މިއީ ދިވެހިރާއްޖޭގެ ރިޔާސީ މޫސުމެވެ. އިތުރު ފަސްއަހަރަކަށް ގައުމުގެ ރައީސަކު އިންތިޚާބުކުރަން ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ތައްޔާރުވަމުންދާ މޫސުމެވެ. މި މޫސުމުގައި ކުރިން ނީވޭ އަޑުތައް އެބަ އިވެއެވެ. އަދި އިތުރަށްވެސް އިވޭނެކަން ޔަގީނެވެ.
ކުރެވެނީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި ރައްޔިތުންގެ ބޭނުންތައް ފުއްދާ ދިނުމުގައި ފަރުވާކުޑަ ނުކުރާނެކަމުގެ ހުވާތައް ކުރަމުން ދެއެވެ. އެކަމަކު ރިޔާސީ އިންތިޚާބު ނިމޭ ހިސާބުން އަނެއްކާވެސް އެއީ ނީވޭ އަޑުތަކަކަށްވެގެން ދާނެކަމާއިމެދު ޝައްކުނުރާ މީހަކާއި ދިމަލެއް ނުވެއެވެ.
މިއީ އަންޒަމާނުއްސުރެން ދަހިވެތި ބަޔަކު މިރާއްޖޭގައި މިކަން ހިންގަމުން ގެންދާގޮތެވެ. އަޅުގަނޑުގެ އިލްތިމާސަކީ މިފަހަރުގެ އިންތިޚާބަށްފަހު މިއީ ނީވޭ އަޑުތަކެއް ކަމުގައި ވެގެން ދިޔަ ނުދިނުމެވެ. ތާހިރު ދިރުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުމަށް ތަކުރާރުކޮށް ވަޢުދުވެގެން ގިނަބަޔެއްގެ ޙިއްސާވާގޮތަށް ގެނެވުނު ޑިމޮކްރެސީގެ ފަސްއަހަރުގެ ތިން ދައުރު ނިމިގެން ދިޔައީއެވެ. ނިމިދިޔަގޮތް އިތުރަށް ތަކުރާރުކުރާކަށް ނެތީމެވެ. އެންމެނަށްވެސް އެނގެއެވެ.
ހަމަ ކޮންމެ ފަހަރަކުވެސް އާންމުކޮށް ނީވޭއަޑުތަކުން ރިޔާސީ މޫސުމުގައި ދިވެހި ޖައްވު ގުގުމާލުމަށްފަހު އިންތިޚާބު ނިމުމުން އެވާހަކަތަކަކީ ނުވަތަ އެ ވަޢުދުތަކަކީ ނުދައްކާ އަދި ނީވޭ އަޑުތަކަކަށް ވެގެން ދާތީ ކުރިއާލާ ހަނދާންކޮށްލަ ދެނީއެވެ. ދިވެހިންގެ ހަރުބަހެއްގައި ބުނެފާއޮވެއެވެ. ރާވެރިޔާއަށްވެސް ހަތަރެތިން އެކަތި ލިބެން ޖެހޭނެއެވެ.
އެހެންވީމާ މިއީ ރައްޔިތުންގެ ފަހަރު ކަމުގައި ހަދާފައި ރައްޔިތުންގެ އަޑު ނީވޭ ކަމަށް ހަދަން ފުރުސަތު ދެން ނުދެމާ ހިނގާށެވެ. ރިޔާސަތަށް ކުރިމަތި ލައްވާ ބޭފުޅުންވެސް ރައްޔިޔުންގެ ކުރިމަތީގައި އަޑު ނީވެއޭބުނެ ވާހަކަ ނުދައްކަވާށެވެ. މިވެނި ޕާރޓީއެއްގެ ވެރިކަމުގައި އެވެނި މިވެނި ވައްކަން ކުރިކަމަށް ދައްކާ ވާހަކަ އަޑުއިވި މިހާރު މިވަނީ ފޫހިވެފައެވެ.
