ވާދަވެރިންނަށް ރައްދެއް: 1000 ފަހަރު ބުނަން ވެސް ތައްޔާރު, ރިޔާސީ ކެންޑިޑޭޓަކީ ޔާމީން

Loading

Facebook
Twitter
WhatsApp

އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ގޮތެއް ނޯންނާނެ ކަމަށާއި, އެ ކެންޑިޑޭޓަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ކަމުގައި “1000 ފަހަރު ބުނަން ޖެހުނަސް, ބުނަން މި ތިބީ ތައްޔާރަށް“ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމުގައި ކަނޑައަޅައި ރިޔާސީ ޓިކެޓު ވެސް އަރުވާފައިވަނިކޮށެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައިި މިހާރު ވަނީ އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުން އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިނުގެންފިނަމަ, ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އިތުރަށް ހަނިވެގެންދާނެއެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ދެކެނީ ރައީސް ޔާމީނަށް ކުރި ހުކުމާމެދު ސްޕްރީމް ކޯޓުން ގޮތެއް ނުނިންމާހައި ހިނދަކު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވުމާއެކު ސިޔާސީ ބައެއް ބޭފުޅުން ތަކުރާރު ކުރައްވަމުން ގެންދަވަނީ އިދިކޮޅު ކޯލިޝަނުން އިތުރު ގޮތެއް ހޯދަންޖެހޭ ކަމުގައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި މިއަދު ހަވީރު ކުރި އިހުތިޖާޖުގެ ތެރެއިން ރަސްފަންނުގައި އޮތް މާހެފުމުގައި ބައިވެރިވެވަޑައިގެން ޢަބްދުއްރަޙީމް ވަނީ, އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓާގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވައިފައެވެ.

ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި މިއަދު ކުރި އިހުތިޖާޖު. ފޮޓޯ: ޕީޕީއެމް

ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެ ބަދަލެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ ބަދަލުުރުމުގެ ވާހަކަ ދެއްކިޔަސް އެ އަޑުއަހާނެ މީހަކު ނެތް ކަމަށެވެ.

ޢަބްދުއްރަޙީމް ވަނީ ރައީސް ޔާމީންގެ “ހިޔަނީގައި ހިނގައިގެން“ ނުވަތަ ރައީސް ޔާމީންގެ ޕާޓީގެ ސަޕޯޓު ހޯދައިގެން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ބޭފުޅުން އެ ހުވަފެން ދެކެވަޑައިގަތުން ހުއްޓައިލެއްވުމަށް ވެސް ގޮވާލައްްވައިފައެވެ.

“ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ގޮތެއް އިރާދަކުރެއްވިއްޔާ މި އިންތިޚާބުގަ ނޯންނާނެ. އެ ކެންޑިޑޭޓަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމޭ, 1000 ފަހަރު ބުނަން ޖެހުނަސް ބުނަން މި ތިބީ ތައްޔާރަށް.“

“ޤާސިމު ކައިރީގަ ތިއްބެވި ބޭފުޅުންނަށް މިހާރު އަޑުއިވިވަޑައިގަންނަވާނެ.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެއިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެންނަން ބޭނުންވަނީ ގައުމާމެދު ޒުވާނުން ކުރާ އުންމީދުތަކެއް ހުރުމުން, އެ އުންމީދުތައް ހާސިލުކުރުމަށްޓަކައި މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ރައްޔިތުން ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖައްސައިދީ, ރައްޔިތުން ބޭނުންވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކޮށްދިނުމަށް ކަމަށް ކަމުގައެވެ.

“ދިވެހިރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކަށް ޖާގަ ނުދޭންވެގެން ރައީސް ޔާމީން ވެރިކަމަށް ގެންނަން މި އުޅެނީ.“

ކޯލިޝަންގެ މެންބަރުންނާ މުޚާތަބު ކުރައްވައި ޢަބްދުއްރަޙީމް ވަނީ މާޔޫސްވުމުގެ ބަދަލުގައި މިއަދު ހިތްވަރު އާކުރަންޖެހޭކަން ވެސް ފާހަގަކުރައްވައިފައެވެ.

“އެންމެން އަޒުމު ކަނޑައަޅަންވީ ތަނެއްދޮރެއް އުޑެއްބުޑެއް ނުދަންނަ މި ޖާހިލު ސަރުކާރު ބަލިކޮށްފައި ރައީސް ޔާމީންގެ ސަރުކާރެއް ގާއިމުކުރުމަށް“

ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނިމިގެންދާނީ ރައީސް ޔާމީނާ އެއްކޮޅަށެވެ. އެކަމާ ދޭތެރޭގައި ކޯލިޝަނުން އެއްވެސް ސުވާލެއް ނުއުފައްދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ އަަޅުގަނޑުމެން މިކުރާ މަސައްކަތް ނިންމާނީ މި އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ލައްވައި މި ރާއްޖޭގެ ރައީސްކަމުގެ ހުވާކުރައްވާފައި.“ ވަރަށް ޔަގީންކަމާއެކު ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ައިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އިއްޔެ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފު މަރުހަލާގައި އޮތްކަމަށްވާނަމަ ކެނޑިޑެންސީ ބަލައިގަތުމުގެ ފުރުސަތު ބޮޑެވެ.

ކެނޑިޑެންސީ ބަލައިގަތުމަށް ގޮތެއް ނިންމުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށާއި, އެ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ކޯޓު މަރުހަލާއަށް މައްސަލަ ގެންދިއުމުގެ ފުރުސަތު އޭރުން އޮންނާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ކެނޑިޑެންސީ ބަލައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ފުއާދު ފާހަގަކުރައްވާ ނުކުތަާއަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްގެ އިސްތިއުނާފުގެ މައްސަލަ ދިގު ދެމިގެން ގޮސްފައިވަނިކޮށް, އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ފުރުސަތު ކޯޓު ދީފައި އޮތް ނުކުތާއެވެ.

Loading

One Response

  1. މިސަރުކާރަށް ވެގެންވައްޏާ ތިހެންވިޔަކަ ނުދޭނެ އެވަނީ މިހާރުވެސް އެމީހުންގެ ފައިދަށުލާފަތިވަނީ ޔާމީން މިނިވަންކޮންހުރުރުމަކީ އެމީހުން ޔައުނީސަރުކާ ވ.ބިރުގަންނަ ކަމެއްކަން.އެގެންވާނެނ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް