ރަމަޟާން މަހުގެ ޣަނީމާއިން މަޙްރޫމްވުމުގެ ކުރިންހަނދާންކޮށްލަންވީ!

Loading

Facebook
Twitter
WhatsApp

         ޣިޒާއުއްރޫޙު ނުވަތަ ފުރާނާގެ ކާނާއަކީ ތާ އަބަދުމެ ބޭނުންވާ އެއްޗެކެވެ. ރަމަޟާން މަހުން އަޅުގަނޑުމެން ލިބިގަތް ކޮއްތަކީ އެއީއެވެ. 

މުސްލިމުންނަޓަކައި ﷲ މި މަސް ލެއްވީ މި ބަރާކާތެރި މައްސަރުގެ ބޭނުން ހެޔޮގުތުގައި ހިފުމަށެވެ. ބުއްދިވެރިއަކީ ވެހޭތާ ފެންނަގައި ފަހަށް ރައްކާކުރާމީހާއެވެ. އަޅުގަނޑުމެންގެ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ އެކަން ހަނދުމަށްކޮށްދެއްވާފައެވެ. عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ» سنن النسائي (4/ 129) މާނައީ: މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫހުރައިރާ މާތް ނަބިއްޔާގެ އަރިހުން ރިވާކުރަވައި ވިދާޅުވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުންގެ ގާތަށް ބަރަކާތްތެރި މައްސައްރެއް އަތުއްވެއްޖެއެވެ. ފަހެ، މާތްﷲ ވަނީ އެ މައްސަރުގައި ރޯދަ ހިފުން ފަޟްރު ކުރައްވާފައެވެ. އުޑުގެ ދޮރުކޮޅުތައް ހުޅުއްވައި ދެއްވާފައެވެ. އަދި ނަރަކާގެ ދޮރުތައް ބަންދުކުރެވިފައެވެ. އަދި ބޮޑެތި ޝައިޠާންނުން ކަމަށްވާ މާރިދުން ކަސްތަޅު އެޅުވިފައެވެ. 

އެ މައްސަރުގައި ﷲ އަށްޓަކައި އެއްހާސް މައްސަރު އަޅުކަމާއި އެއްވަރު ރެއެއެއްވަނީ ލައްވާފައެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވި މީހާ ބޮޑުވެގެންވާ ހެޔޮކަމުން މަޙްރޫވެއްޖެއެވެ.“ ރަމަޟާމަހަކީ ރޯދި ބަރަކާތުން ފުރިގެންވާ މައްސަރެއްކަން އަޅުގަނޑުމެން ތެރެއިން ވަރަށް ގިނަ ބަޔަކުދަނެއެވެ. 

މާތްﷲ އެންގެވިގޮތަށް ރޯދައި ހިފުނު މީހުނަށް ހުރި ނިޢްމަތުގެ ބޮޑުކަމާއެވެ! «مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ، وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» سنن أبي داود (2/ 49)މާނައީ: ”ރަމަޟާންމަހުގެ ރޯދާގެ ދަރުއައާއި ޘަވާބު އަދާގެން ރޯދަ ހިފިމީހާގެ އިސްވެ ގޮސްފައިވާ ފާފަ މާތްﷲ ފުއްސަވައި ދެއްވައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރޭ ދަރުމައާއި ޘަވާބަށް އަދާގެން ރޭ އަޅުކަން ކުޅަމީހާގެ އިސްވެދިޔަ ފާފަތައް މާތްﷲފުއްސަވައި ދެއްވައެވެ.“ މުއުމިނުންނަކީ އެކަލޭގެ ފުއްސެވުމާއި ރުއްސެވުމަށް ހުރިހާ ވަގުތެއްގައި ވެސް ބޭނުންވާ ބައެކެވެ.