ރައްޔިތުންނަށް ތަނަވަސްކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމަށް ކުރަމުންދިޔަ ހުވާތަކުގެ މަތިން އަޑުއަހާ ފޫހިވެއްޖެއެވެ. މިފަހަރުގެ ރިޔާސަތުގައި ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް ރައްޔިތުން ކައިރީ އަހައިގެން އޮޅުންފިލުވާނެ ކަމުގެ ޔަގީންކަން ހޯއްދަވާށެވެ. 2018ގެ ވަޢުދުތައްވެސް އަދިވެސް ކަންފަތުގައި ހަރުލާފަ ނެތްތޯއެވެ؟ އެބަހުށްޓެވެ. ފަހުން ނީވެ އަޑަކަށް ނުވާނެގޮތަކަށް މިފަހަރު 2023 ގައިި ބަދަލު ކުރުވަން އެބަޖެހެއެވެ.
ބައެއްބޭފުޅުން ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެ އެއީ ނީވޭ އަޑުތަކެއް ކަމަށް އެބަ ވިދާޅުވެއެވެ. ޚާރިޖީ ސިޔާސަތުގެ ވާހަކަ ދެއްކުމުގެ ކުރިން ދާޚިލީ ސިޔާސަތުގެ ވާހަކަ ދައްކަމާ ހެއްޔެވެ؟ އެވާހަކަ ދައްކާ އަޑެއް އަޅުގަނޑުމެންނަކަށް ނީވެއެވެ. ރާއްޖޭގެ ޢަމަން އަމާންކަން ވަނީ ގެއްލިފައެވެ. އެމީހަކާއި އެމީހެކެވެ. އެއްވެސް މީހެއްގެ އިއްޒަތެއް ކަރާމާތެއް ނެތެވެ. ދެން މި ގައުމުދަރަނީގެ މައްޗަށް ދަރަނި ވަމުންދާއިރު އެކަން ހުއްޓުވޭނެ ގޮތްތަކުގެ ވާހަކަ ދައްކަމާ ހެއްޔެވެ.
އެވާހަކަތައް ދައްކާއަޑެއް ނީވެއެވެ. ރައްޔިތުންގެ ޖީބަކު އެއްވެސް އެއްޗެއްނެތެ. އެވާހަކަދައްކާ އަޑެއްނީވެއެވެ! ބައިތުލްމާލު ހުސްވެ ދަރަނި ނަގައިގެންވެސް ސިޔާސީ މަގާމު އިތުރުކުރުން ހުއްޓުވާށެވެ. އެވާހަކަ ދައްކާއަޑެއް ވެސް ނީވެއެވެ.
ހިހޫތަނުން 4 އަހަރާއި ބައިވަންދެން ދެބަނޑަށް ކައިގެންތިބެ ރިޔާސީ އިންތިޚާބު ބޯމަތިވީމާ މަށެއް ނޫނޭ އޭނަޔޭ ޑައިރެކްލީ އެންޑް އިންޑައިރެކްޓްލީވެސް މަ ރައީސްމީހާ އަރިހު ދެންނެވީމޭ ކަންތައްތައް ވަމުންދާގޮތް ގޯހޭކިޔާ ރައްޔަތުންގެ ބޯކާލައިގެން ހުރިހާކަމެއް ރައީސްގެ އިސްތަށިފުޅަށް ޖެހުން މިހާރުގެ ބަހުން ދަންނަވާނަމަ ”ކަޑަ“ އެވެ. އާދެ! ވަރަށް ”ކަޑަ“ އެވެ.
ރައްޔިތުން ކުރިމަތީގައި ދައްކަންވީ އެވާހަކަތަކެވެ. މުޅި މައިދާނުން ފެންނަނީ ދެމޫނުގެ އަހުލުވެރީންނެވެ.
ފާއިތުވެގެންދިޔަ ފަނަރައަހަރު ދުވަހުގައި ދިވެހި ނޫސްތަކުން އެންމެ ގިނައިން ފެނުނު ނީވޭ އަޑުތަކަށް ބަލާލަމާހެއްޔެވެ. ތަރުތީބަކުން ނޫނެވެ. ރައްޔިތުންނަށް ސީދާ ގުޅުން ހުރި ވާހަކަތަކުން ފަށަމާހެއްޔެވެ.
އެންމެފުރަތަމަވެސް އަލަށް ތަޢާރުފްކުރެވުނު މޮޅު ގާނޫނު އަސާސީއަށް ބަލާލަމާ ހެއްޔެވެ؟ އޭގައި ލިޔެފާއޮތް އެއްޗެއް އެނގޭ ކިތަން ދިވެހިން އެބަތިބި ހެއްޔެވެ؟ އެނގުނަސް ނޭންގުނަސް އެއަށް ތަބާވާން ޖެހޭނެއެވެ. އެކަމަކު ރައްޔިތުންނަށް ކަމުނުދާ އެއްޗެހިތަކެއް ލިޔެފާ ހުރިކަން އެނގުނީމާ އެއެއްޗެހި ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކުރަން ޖެހޭނެއެވެ.
ރައްޔިތުންގެ މަޖިލީހޭ ކިޔާ ޕާރޓީތަކުގެ މެމްބަރުން ތިބޭ މަޖިލީހަކުން އެކަން ނުކުރާނެ ކަންވެސް ގަބޫލު ކުރަން ޖެހެއެވެ. މަޖިލިސްވަނީ ޕާޓީތަކުގެ ޖަގަހަތަކަށް ވެފައެވެ. އެމީހުންނަށް ދެރަވާގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ. މަޖިލިސް ލައިވްކުރުމަކީވެސް މިހާރު ލަދުވެތިކަމަކަށް ބަދަލުވެއްޖެއެވެ.
ޕާޓީތަކު ކޯޅުންތައް ލައިވްކުރުމުގެ ބޭނުމެއް ނެތެވެ. ލަދުޙަޔާތް ފުޅަގޮވާތަން ގޭގޭގެ ސިޓިންރޫމްތަކަށް ރައްޔަތުންގެ ފައިސާ ޚަރަދުކޮށްގެން ލައިވްކޮށް ކުރަންޖެހޭ ސަބަބެއްނެތެވެ. ގިނަ މެމްބަރުންގެ ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތެވެ. މިވާހަކަތައް ދައްކާ އަދި ބުނެދޭ އަޑެއް ނީވެއެވެ.
ވަރަށްގިނަފަހަރު އިވޭ އަޑެކެވެ. ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން މިވެނިކަމެއް މިވެނިގޮތަކަށް ނިންމައިފިއެވެ. އެހެންވީމާ މިފަހަރު ރައްޔިތުން ބޭނުން ނުވާ ކަންތައްތައް ގާނޫނު އަސާސީންވިޔަސް ފޮހެލާ ދެއްވާށެވެ. މަޖިލީހުގެ ތެރޭން ނުކުރެވެންޏާ ރައީސަށް ލިބިދޭ ބާރުގެ ބޭނުންކޮށްގެން އާންމު ރައްޔިތުންގެ ވޯޓަކަށް ގޮސްގެންވެސް އެކަން ކޮށްދެއްވާށެވެ. ހަރުތަނެއްގައި ޖެހެންދެން މިވާހަކަ ދައްކާށެވެ.
ދިވެހިންގެ ކަންބޮޑުވުން ހުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށް އެމީހުންގެ ފައިދާއަށް އަމިއްލައަށް ބާރު ލިބިގަތުން ނިމުމަކަށް ގެނެސް ދެއްވާށެވެ. ރައީސް ބޭނުންފުޅުވާ އަދަދަކަށް ސިޔާސީ މަގާމުތައް އުފެއްދުން ނިމުމަކަށް ގެނެސް މިގައުމަށް އެކަށިގެންވާ މިންވަރެއް ކަނޑައަޅުއްވާށެވެ.
އެކަން ކަނޑައަޅުއްވައި ސިއްކަ ޖައްސަވާ ދެއްވާށެވެ. ބޯކިބާފޮއްޗެއް ބަހާލާހެން ދައުލަތުގެ ޚަޒާނާ ބަހާނުލެވޭނެ ގޮތެއް ރައީސްގެ ގަރާރަކުންނަމަވެސް ހައްދަވައި ދެއްވާށެވެ. މިވާހަކަ އަޑުނީވޭކަމަށް ނުހަދާށެވެ.
ރައްޔިތުން ފަހާދުވުމުގެ ބަދަލުގައި މިކަހަލަ ފިޔަވަޅުތަކުން ގައުމަށް ލިބޭ އެއްޗެއް ރައްޔިތުންނަށްޓަކައި އިތުރުކޮށް ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާށެވެ. ރައީސްކަމަށް ކުރިމަތި ލައްވާބޭފުޅުން މިވާހަކަތައް ދައްކަވާށެވެ. ފަހުން ނީވޭ އަޑަކަށް ނުވާނެ ގޮތުގައި މިކަންކަން ކުރައްވާނެކަމަށް ރައްޔިތުންނަށް ވަޢުދުވެ ދެއްވާށެވެ.
