މުޅި ދުނިޔޭގެ ލޯ މިވަގުތު ހުއްޓިފައިވަނީ ރަޝިޔާގެ ރައީސް ވުލަޑިމިރް ޕުޓިން އަށެވެ. އޭނާ އަކީ ސޯވިޔެޓް ޔޫނިއަން އުވި، ފިނިހަނގުރާމަ ނިމުމަށްފަހު ރަޝިޔާ ދުށް އެންމެ ހަރުދަނާ ލީޑަރެވެ.
ޕުޓިން ރަޝިޔާގެ ރައީސްކަމަށް ފުރަތަމަ އިންތިހާބުވީ 2000 ވަނަ އަހަރުއެވެ. ރަޝިޔާގެ ވަޠަނީ ފިކުރު ވިއްކަވައިގެންނެވެ. ޕުޓިން ވެރިކަމަށް ވަޑައިގަތުމަށްފަހު އޭނާ ވަނީ ރަޝިއާ އަލުން ދުނިޔޭގެ އަސްކަރީ ބޮޑެތި ބާރު ތަކުގެ ތެރޭގައި ހިމަނާފައެވެ. ސޮވިއެޓް ޔުނިއަންއަށް ކުރިމަތިވި އިގުތިސާދީ އަދި ސިޔާސީ ދަތިތަކުގެ ސަބަބުން އެޔޫނިއަން ބައިބައި ވުމަށްފަހު ރަޝިޔާ ވެއްޓިފައިވާ ވަޅުގަނޑުން ނަންގަވައިދެއްވާފައެވެ. ޕުޓިންގެ ޒައާމަތުގައި މަދު އަހަރުތަކެއްގެ ތެރޭގައި ދުނިޔޭގައި ބަސްވިކޭ ބޮޑު ބާރެއްގެ ގޮތުގައި ރަޝިޔާއިން އެމެރިކާ އާއި ފައިހަމަކޮށްލިއެވެ. އެއަށްފަހު އަލުން ޕުޓިން މިސްރާބު ޖައްސަވާފައި ވަނީ ރަޝިޔާގެ ރަންޒަމާން އިއާދަކުރެއްވުމާ ދިމާއަށެވެ. އެއީ ”ސޯވިއެޓް ޔޫނިއަން“ އެއް އުފެއްދެވުމުގެ ހުވަފެން ހަޤީޤަތަކަށް ހެއްދެވުމެވެ.
މިއަދު ޕުޓިންގެ ސަރުކާރުން ދަނީ ރަޝިއާގެ އަވައްޓެރި ގައުމެއް ކަމަށްވާ ޔޫކްރޭނާ ހަނގުރާމަ ކުރަމުންނެވެ. މި ހަނގުރާމަ ފެށިފައި ވަނީ ޔޫކްރޭނުގެ އިރުމަތީ ޑޮންބަސް ސަރަހައްދުގައެވެ. ހަނގުރާމަ ފުޅާވެ، ޔޫކްރޭނުގެ ވެރިރަށް ކްޔިވްއާ ގާތަށް ރަޝިޔާވަނީ ޖެހިލާފައެވެ. މަދުދުވަސްކޮޅެއްގެ ތެރޭގައި ޔޫކުރޭންގެ ވެރިރަށް ރަޝިއާ ސިފައިން ހިފާނެކަމަށް ބެލެވެއެވެ.
މިހަގުރާމައިގައި މިހާތަނަށް ޔޫކުރޭންގެ އެތައް ރައްޔަތުންނެއް ވަނީ މަރުވެފައެވެ. ރަޝިއާއިން މަރުވެފައިވާ ސިފައިންގެ އަދަދު އަދި ޔަގީން ކުރެވިފައެއް ނުވެއެވެ. މިހަނގުރާމައިގައި ދެ ފަރާތަށް ވެސް ގިނަ އަދަދެއްގެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިފަދަ ގެއްލުން ބޮޑު ހަނގުރާމައެއް ޕުޓިން ކުރިޔަށް ގެންދަވާ ސަބަބު ހޯދުމަށްޓަކައި ޕުޓިން ވެރިކަމަށް ވަޑައިގަތުމުގެ ކުރީގެ ދުވަސްތަކަށް ކުޑަކޮށް ނަޒަރުހިންގާލަން ޖެހެއެވެ.