ލޮބޮވެތި އަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަސް އަޅުގަނޑުމެނާ ވަކިވެދިޔަސް އަޅުގަނޑު ހެޔޮކަން މުއުމިނު އަޅާއާ ވަކިވެ ނުދެއެވެ. ރަމަޟާން މަހުގެ އަޅުކަމާއި ވިދިގެން އަންނަށް ޝައްވާލު މަހު 6 ރޯދައަކީ މުޅި އަހަރު ދުވަހުގެ ޘަވާބު ލިބިނެވި ޢަލަމަލެކެވެ.

“ مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، فَذَلِكَ صِيَامُ الدَّهْرِ “ مسند أحمد ط الرسالة (38/ 515) މާނައީ:“މީހަކު ރަމަޟާން މަހުގެ ރޯދަ ފުރިހަމަކޮށް އެއަށްފަހު ޝައްވާލު މަހު 6 ރޯދަ ހިފާފިނަމަ، އެމީހާ މުޅިއަހަރު ރޯދަ ހިފުމުގެ ދަރުމަ ލިބޭނެއެވެ.“

ރަމަޟާން މަސް އަޅުގަނޑުމެނާ ވަކިވެދިއުމަކީ ލިބޭ އުފަލެއްނޫނެވެ.  އެ މައްސަރު ﷲ އެންގެވި ގޮތުގައި އަޅުކަން ކުޅަ އެންމެނަށް އެކަލާނގެ ފާފަ ފުއްސަވައި ދެއްވާށިއެވެ! އަދި ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބޭ ބައެއްގެ ގޮތުގައި ލައްވާށިއެވެ!އާމީން! ލޮބުވެތި އަޚުންނާއި އުޚުތުންނޭޥެ! ރަމަޟާންމަހުގެ ޣަނީމާ ހެޔޮގޮތުގައި ލިބުމުގެ ޢަލާމާތްތަކެއް ވެއެވެ. 

ފުރަތަމަ ޢަލާމާތަކީ ޢަމަލުގައި އިޚްލާޞްތެރިވުމެވެ. فُضَيْلُ بُنْ  عِيَاض رَحِمَهُ اللهُ ވިދާޅުވިއެވެ.“ރަނގަޅު ޢަމަލަކީ އިޚްލާޞްތެރި ކަމާއިއެކު އެކަމެއްވީ އެންމެ ރަނގަޅަކަށް ކުރުމެވެ. ދެންނެވުނެވެ. އިޚްލާޞްތެރިކަމާއެކު އެންމެ ރަނގަޅަށް ޢަމަލެއް ކުރާނެގޮތަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ. ﷲ އަށްޓަކައި އެކަންކުރުމެވެ. އަދި އެކަލާނގެ ރަސޫލާގެ ސުންނަތާ އެއްގޮތަށް އެކަމެއް ކުރުމެވެ. ﴿ قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَنَ أَيًّا مَا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَى وَلَا تَجْهَرْ بِصَلَاتِكَ وَلَا تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلًا ﴾ [الإسراء: 110]ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه ގެ اسم ފުޅުން دعاء ކުރާށެވެ! ނުވަތަ رحمن ގެ اسم ފުޅުން دعاء ކުރާށެވެ! ތިޔަބައިމީހުން (އެކަލާނގެ اسمފުޅުތަކުން) ކޮންމެ اسم ފުޅަކުން دعاء ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެކަލާނގެއަށް الأسماء الحسنى (އޭ ކިއުނު اسم ފުޅުތައް) ވެއެވެ. 

