މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިޒަމަށް ރަށްތައް ދޫކުރުމުގައި ހިންގި ކޮރަޕްޝަނާއި ގުޅޭ ސައްހަ ލިސްޓެއް އާއްމުކުރާނެ ކަމަށް އެމްޑީޕީން ބުނަނީ އިންތިހާބުތައް ކާމިޔާބުކުރަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަންވީ ގިނަ ކަމަށާއި ގެއްލުނު ފައިސާވެސް މި ސަރުކާރަށް ހޯދިފައިނުވާ ކަމަށެވެ.
އާދަމް ޝަރީފް ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ސައްހަ ލިސްޓް ހާމަ ނުކުރަނީ އެމްޑީޕީގެ ދެ ފެކްޝަންގެ މީހުން ވެސް އެ ލިސްޓްގައި ހިމެނޭތީތޯ ސުވާލު ކުރައްވައިފައެވެ.
”އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ބުނި ލިސްޓް އަވަހަށް ހާމަ ކުރުމަށް ރައީސް ނަޝީދު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަށް ގޮވާލަން. އެ ލިސްޓް ހާމަ ނުކުރަނީސް ރައްޔިތުން އިތުބާރެއް ނުކުރާނެ.“ އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ގެއްލިފައިވާ ފައިސާއެއް މި ސަރުކާރަށް ނުހޯދުނު ކަމަށެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ ސައްހަ ލިސްޓް ހާމަ ކުރާ ވާހަކައަކީ އެމްޑީޕީއިން އިންތިހާބުތަށް ކާމިޔާބު ކުރުމަށް ދެ ފެކްޝަނުންވެސް ބޭނުންކުރާ ސްލޯގަންއަކަށް ހަދައިފި ކަމަށެވެ.
އެމްއެެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ މައްސަލަ ހިމެނޭހެން ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއްވެސް އުފެއްދިއެވެ. ނަމަވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި އެ ކޮމިޝަން ވަނީ އުވާލައި، ކޮމިޝަންގެ މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ބަދަލުކޮށްފައެވެ.
![]()