ޖަރުމަނުގެ ބޮޑުފާރު1989 ގައި ވައްޓާލައި ދެ ޖަރުމަން އެއްކޮށްލެވުނުއިރު ޕުޓިން މަސައްކަތް ކުރައްވަމުން ގެންދެވީ އޭރުގެ ސޮވިއެޓް ޔޫނިއަންގެ ދިފާއީ ބާރެއް ކަމަށްވާ ޖާސޫސީ އިދާރާ ކޭޖީބީގެ ޖާސޫސެއްގެ ގޮތުގައެވެ. 1991ވަނަ އަހަރު ޕުޓިން ޖާސޫސްކޮށްދެމުން ދިޔަ ، ސޮވިއެޓް ޔޫނިއަން ރޫޅި 15 ގައުމަކަށް ބެހިގެން ދިޔައެވެ. މީގެ ތެރޭގައި މިހާރުގެ ރަޝިއާގެ އިތުރުން ޔޫކްރޭނާއި ކަޒަކިސްތާން ހިމެނެއެވެ. މިއީ، ޕުޓިންގެ ޒަމީރު ގަބޫލުކުރެއްވި ނިންމުމެއް ނޫނެވެ. އޭރު ޕުޓިން ގަބޫލުކުރެއްވި ގޮތުގައި އޭނާގެ އުފަން ގައުމުން ގެއްލިގެން އެ ދިޔައީ 2 މިލިއަން އަކަ މޭލުގެ ބިމެވެ. ޕުޓިން ސިފަކުރައްވާ ގޮތުގައި އެއީ މި ގަރުނުގައި ހިނގާފައިވާ އެންމެ ބޮޑުއެއް ޖިއޮޕޮލިޓިކަލް މުސީބާތެވެ. އެދުވަސްވަރު ސޯވިއެޓް ޔުނިއަންގެ ޖާސޫސީ އިދާރާގެ މުވައްޒަފެއްގެ ހައިސިއްޔަތުން ޕުޓިން އާއި އޭނައާއެކު މަސައްކަތް ކުރައްވަމުން ގެންދެވި ބާރުގަދަ ކޭޖީބީގެ ގިނަ މުވައްޒަފުން ގައުމުން ބޭރުގައި ތިއްބަވަން ޖެހިވަޑައިގަތުމުން އެކަމާމެދު ޕުޓިން އޭރުވެސް ހިތާމަ ފާޅުކުރެއްވިއެވެ.
ސޮވިއެޓް ޔޫނިއަން ރޫޅުމާއެކު ކުރިމަތިވި ދަތިތަކުގެ ސަބަބުން ސަރުކާރުގެ ގިނަ އަދަދެއްގެ ކުންފުނިތަކެއް ވިއްކާލުމަށް އޭރުގެ ސަރުކާރަށް މަޖުބޫރު ވެގެން ދިޔައެވެ. މި ކުންފުނިތައް އެހިސާބުން ދިޔައީ މަދު އަދަދެއްގެ މުއްސަދިންގެ އަތް މައްޗަށެވެ. މި ކުންފުނިތަކުގެ ވެރިންނަށް ’އޮލިގާރކްސް’ގެ ނަމުން ނަންދެވުނެވެ. މިކަމުގެތެރޭގައި ރަޝިއާގެ ފުރަތަމަ ރައީސް ބޮރިސް ޔެލްސިން އެމެރިކާއާ ގުޅުން ބަދަހި ކުރެއްވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޭނާގެ މަޤްބޫލުކަން ވަރަށް ކުޑަވިއެވެ. އެހެންކަމުން އޭނަގެ މަގާމު ދެމެހެއްޓުމަށް ޔެލްސިން ރަޝިއާގެ ސަރުކާރުގެ ބާރުގެ ބޮޑު ބައެއް ”އޮލިގާރކްސް“ގެ އަތް މައްޗަށް ދޫކޮށްލެއްވިއެވެ. މީގެ ސަބަބުން ރަޝިޔާގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެގެން ދިޔައެވެ.
