ވ. އާރަށުގެ މައްސަލައިގައި ހެއްކަށް ނުފޫޒުފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި ނަމަވެސް ފެނިގެންދަނީ މި ސަރުކާރުން އެމަނިކުފާނުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ގުޅައި މައްސަލައަށް ނުފޫޒުފޯރުވަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ނެންނެގި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން ލޯފާމެއް ކަމަށްވާ މޯލްޑިވްސް ލީގަލް ބިއުރޯ (އެމްއެލްބީ) އިން ޕީޖީ އޮފީހުގައި އެދިފައެވެ.
ރައީސް ޔާމީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވިދާޅުވީ އާރަށު މައްސަލައިގައި އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ބުހުތާނު ދޮގުކަމަށެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ހެއްކަކަށް ނުފޫޒު ފޯރުވަން ޖެހޭ ހާލަތެއް ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ މައްސަލައަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.
”ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނޭ ދެއްތޯ ފަނޑިޔާރުން ބަލާ މައްސަލައަކާ ގުޅިގެން އެއްވެސް ފަރާތަކުން ގުޅާ ހަދައިގެން ނުވާނޭ. މިހާރު އެދަނީ މިސަރުކާރުން ގުޅަމުން ދެއްތޯ، ހާއްސަކޮށް ރައީސް ޔާމީންގެ މައްސަލައިގައި،“ ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ފަނޑިޔާރުގެއަކީ އެއްވެސް ބައެއް ނުފޫޒު އޮތް ތަނަކަށް ވެގެން ނުވާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ފަނޑިޔާރުންނަކީ މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތް ކުރައްވާ ބައެއްކަން ޔަގީން ކުރައްވާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ ތެރެއިން އަދުލުގެ ނިޒާމާ ހިލާފަށް ނުފޫޒެއްގެ ތެރެއިން ކަންކަން ކުރައްވާފައިވާ ފަނޑިޔާރުންގެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.