 

އެ ހުރިހާ ސިފަތަކެއްވެސް އެކުލެވެއޭ ބުނެވި ދާނެއެވެ. ކޮންމެއަކަސް އެނގޭ ކަމަކީ ވެރިކަމުގެ ހުރިހާ އާރަކާއި ބާރެއް އޮތީ ވެރިއަކަށް ހުރިމީހާގެ މުށުތެރޭގައެވެ. މިއަދުވެސްމެއެވެ. މާބޮޑު ބަދަލެއް ނައެވެ. ވެރިޔަކަށް ހުރިމީހާގެ ބާރުފެތުރިފައިއޮތް މިންވަރު އެނގޭ ބޭފުޅަކު އޭނަގެ ތަޖްރިބާ މި ލިއުންތެރިޔާ ހުރިތަނެއްގައި ހިއްސާ ކުރެއްވިއެވެ. 

ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި އަކުރުން އަކުރަށް ހިމަނާލާނަމެވެ. އެ ބޭފުޅާ މިވަގުތު ދުނިޔޭގައި ނެތުމާއިއެކު ނަން ހާމަކުރަން އުޒުރުވެރިވަމެވެ. އެކަމަކު އެބޭފުޅާ މަޢުލޫމާތު ދެއްވީ ދިވެހިރާއްޖޭގައި ހުންނެވި ތާރީޚް ޢިލްމަށް ލޯބިކުރައްވާ ބޭފުޅަކު ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ސިޔާސަތު ފޮތެއްގެ ސިފައިގާ އެކުލަވާލުމުގެ ބޭނުމުގައި އެބޭފުޅާ އެއްކުރެއްވި މަޢުލޫމާތު ތަކުގެ ތެރޭގައެވެ.                      

އޭނާ ކިޔައިދެއްވިއެވެ. “ މާލޭގައި ހިނގާދިޔަ ބިރުވެރި ހާދިސާއެއްގައި އަޅުގަނޑުގެ މައްޗަށް ތުޙުމަތު ކުރިވިގެން ޝަރީއަތުގެ މަޖިލީހަށް ގެންދެވުނެވެ. މިހާރުގެ ބަނޑޭރިކޮށީގައި މަޙްކަމަތުލް ޢަމަންއާންމު ގައެވެ. ފަނޑިޔާރުންނަށް ތިއްބެވީ ރާއްޖޭގެ އެންމެ ފުންނާބު އުސް ދެ ޢިލްމު ވެރިއެކެވެ. 

އަރިހުގައި ސިފައިންގެ އިސް ކޮމާންޑަރަކާއި އާދައިގެ ބޭފުޅަކު ކޮޅަށް ތިއްބެވިއެވެ. ކުޑަތަންކޮޅެއް ދުރުގައި ގައުމުގެ ވަލިއްޔުލް އަމްރު އިންނެވިއެވެ. އެދުވަސްވަރަކީ ގާނޫނީ ވަކީލުންގެ ބޭނުމެއް އޮތް ޒަމާނެއް ނޫނެވެ. ގިނަފަހަރު ތަޙްގީގަކީވެސް ފަނޑިޔާރުންގެ ކުރިފުޅުމަތީގައި ޝަރީއަތުގެ މަޖިލީހުގައި ކުރެވެމުންދާ ކަމެކެވެ.  

ފަނޑިޔާރުންގެ ސުވާލަކީ އަޅުގަނޑަށް ތުޙުމަތު ކުރެވޭ ކުށުގައި ބައިވެރިވިންތޯއެވެ. ކޮންމެފަހަރަކު ނޫނެކޭ އަޅުގަނޑަކަށް ނޭގެއޭ ދެންނެވުމުން ޢިމާރާތުގެ ބޭރުގައި ހުރި ޖޭމުގަސް ކައިރިއަށް ނެރެ ބިންމައްޗަށް ވެއްޓެންދެން ސިފައިގެ މީހުން ލައްވާ ތަޅުވައެވެ. 

ދެވަނަ ފަހަރު ސުވާލުކުރަން ފެށުމުން ފެންފޮދެއް ލިބިދާނެތޯ ވަލިއްޔުލް އަމްރު އަރިހުގައި ދެންނެވީމެވެ. ޖަވާބުގައި ވިދާޅުވީ ފަނޑިޔާރުންގެ ސުވާލަށް ތެދުބަހުންޖަވާބު ދިނީމާ ފެންވެސް ލިބޭނެ ކަމަށެވެ. 

