މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރޭ ފަތިހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައި އޮތް ޔެލޯ އެލާޓް މިއަދު ހެނދުނު ދަންމާލައިފިއެވެ.
ރީނދޫ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.
މިހާރު ވަނީ ޔެލޯ އެލާޓްގެ ވަގުތު މިއަދު 13:00 އާއި ހަމައަށް އިތުރު ކޮށްފައެވެ.
މެޓް އޮފީހުން ބުނެފައި ވަނީ ށ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށާއި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ބުންޏެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ދުވަސްތައް ކަމުން ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓުން ބުނެއެވެ.