ލިބިޔާގެ ސަހަރާއަށް ގެއްލުނު 20 މީހުން މަރުވެފައިވަނިކޮށް ފެނިއްޖެއެވެ. މި މީހުންގެ ހަށިތައް ފެނިފައިވަނީ އެއްގަމުއުޅަނދެއްގައި ދަތުރުކުރަމުންދިޔަ އާންމުންގެ މީހަކަށެވެ.
ބޭރުގެ މީޑީޔާތަކުން ރިޕޯޓުކުރާ ގޮތުގައި މަރުވެފައިވާ މީހުންގެ ހަށިތައް ފެނިފައިވަނީ ސަހަރާގެ މީހުން މަދު ހިސާބަކުންނެވެ. އެއީ ކުރްފާ އާއި 320 ކިލޯމީޓަރާއި ޗާދްގެ ބޯޑަރާއި 120 ކިލޯމީޓަރު ދުރު ހިސާބަކުންނެވެ.
ލަފާކުރެވޭ ގޮތުގައި މި މީހުން މަރުވެފައިވަނީ ސަހަރާގައި ދަތުރުކުރަން އުޅުމުގެ ތެރޭގައި މަގު އޮޅި ކާބޯތަކެއްޗާއި ފެން ހުސްވުމުގެ ސަބަބުންނެވެ. އަދި އެމީހުން މަރުވެފައިވަނީ މީގެ 14 ވަރަކަށް ދުވަސް ކުރިން ކަމަށްވެސް ކުރްފާގެ އެމްބިއުލެންސް ޗީފް ބޭރުގެ މީޑިޔާތަކަށް މައުލޫމާތުދެމުން ހާމަކުރެއްވިއެވެ.
އެމީހުންނާއެކު ފެނިފައިވާ ފޯނުތައް ބަލާފާސްކުރުމުން އެންމެ ފަހުން އެމީހުން ފޯނު ބޭނުންކޮށްފައިވާ ތާރީޚަކީ މި މަހުގެ 13 ވަނަ ދުވަސްކަން ވަނީ ހާމަވެފައެވެ. ލަފާކުރެވޭ ގޮތުގައި މަރުވެފައިވަނިކޮށް ފެނިފައިވާ މީހުންގެ ތެރެއިން 2 މީހުންނަކީ ލިބިޔާއަށް ނިސްބަތްވާ ބައެކެވެ. އަދި ދެންތިބި މީހުންނަކީ ރެފިއުޖީންނެވެ.
މީހުން މަދު މި ސަހަރާގައި ހޫނު މޫސުމުގައި ފިނިހޫނުމިން އާންމުކޮށް 40 ޑިގްރީއަށްވުރެ މައްޗަށް އަރައެވެ. ސަހަރާގެ މި ހިސާބުގަނޑަކީ މީހުން އާންމުކޮށް ދަތުރުފަތުރުކޮށް އުޅޭ ހިސާބުގަނޑެއް ނޫނެވެ. ފައިމަގުގައި މި ސަރަހައްދުން ގިނައިން ދަތިރުކޮށް އުޅެނީ ރެފިއުޖީންނެވެ.