މިފަހަރުވެސް ނޭންގޭ ކަމަށް ދެންނެވުމުން ގަސްދޮށަށް ނެރެ ތެޅުމުގެ ތެރޭގައި އަނގަވަތަށް ވެއްޓި އަނގައިން ލޭ އަތުވެއްޖެއެވެ. ކޮންމެގޮތެއްގައިވެސް މިކަމުން ސަލާމަތެއް ނެތްކަން އެނގި ކޮޅަށްނެގުމުގެ ކުރިން އަނގަ ފުރެންދެން ވެލި ނަގައި ޝަރީޢަތުގެ މަޖިލީހަށް ގެނެސް ބޭއްދުމާއެކު ވަލިއްޔުލް އަމްރުގެ މޫނުފުޅަށް އަނގައިގާހުރި ވެލިތައް ބުރުއްސާލީމެވެ. ނަތީޖާއަކަށްވީ އިތުރު ސުވާލެއްވެސް ނުކޮށް ގަސްދޮށަށްނެރެ ހެޓަކަށް ތަޅާލުމެވެ. 

ހޭވެރިކަން ލިބުނީ މީހަކު އައިސް ގައިގާ ކޮއްޓާހެން ހީވެގެންނެވެ. އޭރު އޮވެވުނީ މިހާރުގެ އިސްލާމީމަރުކަޒު ހުރިތަނުގައި ހުރި ލަކުޑި ގުދަނުގެ ލަކުޑިތައް މަތީގައެވެ. ކައިރީގައިހުރީ އެއްކަލަ އާދައިގެ ސިފައިންގެ މީހާއެވެ. ހިތުގައި އުފެދިފާއޮތް ބިރުވެރިކަމާއި އެކުގައިވެސް އަނެއްކާ ފަނޑިޔާރުންގެ ކުރިފުޅުމައްޗަށް ގެންދަނީތޯ އޭނާކުރެން އަހާލީމެވެ.

ލިބުނީ ޙައިރާންވެ އަންތަރީސްވާ ކަހަލަ ޖަވާބެކެވެ. ކަލޭ ދޫކޮށްލަން ވަލިއްޔުލް އަމްރު ނިންމަވައިފިއެވެ. ދެން އަހަރެން ހޭނެތުމަށްފަހު ކަންތައް ހިނގިގޮތް އޭނާ ކިޔާދިނެވެ. ފަނޑިޔާރުންނާ ދިމާލަށް ވަލިއްޔުލް އަމްރު ވިދާޅުވިކަމަށްވީ:

މަގޭ ރައްޔިތަކު ވަކިކަމެއް ނުކުރަމޭ ނޭންގެއޭ އެތައް ފަހަރަކު ބުނީމާވެސް ކަލޭ މެންނަށް ގަބޫލު ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ކުރިކަމެއް ކަލޭމެންނަށް އެނގޭ ނަމަ އެވާހަކަ އޭނާއަށް ހާމަނުކުރީ ކީއްވެގެން ހެއްޔެވެ؟  ޝަރީއަތް ހިނގަމުން ދާ އިރެއްގައި ވާހަކަ ދެއްކުމުގެ އިޚްތިޔާރު އަހަންނަށް ލިބިފައިނެތީމާ ހަނުހުރުން އިޚްތިޔާރު ކުރީއެވެ. މިހާރު ޝަރީޢަތުގެ މަޖިލީސް ނިމުނީއެވެ. 

މިހާރު މިއީ އަހަރެންނަށް ލިބިފައިވާ އިޚްތިޔާރުގެ ބޭނުން ކުރަންވީ ވަގުތެވެ. ކަލޭމެން ދެފަނޑިޔާރުންގެ ވަޒީފާ މިހިސާބުން ނިމުނީއެވެ. އަހަރެންގެ ރައްޔިތުމީހާގެ ކުށެއް ނެތްކަމަށް އަހަރެންނަށް ގަބޫލުކުރެވޭތީ އޭނާ ދޫކޮށްލަން ސިފައިންނަށް މިއަންގަނީއެވެ. “ 

އޭނާގެ ވާހަކަ ނިންމާލަމުން ބުންޏެވެ. މި ދިވެހި އުޑުދަށުގައި އެ ވަލިއްޔުލް އަމްރުގެ ވެރިކަމުގައި އަހަންނަށްވުރެން ބޮޑެތި އަދަބު ލިބުނު މީހަކު ނުހުންނާނެއެވެ. އެކަމަކު އެމަނިކުފާ ޢަދުލު އިންސާފު ދެކިވަޑައިގަންނަވާ ގޮތް ލޮލުގެ ކުރިމަތީގައި ހާމަވުމަށްފަހު މިހާރު ބުނަންބޭނުންވަނީ އެ މަނިކުފާނާދޭތެރޭ އެއްވެސް ހިތްބަރުކަމެއް އަހުރެން ނެތްވާހަކައެވެ. އެމަނިކުފާނުގެ މޫނުފުޅަށް އަނގައިގާހުރި ވެލިތައް ބުރުއްސާލުމުންވެސް ޖީބުގައި އޮތް ކުޑަ ރުމާލަކުން ފޮހެލެއްވުމަށްފަހު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.                                       

މިއީ ހަމައެކަނި މިބުނެވިދިޔަ މީހާއަށް ކަންތައް ދިމާވިގޮތް ކަމަށްވެސް ވެދާނެއެވެ. އޭގެ ފަހުގެ ތާރީޚުގައި އެމަނިކުފާނަކީ ޑިކްޓޭޓަރެއްކަމަށާއި ޣައްދާރެއްކަމުގައިވެސް މި ދިވެހިރާއްޖޭގައި އަޑުއުފުލިގެން ދިޔައެވެ. އެއީ ޢިލްމްވެރިޔެއްގެ ވެރިކަން މިގައުމުގައި ފެށުނު ދުވަހުން ފެށިގެނެވެ. އެއީ ދިވެހި ތާރީޚުގެ މާޒީގައިވެސް އެތައްފަހަރަކު ކަންތައް ހިނގަމުންދިޔަގޮތްކަމަށް މުއައްރިޚުން ވަނީ ވިދާޅުވެފައެވެ.                                                            

އިވޭ ކޮންމެ އަޑަކީ ތެދަކަށް ނުވެދާނެއެވެ. އެކަމަކު ރެނދެއް އަޅާނީ އަޑެއް ކިޔާފައެވެ. ޢަދުލުއިންސާފު ގައިމުނުކޮށްދެވޭނަމަ މާތްﷲ ގަންދީ ހުވާކޮށްގެން އިސްލާމަކު ވެރިކަމުގައި ހުރެގެން ނުވާނެއެވެ. 

އެނާޔަކީ ރަސްކަލެއް ކަމަށް ވިޔަސް އަމީރެއްކަމަށް ވިޔަސްއިންސާފުގެ ދަރުބާރަށް ޙާޒިރު ކުރެވޭނެއެވެ. ކަމުގެ ބިރުވެރިކަން ޑރ. އިޔާޒް އަރިހުން އައްސަވާ ލައްލަވާށެވެ!                      

Loading

5 Responses

  1. ކޮންމެ ޝަރީއަތުގެ މަޖިލީހެއްގައި ވެރިމީހާއަށް ނީންދެވުނަސް އަދުލު އިންސާފު ގާއިމް ކުރުމުން އޭނާއަށް ބަރީއައެއް ނުނެވޭނެކަން ގަބޫލުކުރަން ޖެހެއެވެ. މި ލިއުމުގައި އިޝާރާތް ކުރައްވާފައި އެވަނީ ކޮންމެ ބޭފުޅުންތަކަކަށް ވިޔަސް ފަނޑިޔާރުންނަށްވެސް ހެދިދާނެ ގޯސްތަކަކާއި އެކަންތައް ރަނގަޅުކުރަން ޖެހޭނެކަން އެބޭފުޅުންނަށް އަންގައިދިނުމަކީ ވެރިމީހާގެ ޒިންމާއެއްކަން އެނގިގެން ދެއެވެ. މިޒަމާނުގައި ޝަރީއަތުގެ ކޮންމެ މަޖިލީހެއްގައި ވެރިމީހާއަށް ބައިވެރިވެ ވަޑައިގަތުމަކީ ނުކުރެވޭނެ ކަމެކެވެ. އެކަމަކު އެމަނިކުފާނުގެ ދެލޯފުޅާއި ސިކުނޑިން އެކަމަށް އިހްމާލު ވެވޭކަން ނޯންނާނެއެވެ.