ޕުޓިން ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތީ 1991ވަނަ އަހަރު ކޭޖީބީއިން ވަކިވެވަޑައިގަތުމަށް ފަހުގައެވެ. އޭނާ ފުރަތަމަ އިންތިހާބުވެވަޑައިގަތީ ސެއިންޓް ޕީޓާރސްބާގްގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށެވެ. މި މަގާމުގައި ހުންނަވައިގެން އޭނާ ވަނީ އޭނާގެ އެކުވެރިންނާއި އެހީތެރިންނަށް ހުރިހާ ފައިދާއެއް ލިބޭގޮތަށް އިންތިޒާމުތައް ހަމަޖައްސަވައި އެމީހުން އިޤުތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހައްދަވާފައެވެ. މީގެ ސަބަބުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ”އޮލިގާރކްސް“ގެ ގާތް ޕާޓްނަރަކަށް ޕުޓިން ވެގެން ދިޔައެވެ. ”އޮލިގާކްސް“ގެ އިތުރުން ގިނަ އަދަދެއްގެ ސެކިއުރިޓީ އޮފިޝަލުންނާއި މާފިއާ ގުރޫޕްތަކުގެ އެއްބާރުލުންވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕުޓިން ވަނީ ހޯއްދަވާފައެވެ. މި ފަރާތްތަކުގެ އެހީގައި ޕުޓިން ސަރުކާރުގެ އިސް ފަރާތްތަކުގެ ބައިވެރިއަކަށް ވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން 1999ވަނަ އަހަރު ރަޝިއާގެ ނައިބް ރައީސްކަން ޕުޓިންއަށް ލިބިވަޑައިގަތެވެ. އޭރު އޭނާގެ ނަން ސިޔާސީ ދާއިރާގައި އެހާ މަޤްބޫލެއް ނޫނެވެ.
އޭރު ޕުޓިން ގެންދެވީ ރަޝިޔާގެ ރައީސް ޔެލްސިން އެމެރިކާއާ ގުޅުން ބަދަހި ކުރައްވާ ކުރެއްވުމާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ. ވަތަނީ ޚިޔާލުގެ ޕުޓިން އޭރުވެސް ހުޅަނގުގެ ގައުމުތަކުން ރަޝިއާގެ ސިޔާސީ ދާއިރާއާ ކުޅޭނެކަމުގެ ބިރު އިހުސާސްވާކަމަށް ވިދާޅުވަމުންގެންދެވިއެވެ. އޭރުވެސް ނޭޓޯގެ ނުފޫޒު ކުރީގެ ސޮވިއެޓް ޔުނިއަންގެ ގައުމުތަކަށް ފޯރާނެކަމަށް ޕުޓިން ވަނީ ލަފާ ކުރައްވާފައެވެ. އެހެންކަމުން ޕުޓިންގެ މައިގަނޑު އަމާޒަކަށް ވެގެންދިޔައީ ކައިރި ގައުމުތަކަށް ނުފޫޒު ފޯރުވޭފަދަ ވަރުގަދަ ގައުމަކަށް ރަޝިއާ އަލުން ހެދުމެވެ.
ޕުޓިންގެ މި އަމާޒު ހާސިލު ކުރެއްވުމުގެ ފުރުސަތު މާގިނަ ދުވަސްތަކެއްނުވެ ލިބިގެންދިޔައެވެ. 1999 ވަނަ އަހަރުގެ އޯގަސްޓް މަހު ޗެޗްނިޔާ ސަރަހައްދަށް ނިސްބަތްވާ ހަނގުރާމަވެރިން ރަޝިއާގެ ސަރަހައްދަށް ވަދެ މޮސްކޯގެ އިތުރުން ރަޝިއާގެ ބައެއް ރަށްތަކަށް ގިނަ އަދަދެއްގެ ބޮމުގެ ހަމަލާތަކެއް ދީ 300އަށް ވުރެ ގިނަ މީހުން މަރާލިއެވެ. މިހަމަލާގެ ބޭނުންހިފައި ރަޝިއާއަށް ހަމަލާދިން ފަރާތްތަކުން ބަދަލު ހިފާނެކަމަށް ވިދާޅުވެ އޭރުގެ ނައިބް ރައީސް ޕުޓިން އަޑު އުފުއްލަވައި ވާހަކަ ދެއްކެވިއެވެ. މީގެ ސަބަބުން ޕުޓިންއަށް އޮތް ތާއީދު ރައްޔިތުންގެ މެދުގައި ބޮޑުވެގެން ދިޔައެވެ. މިގޮތުން ޗެޗްނިޔާއާ ދެކޮޅަށް ބޮމުގެ ހަމަލާތަކެއްދީ ރަޝިއާގެ ބާރުގެ ދަށަށް އަހަރު ދުވަހުގެ ތެރޭގައި ޗެޗްނިޔާ ގެނައެވެ. 1999ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭރުގެ ރައީސް ޔެލްސިން މަގާމުން އިސްތިއުފާދެއްވުމުން ޕުޓިން ރައީސްކަމާ ހަވާލުވވެވަޑައިގަތެވެ. 2000ވަނަ އަހަރުގެ މޭމަހު ބޭއްވި އިންތިޚާބުން ޕުޓިން ރައީސްގެ މަގާމަށް ހޮވިވަޑައިގަތެވެ. މިހިސާބުން ރަޝިއާ ޕުޓިންގެ މަންޒަރަށް ފެތޭގޮތަށް ބައްޓަން ކުރެއްވުމުގެ މަސައްކަތް އޭނާ ފެއްޓެވިއެވެ.
މިމަންޒަރު ފުރިހަމަ ކުރެއްވުމަށް ޕުޓިން ފުރަތަމަ ކުރެއްވިކަމަކީ ”އޮލިގާރކްސް“ އޭނާގެ ބާރުގެ ދަށަށް ގެންނނެވުމެވެ. އޭރު ރަޝިއާ އާއި އެމެރިކާގެ މެދުގައި އޮތް ގުޅުން ވަރަށް ރަނގަޅެވެ. ނަމަވެސް އޯގަސްޓް 2008ގައި ރަޝިއާއިން ޖޯޖިއާއަށް އެރުމުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުން ނުރުހުން ފާޅުކުރިއެވެ. އަދި އެމެރިކާއާއެކު އޮތް ގުޅުން ހީނަރުވެގެން ދިޔައެވެ. ނަމަވެސް އޮބާމާ ވެރިކަމަށް ވަޑައިގަތުމަށްފަހު ދެ ގައުމުގެ ގުޅުން ކުޑަކޮށް ރަނގަޅުވެގެން ދިޔައެވެ. ނަމަވެސް އެމެރިކާ ރަޝިޔާގެ ކަންކަމާމެދު ގެންގުޅޭ ވިސްނުންތަކާ މެދު އަބަދުވެސް ޕުޓިން ޝައްކުގެ ނަޒަރަކުން ބައްލަވައެވެ.
ދެވަނަ ދައުރަކަށް 2012ވަނަ އަހަރު ހޮވިވަޑައިގަތުމާއެކު ޕުޓިން ވަނީ އޭނާގެ ވެރިކަން އިތުރަށް ވަރުގަދަ ކުރައްވާފައެވެ. ޕުޓިން ވަނީ މީޑިއާ ވަސީލަތްތައް އޭނާގެ ބާރުގެ ދަށަށް ގެންނަވާފައެވެ. ޕުޓިންގެ ބެއްލެވުމުގެ ދަށުން މެނުވީ މީޑިއާތަކުން މައުލޫމާތު ހިއްސާ ނުކުރެވޭ ގޮތަށް ޕުޓިން ވަނީ މީޑިއާ ކޮންޓްރޯލްކުރައްވާފައެވެ. މީގެ އިތުރުން ޕުޓިން ވަނީ ދުނިޔޭގެ އެންމެ ކާމިޔާބު ސައިބާ ލަޝްކަރުވެސް އެކުލަވާލައްވާފައެވެ. ޖޯޖިއާއަށް ރަޝިއާއިން އެރިއިރު މިސައިބާ ލަޝްކަރުން ވަނީ ޖޯޖިއާގެ އިންޓަނެޓުގެ ހިދުމަތް ކަނޑާލާފައެވެ. މިޓެކްނިކަކީ މިހާރު ރަޝިއާއިން ކުރާ ގިނަ ހަނގުރާމަތަކުގައި ބޭނުންކުރާ ޓެކްނިކެކެވެ.
ރަޝިއާއިން 2014ގައި ވަނީ އެ ގައުމުގެ ނަޒަރު ޔޫކްރޭނަށް ހުއްޓާލާފައެވެ. ޔޫކްރޭނުގެ ރައީސް ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ ސަބަބުން ޕުޓިންއަށް ވަނީ ޔޫކްރޭން ނޭޓޯއާ ގުޅިދާނެ ކަމުގެ ބިރުފުޅު ހީވެފައެވެ. މީގެސަބަބުން ޕުޓިން ވަނީ ޔޫކްރޭނުގެ އޭރުގެ ރައީސާ ދެކޮޅަށް ސައިބާ ކެމްޕޭނެއް ފަށްޓަވާފައެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރަޝިއާއަށް ތާއީދު ކުރާ ޔޫކްރޭނުގެ އިރުމަތީ ސިޓީތަކާ އެހެން ސިޓީތަކާ ދެމެދު ހަމަނުޖެހުން ހިނގަން ފެށުމެވެ. މިހިސާބުން ރަޝިއާއަށް ތާއީދުކުރާ އިރުމަތީ ރަށްތަކަށް ރަޝިޔާގެ ސިއްރު ސިފައިން ފޮނުވައި ޔޫކްރޭނުގައި ދާޚިލީ ހަނގުރާމައެއް ފެށިގެން ދިޔައެވެ. އެއަށްފަހު 2014ވަނަ އަހަރުގެ ފެބްރުއަރީ މާޗް ހިސާބުގައި ރަޝިއާއިން ކްރައިމިއާ ހިފިއެވެ. އޭރުއްސުރެ ރަޝިއާއިން އަންނަނީ ޔޫކްރޭނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އެހީ ފޯރުކޮށްދެމުންނެވެ.