އަދި ކަލޭގެފާނު ނަމާދުގައި މާއަޑުހަރުކޮށް ކިޔަވައިވިދާޅުނުވާށެވެ! އަދި އެ ނަމާދުގައި މާ މަޑުންވެސް ކިޔަވައިވިދާޅުނުވާށެވެ! އަދި އެދޭތެރޭގެ މެދުމިން މަގެއް ކަލޭގެފާނު قصد ކުރައްވާށެވެ!
ދެވަނަ ޢަލާމާތަކީ ފާފަތައް ދެކެ ނަފްރަތުވުމާއި އަދި ހެޔޮކަންތައް ކުޅައުމަށް ލޯބިކުރުމެވެ. ޔަޙްޔާ ބިން މުޢާޛު ރަޙިމަﷲ ވިދާޅުވިއެވެ. “ ދުލުން އިސްތިޣްފާރު ކުރާމީހާގެ ހިތް ފާފައަކަށް އަރާގަތުމަށް ދެކޮޅު ހަދާނެއެވެ. އަދި ފާފައަށް އެނބުރިދިއުމުގެ ޢަޒުމު ހިތުގައި އޮތްމީހާގެ ރޯދަ އެކަމުގެ ސަބަބުން ޤަބޫލުވެގެން ނުވާނެއެވެ. އަދި އެފަދަމީހާގެ ޢަމަލުތައް ﷲގެ ޙަޟްރަތުގައި ޤަބޫލުވުމުގެ ދޮރު ވާނީ ބަންދުވެގެންނެވެ.“

ތިންވަނަ ޢަލާމާތަކީ ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމެވެ. މިއީ ޢަމަލުތައް ﷲގެ ޙަޟްރަތުގައި ޤަބޫލުވިކަން އަންގައިދޭ ފާހަގައެކެވެ. އަދި އޭނާގެ ދެއްވި ޘަވާބު ބައެކެވެ. ސަލަފުއްޞާލިޙުންގެ ބައެއް ބޭކަލުން ވިދާޅުވިއެވެ.“ހެޔޮކަމުގެ ދަރުމައަކީ ހެޔޮކަމެކެވެ. ހެޔޮކަމެއް ކޮށްފައި އެއާވިދިގެން ހެޔޮކަމެއް ކުޅައުމަކީ ފުރަތަމަ ކުޅަ ހެޔޮކަން ޤަބޫލުވި ކަމުގެ ޢަލާމާތެކެވެ.

ހަތަރުވަނަ ޢަލާމާތަކީ އާޚިރަތް މަތީން ހަނދުމަވުމެވެ. ޢަމަލުތައް ޤަބޫލުވުމުގެ ޢަލާމާތުގެ ތެރޭގައި ހިތް އާޚިރަތް މަތީން ހަނދުމަށް ކުރުން ހިމެނެއެވެ. ﷲގެ ޙަޟްރަތުގައި ހުއްޓި ހުންނަންޖެހޭކަމާއި އޭނާގެ ޙިސާބުކިތާބު ބެއްލެވޭނޭކަން އެފަދަ އަދަބު ހިތްމައްޗަށް ގެނެސް ނުބައި ޢަމަލުތަކުން ދުރުހެލިވާނެއެވެ.އަޅަމެންނަކީ ހެޔޮ ޢަމަލުކުރަންމަތީ ދެމިތިބޭ ބައެއްކަމުގައި ލައްވާށިއެވެ! އާމީން!

މާދަމަޔަކީ ޢީދުދުވަހަށްވުން ވަރަށް އެކަށީގެން ވެއެވެ. ވުމާއިއެކު ޢީދު މުބާރަކު ދަންނަވައި ޢީދުގެ ހެޔޮދުޢާ ތަހުނިޔާ އެންމެހާ އަޚުންނާއި އުޚުތުނަނަށް އަރިސްކުރީމެވެ.

Loading

One Response

  1. ތެދުފުޅެކެވެ. ރަމްލޯންމަސް ނިމުމުންވެސް އަޅުކަމުގައި މަޝްޢޫލުވެ އެޅުއްވަންޖެހޭނެއެވެ. ނަމާދުކުރުމާއި ހެޔޮޢަމަލު އެއީ ހަމަ ރޯދަމަހުގެ ކަމެއްކަމުގައި ހެދިގެން ނުވާނެއެވެ. އިންޝާﷲ އަހަރެމެން އެންމެނަށް މާތްﷲ ހެޔޮރަޙުމަތް ލައްވާ ފާފަފުއްސަވާށިއެވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް