މޫދަށް ކުނި އެޅުމުން ކ. ތުލުސްދޫ ކައުންސިލް އިދާރާ ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ، ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދާ ހިލާފަށް ކަމަށެވެ.
އެހެންކަމުން ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ތުލުސްދޫ ކައުންސިލުން ހިލާފުވެފައިވާތީ އެކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމާނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
ޖޫރިމާނާގެ އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެކައުންސިލަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ތައްޔާރުކޮށް އީޕީއޭއަށް ހިއްސާ ކުރުމަށް ވަނީ އަންގާފައެވެ.