ރައްޔިތުންގެ ކުރިމަތީގައި ތަކުރާރުކޮށް މިވާހަކަތައް ދައްކަވާށެވެ. ރައްޔިތުންނަށް ގަބޫލުކުރެވޭނެ ގޮތްގޮތަށް ކަމަރާއި ޙީލަތް ހެދުމުގެ ނިޔަތެއްނެތި މިވާހަ ދައްކަވާށެވެ. ހެއްދެވިފަރާތް ދެކެދެނެވޮޑިގެންވާކަން ހަނދުމަ ކުރައްވާށެވެ.
މިހެންދަންނަވާ އިރުވެސް މާޒީން އެނގިފާވަނީ ވެރިކަން ހޯދުމަށް ކޮންމެފަދަ ވަޢުދެއްވެސް ވެދާނެކަމެވެ. ވެރިކަން ލިބުމުން ވެރިކަން ކުރައްވަނީ ބައިއަޅައިގެން ތިމީހުންގެ ފައިދާއަށެވެ. ރައްޔިތުންނަށް މީދާކޭ އުނބެކެވެ. މިވާހަކަތައް ރައްޔިތުން އަހަން ބޭނުންވާ އަޑުތަކަކަށް ބަދަލުކޮށް ޢަމަލުން ދައްކަވައި ދެއްވާށެވެ.
ޑިމޮކްރެސީގެ މޮޅުވެރިކަމުގައި ރައްޔިތުންނަށް ތަރައްގީއާއި ކުރިއެރުން ހޯދާ ދިނުމަށްޓަކައި ސަރުކާރުން ނުފޮރޮޅާނެ އެންމެ ގާކޮޅެއްވެސް ނޯންނާނެކަމަށް ދައްކާ ފޮނިބައިސާ ވާހަތަކަށް ބަލާލަމާހެއްޔެވެ. މިފަހަރު ކުރިއެރުން މާނަކުރެވިގެން ދިޔައީ ފަހާދުވެގެން ކުރިއެރުން ހޯދާދިނުންކަން ރައްޔިތުންނަށް ރޭކާލީވެސް ވާނެއެތިވީ ފަހުންނެވެ.
އެ ޓެކްސް މިޓެކްސް ގޮތްނޭންގޭ ޓެކްސް ރައްޔިތުމީހާ ދުވަހަކު އަޑުނާހާ ޓެކްސް ނަގަން ރައްޔިތުމީހާ ފަހަތުން ދުވަން ފެށީއެވެ. މުއްސަނދި މީހާއަށް އޭނާގެ ކޮމްޕިއުޓަރުގެ އެހީގައި ދޮގު ހަދާނެ ފުރުސަތުތައް ބައިވަރު އޮތްއިރު އުނގުވިޔަފާރި ކުރާމީހާއަށް ޓެކްސް އިން ސަލާމަތެއް ނުވެވުނެވެ.
ދިވެހިންގެ ރަންބިސް އަޅާ ކުކުޅުން ލިބޭ އާމްދަނީއާއި އެވިޔަފާރީގައި ހާމަކުރަމުންގެންދާ އާމްދަނީގެ ބޮޑުތަފާތު މިދޭތެރެއަކުންވެސް ދިވެހިނޫސްތަކުން ހާމަކޮށްފައި އޮތެވެ. ނަމަވެސް ފުރިހަމަޔަށް ވަގުބާޒާރެއް އުފައްދުވާ ޑޮލަރެއްގެ އަގަކީ ގާނުނުގެ ދިގުއަތް ނުފޯރާނެ ރޭޓެއްގައި ބަހަށްޓައިގެން ބޭންކުތަކުންނާއި ސަރުކާރަށް ސަޕޯޓްދޭ ޑޮލަރުން ޢާމްދަނީ ލިބޭ މީހުން އެކަޅުބާޒާރުގައި ޝާމިލުވެ ވަގުބާޒާރުގެ ޑޮލަރު އަގަކީ އާންމުއަގުކަމުގައި މިވަނީ ހަމަޖެހިފައެވެ. އަދި އެއީވެސް ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހަށްޓައިގެންވިޔަސް ޙައްލުކޮށްދޭން ވެފައިވާ ވަޢުދެކެވެ. މިވާހަކަ ދައްކަމާތޯއެވެ؟
ދިވެހިގައުމަށް އެންމެ ގިނައިން އާމްދަނީ ލިބެނީ ޓްއަރިޒަމުން ކަމުގައި ސަރުކާރުންވެސް ގެންދާނީ ފަޚުރުވެރި ކަމާއެކު ހާމަކުރަމުންނެވެ. އެކަމަކު މީގެ ފަނަރަ އަހަރުގެ ކުރިން މާމަދުން ޓްރައިސްޓުން އައިސް މާ ފަގީރު ގޮތެއްގައި ޓްއަރިޒަމް ހިންގިއިރު ގަންނާނެބާ ގަންނާނެބާ ގޮވަމުން ރައްޔިތުމީހާ ފަހަތުން ދުވީ އެމެރިކާ ޑޮލަރެވެ. މިއަދު ރައްޔިތުމީހާ ޑޮލަރުފަހާ ދުވެ ވަރުބަލިވިޔަސް ޑޮލަރެއް އަތަކު ނުޖެހެއެވެ. ބޭންކުތަކުންވެސް ބުނަނީ 80% ވަގުބާޒާރުން ގަނެގެން އައިމާ 20% ބޭންކުންދޭނެ ކަމުގައެވެ. މިވާހަކަ ދައްކަވާ ދެއްވާށެވެ. މިއީ ނީވޭ އަޑަކަށް ނުހައްދަވާށެވެ.
ދިވެހިގައުމަކީ ދިވެހި ރައްޔިތުންގެ މިލްކެކެވެ. ދައުލަތުގެ މިނިސްޓަރުންނަށް އެބޭފުޅުންގެ ދާއިރާ ތަރައްގީ ނުކުރެވޭކަމަށް ހަދާފައި ވަކިވަކި ކުންފުނިތަކެއް ހަދައިގެން ސިޔާސީ ޕާރޓީތަކުގެ މީހުންނަށް ވަޒީފާދޭން ރާވައިގެން ހިންގަމުންދާ ޖަރީމާ ހުއްޓުވާނެ ވާހަކަ ދައްކަމާ ހެއްޔެވެ. މިވާހަކަ ދައްކާ އަޑެއް ނީވެއެވެ.
ދައުލަތުގެ މިލްކިއްޔާތުން ރައްޔިތުން އެކަހެރިކޮށް އޮޅުވާލުންތައް ހިންގުމަށް ފުރުސަތު ނުދެއްވާނެ ވާހަކަ ދައްކަމާހެއްޔެވެ؟ ރާއްޖޭގެ ކަންކޮޅު ތަކުގައިހުރި ބޮޑެތި ބިޔަ ރަށްތައް ތަރައްގީ ނުކޮށް ކޮންމެހެންވެސް ބިންހިއްކައިގެން ވަކިބަޔަކު މުއްސަނދި ކުރުވަން ހުޅުވާފައިވާ މަގުތައް ބަންދުކުރައްވާނެ ވާހަކަ ދައްކަމާހެއްޔެވެ؟ މިވާހަކަތައް ދައްކަވާ އަޑެއްވެސް ނީވެއެވެ.
ނޭޅިގެން މަރުފަލިޖަހާ ތި ބްރިޖް އަޅަނީ ރައްޔަތުން މޯގޭޖްކޮށްފާ ދަރަނި ފައިސާއިންނެވެ. މަގުތައް ހަދަނީ ދަރަނި ފައިސާއިންނެވެ. އެއަރޕޯރޓާއި ސީޕޯރޓް ތަރައްގީ ކުރަނީ ދަރަނި ފައިސާއިންނެވެ. ސިއްޙީ ޚިދުމަތް ތަރައްގީ ކުރަނީ ދަރަނި ފައިސާއިންނެވެ. ބޯހިޔާވެހިކަން ދޭށޭކިޔާ ޢިމާރާތްކުރަނީ ދަރަނި ފައިސާއިންނެވެ. ބިންހިއްކަނީ ދަރަނި ފައިސާއިންނެވެ. މިވާހަކަތައް ދައްކަވާ މަގޭސަރުކާރެއްގައި މިކަން މިގޮތަށް ނުކުރާނެމޭ ބުނާއަޑެއްވެސް ނީވެއެވެ.
އެހެންވީމާ ދެންނެވެން އޮތީ ތިފްލޯކް ޕްރޮޕަގެންޑާ ދެން ރައްޔަތުނަށް ވިއްކަން ނޫޅުއްވާށެވެ. ތިނޫން އެހެންގޮތަކަށް ތިނޫން ވާހަކަތަކެއް ވިދާޅުވެ ދެއްވަން ޖެހެއެވެ. ތިވާހަކަތައް އަޑުއަހަން ފޫހިވެއްޖެއެވެ.
4 Responses
ރުފިޔާ ބޭނުން އެކަމަކު މިފަހަރު ވޯޓު ވިއްކާނީ އެއްފަހަރުންދެންޏާ 60 ހާސް ރުފިޔާއަށް 2 ދެފަހަރުންދެއްނޏާ އެއްލައްކަވިހިހާހައް
ލިއުން ވަރަށް ރަނގަޅެވެ. އެވާހަކަތައް ދައްކަންވީ ރައްޔިތުންނެވެ. ވެރިޔަކަށް އިންތިޚާބު ކުރެވޭ މީހާއަށް ރައްޔިތުން ދައްކާވާހަަ އަޑުނާހާ އޮފީހުގައި ނީދެވޭ ވަރަށް އެ ވާހަކަތައް ދައްކާށެވެ. އަދި ރައްޔިތުން ބޭނުންވާގޮތަށް މަގުފަހިކުރުން ނޫން އެހެންގޮތެއްވެސް ނުދައްކާށެވެ. މިހާރު މިއޮތް ގޮތަށް މަޖިލީހުގެ މެމްބަރުން ވަކި ނުކުރެވޭ ގާނޫނުތަކާއި ރައީސްމީހާ ވަކިކުރުން އުނދަގޫ މާއްދާތައް ރައްޔިތުން ބޭނުންވާގޮތަށް ބަދަލުކުރުވާށެވެ. މިކަން މިގޮތަށް ނުކޮށްފިނަމަ 2028 ގައި އަނެއްކާވެސް ޖެހޭނީ މިއީ ނީވޭ އަޑުތަކެކޭ ބުނާށެވެ.
ލިޔުން ވަރަށްފުރިހަމައެވެ. މިކަންކަމާއި ރައްޔަތުން އެމީހުނާއި ސުވާލުކޮށް ވިސްނާ ވަޢުދާ ޚިލާފުވާ މީހުންގެ ދޮގުތަކަށް ނުހެއްލޭންވީއެވެ. އޭރުން ދިވެހި ރާއްޖެ ހަމަ މަގަށް އެޅޭނެއެވެ. އެހެނަސް ރައްޔަތުންނަށް ބޮޑުވަރިހަމަ ކަމަށްވަންޏާ ހަމަ ދޮގުހަދައިގެން ދޮގުވަޢުދުތައް ވެގެން އެންމެނާއި ގައުމުދަރުވާލާފަ ބޮޑުން ފިލާނެއެވެ. އަބަދުވެސް ވަމުންދަނީ މިހެންނޫންތޯއެވެ؟
މިހަރު އެކިޔާ ފިކުރެއްގެ ދިރުމުން އޯކޭ އެވީނު ހުރިހާ ވައްކަމަކާއި ފޭރުމެއްގެ މީހުނާވެސް! އެއީ މިގައުމުގާ ވާނެގޮތް. ރައީސް އިބޫގެ ބޮލަށް ހުރިހާކަމެއް ކަނޑާލާފާ މާ ހެޔޮބަޔަކަށް އެވެލީނޫންތޯ؟ ހަމަ ރައްޔަތުންގެ ބޮޑުބަޔަކަށް އޯކޭ. ވީމާ ރައްޔަތުންގެ މެޖޯރެޓީއަށް ވައްކަމާއި ފަސާދަ އޯކޭ ނުވަންދެން މިފަދަ ނިކަމެތިގޮތަކަށް މިގައު ހިނގާނީ.