ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރިޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މިއަދަށް ތާވަލުކޮށްފި އެވެ.
ހައިކޯޓްގައި އޮތް ބަންދު މުރާޖާ ކޯޓު އަމުރުތަކުގެ މައްސަލައިގެ ހުކުމް ކުރުން އޮތީ މިއަދު 10:30 ގައެވެ.
ހައިކޯޓްގައި އޮތް މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލާގައި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ އެބޭފުޅާ ހައްޔަރުކުރިއިރު ގާނޫނީ އިންޒާރުގައި ފުލުހުން ތުހުމަތުކުރި ކަންކަން ފިޔަވައި އިތުރު ކަންކަން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބަންދު މުރާޖައާކުރުމަށް ހުށަހެޅި އިރު ހިމަނާފައިވާ ކަމަށެވެ. އެގޮތުން އެ ހަަމަނުޖެހުމަކީ ސިޔާސީ ނުވަތަ ދީނީ ނުވަތަ ހަރުކަށި ފިކުރުގެ ނިޔަތެއް އޮވެގެން އަދި މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގި ހަރަކާތެއްކަން ހިމަނާފައިވާ ކަމަށް ދިފާއީ ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ.
ހައިކޯޓްގައި އޮތް ބަންދު މުރާޖާ ކޯޓު އަމުރުތަކުގެ މައްސަލައިގެ ހުކުމް މިއަދަށް ތާވަލުކޮށްފައިވާއިރު މިދިޔަ މަހުގެ 19 ވަނަ ދުވަހު ޝައިހް ނިޝާންގެ ބަންދަށް ޖެހި 16 ދުވަސް މިއަދަށް ހަމަވާނެއެވެ. އެހެންވެ، އެ މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމަން މިއަދު ހެނދުނު 9:30 ގައި އޮންނާނެއެވެ.