މިއަދު ރަޝިއާއިން ޔޫކްރޭނަށް އަރަން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޔޫކްރޭނާއި ހުޅަނގުގެ ގައުމުތަކާއި މެދު އޮންނަ ގުޅުން ބަދަހިވުން ހިމެނެއެވެ. ޔޫކްރޭނާއި ނޭޓޯއާ ގުޅުމަކީ ރަޝިއާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޕުޓިން ދެކެވަޑައިގަންނަވައެވެ. އެއީ ޔޫކްރޭނާއި ރަޝިއާ ހިއްސާކުރާ ބޯޑަރު ބޮޑުވުމުގެ ސަބަބުންނެވެ.
”އަހަރުމެން އިނގިރޭސިވިލާތުގެ ނުވަތަ އެމެރިކާގެ ބޯޑަރުތައް ކައިރިއަކަށް ނުފޫޒެއް ނުފޯރުވަން. އެމެރެކާ އާއި އިނގިރޭސިވިލާތުން އަހަރުމެންނާ ހަމައަށް ނުފޫޒު ފޯރުވީ.“ ޕުޓިން ވިދާޅުވެފައިވެއެވެ.
ޕުޓިން ދެކިވަޑައިގަންނަވާގޮތުގައި ބޮޑު މަންޒަރަށް ބަލާއިރު ޔޫކްރޭން ނޭޓޯ ނުވަތަ ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހި ކުރުމަކީ ޕުޓިންގެ މެނިފެސްޓޯއަށް އޮތް ބޮޑު ނުރައްކަލެކެވެ. ރަޝިއާ ބާރުގަދަ ގައުމަކަށް ހެދުމުގެ މަގަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން މިއަދު ކުރެވެމުން މިދާ ހަނގުރާމައަކީ ރަޝިޔާއަށް މުހިއްމު ހަނގުރާމައެކެވެ. މިކަމުގައި ޕުޓިންގެ ޒައާމަތުގައި ރަޝިޔާ ފަހަތަށް ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
2 Responses
Harudhanaa leader eh nuun, KGB plant eh Russia goverment ga, Russia he evves ammu meehege support eh nulibey Putin akah, evaahaka news thakun nufennany ekamaa vaahaka dhehkiima gelluvaalathy.
ދެވަނަ ބޮޑުހަނގުރާމަ ހިނގަމުންދިޔައިރު ރަޝިޔާގެ ސިފައިންގެ ކުރީސަފުން ސިފައިންގެމީހަކު ކުރުޗުއްޓިއެއްގައިއޭނާގެ ގެއަށް އައިއިރު އޭނާއާއި އޭނަގެ އަނބިމީހާ ދިރިއުޅެމުންގެންދިޔަ އެޕާރޓްމެންޓް ކައިރީ މަގުމަތީގައި ފުނިޖަހާފައިހުރި ގިނައަދަދެއްގެ ގަބުރުތަކެއް ނަގައިގެން ވަޅުލުމަށްޓަކައި ގެންދާން މަސައްކަތްކުރާތަންއޭނާއަށްފެނުނެވެ. ތަންކޮޅެއްކައިރިއަށް އާދެވުމާއެކު އެގަބުރުތަކުގެތެރޭން އަންހެނެއްގެ ފައި ފެނުމުން އެއީ އޭނާގެއަނބިމީހާކަން އެނގިއްޖެއެވެ. ހަމަ އެއާއެކު ދުވެފާގޮސް އޭނާގެ އަންހެނުންގެ މަރުވެފައިވާ މަސްގަނޑު ދިނުމަށް އެމީހުން ކައިރީގައި އާދޭސްކުރިއެވެ. އެންމެފަހުން އެމަސްގަނޑުލިބުމުން އަތްދަނޑިމަތީގައި އޭނާގެ އެޕާރޓްމެންޓަށް ގެންގޮސް ފަރުވާދޭން ފެށުމުން އޭނާގެ އަނބިމީހާ އަދި މަރުނުވާކަން އެނގިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ފަރުވާދީ އޭނާގެ ފުރާނަ ސަލާމަތްކުރެވުނެވެ. އަދި އޭގެ 8 އަހަރުފަހުން 1952 ވަނައަހަރު އެ ދެމަފިރިންގެ ފިރިހެން ދަރިފުޅު ވްލާޑިމިރ ޕޫޓިން ދުނިޔޭގެ އަލިކަން ދެކިވަޑައިގަތެވެ.