  2. މިލިއުމުގައި ނަންތައް ހާމަކޮށްފައި ނެތަސް ބަނޑޭރިގެއޭ ސިފައިންގެ އިސްބޭފުޅަކާއި އާދައިގެ މީހެއް ހުރުމާއި ފަނޑިޔާރުންނާދޭތެރޭ އެފަދަ ބަހުރުވައަކުން ވާހަކަ ދެއްކެވި ވަލިއްޔުލް އަމްރެއްގެ ވާހަކަ އޮތީމާ އެއީ ކޮންބޭފުޅެއްކަން ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. އެކަމަކު ލިއުންތެރިޔާ އެ ބޭފުޅުން ހާމަނުކުރެއްވުންވެސް އެއީ ރަނގަޅު ކަމެއް ކަމުގައި ގަބޫލުކުރެވެއެވެ. ލިބިދޭ ފިލާވަޅަކީ އަދުލު އިންސާފު ގާއިމް ކުރުމުގައި ވެރިމީހާގެ ދައުރު އަދާކުރަންޖެހޭ މިންވަރާއި ފަލްސަފާއެވެ. ޝަރީއަތް ފެށުމުގެ ކުރިން ހުކުމް ލިޔެވިފާ އޮވެގެން ނުވާނެއެވެ. ސަބަބުވެރި ވިސްނުމަކަށް ޖާގަ ލިބެންޖެހޭނީ ޝަރީއަތް ރައްދުވާ ފަރާތުގެ ހައްގުތަކަށް ފުރުސަތު ދިނުމަށް ފަހުގައެވެ.

  3. މިގައުމުގައި ވެރިކަން ލިބުނީމާ އޯލް އޯކޭ ވާނެ. ލަދުހަޔާތުގެ ކަންފުޅެއް ނެތުނީމާ ދެން ކޮން ޢަދުލުއިންސާފެއް އޮންނާނީ؟

  4. ނާސިރު ކަހަލަ ބޭފުޅެއް ދެން ދިވެހީންނެއް ނުދެކޭނެކަން ޔަގީނެވެ. މިނިވަންކަން ހޯދަދީ ގައުމުގައި އެއްވެސް އެއްޗެއް ނެތްޙާލުގައިވެސް އައްޑު ބަޣާވާތްވެސް އިނގިރޭސިން ބޭނުންވިގޮތަށް ދިޔަނުދީ ކާމިޔާބު ކުރެއްވީއެވެ. މިހާރު ސިޔާސީ ކަމަކަށް ނިކުންނާނީވެސް ދައުލަތް ނޮޅާލުމުގެ ނިޔަތުގައެވެ. އެހެނަސް ފަށާނީ ބިސްމިގެ ބަރަކާތުންނެވެ. ހުރި ހިތާަމަޔެއްގެ ބޮޑުކަމާއި އެވެ.

  5. މިލިއުމުގައި އިޝާރާތް ކޮށްފައިވާ ވަލިއްޔުލް އަމްރަކީ ރައީސް ނާސިރު ކަމަށްވިޔަސް ނުވިޔަސް ރައީސް ނާސިރަކީ މަސްދޯނީގެ ދިޔަހިއްކަން އިނދެފާ މަޖިލީހަށް އިންތިޚާބުވެގެން ސިޔާސީ މުދައްބިރަކަށް ވެފައިވާ ބޭފުޅެއްނޫންކަން އެބޭފުޅާގެ ފަތްފުށްތަކުން އެނގެއެވެ. އުފަންވެ ބޮޑުފުޅުވެގެން އައީ ދިވެހިރާއްޖޭގެ ތަޚުތުގެ ހިޔަލުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެކަމަކު ސަރުކާރުގެ ވަޒީފާއެއް އެންމެ ފުރަތަމަ ލިބި ވަޑައިގަތީ އިންޖީނުގެ ކަރަންޓްނަރުދަމާ މީހެއްގެ ވަޒީފާއެވެ. މިހާރު ކަންތައް ހިނގާގޮތް މުޅިން ތަފާތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް