30 އަހަރު ވަންދެން ވަލު ތެރޭގަ އުޅުނު މީހެއް

Loading

Facebook
Twitter
WhatsApp

ސިންގަޕޯ އަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ގެދޮރުގެ ދަތިކަން އެންމެ ކުޑަ އެއްގައުމެވެ. ފްލެޓް ތަކާ އެޕާޓްމަންޓްތަކުގެ އުސް ޓަވަރުތައް ބަލާލި ކޮންމެ ދިމާލަކުން ފެންނާނެއެވެ.

ނަމަވެސް މިއިން ތަނަކުން ޖާގަ ނުލިބުނު މީހެއްގެ ވާހަކަ މިވަނީ ހާމަ ވެފައެވެ. އެއީ އުމުރުން 79 އަހަރުގެ މިސްޓަރ އޯ ގޯ ސެން އެވެ. އޭނަ 30 އަހަރުވަންދެން ސިންގަޕޯގެ ގަސް ގިނަ ވަލެއްގައި އެކަނި މާއެކަނި އުޅުނު ކަމަށް ވެއެވެ.

އުމުރުން 80 އަހަރާ ގާތްވެފަ ވީނަމަވެސް މރ. އޯ ފެންނަނީ މާ ޒުވާން އަދި ހަރަކާތްތެރިކޮން ކަމަށް ވެއެވެ. އޭނާގެ ވާހަކަ ފުރަތަމަހާމަ ވެފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ލައިސަންސް ނެތި ތަރުކާރީ ވިއްކަން އުޅުމުން ކަމަށް ވެއެވެ. އެއާއެކު ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށް އޭނާޔަށް އެހީވާން ނިކުމެފައެވެ.

ލައިސަންސް ނެތި ތަރުކާރީ ވިއްކާ ކަމަށް ބުނެ އެކަން ބަލަހައްޓާ އޮފިސަރުން އެދުވަހު ވަނީ އޭނާ ގެންގުޅުނު ތަރުކާރީ ކޮޅު އަތުލާފަ އެވެ. އެމަންޒަރު ސޯޝަލް ވާކަރަކަށް ފެނުމުން އޭނާ މަންޒަރު ވީޑިއޯ ކޮށް ވައިރަލް ކޮށްލިއެވެ. އެއާ އެކު މރ. އޯ އަށް އެންމެންގެ ސަމާލުކަން އައިސްފައި ވެއެވެ.އަދި އެސަރަހައްދުގެ ޕާލަމެންޓް މެމްބަރަކަށް ވީޑިއޯ ފެނި އެހީގެ މަސައްކަތް ފެށިއެވެ.

މރ އޯ އުފަންވެ ބޮޑުވެފައިވަނި ސިންގަޕޯގެ ރަށް ފުށު ހިސާބެއްގެ ކަމްޕޮންގ އަވަށެއްގައެވެ.ނަމަވެސް 80ހައިގެ އަހަރު ތަކުގައި އުސް އިމާރާތްތައް އެޅުމަށްޓަކާ މިފަދަ އަވަށްތައް ނައްތާލިއެވެ.އެއާއެކު ކަންޕޮންގ އަވަށް ތަކުގައި އުޅުނު ގިނަ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ދިނެވެ. ނަމަވެސް މރ އޯ އަށް ވަނީ އޭނާގެ އަމިއްލަ ތަނެއް ނުލިބިފައެވެ.މރ. އޯ ގެ ބޭބެޔަކަށް ތަނެއް ލިބި އޭނާޔާ އެކީ އުޅުމަށް ދައުވަތު ލިބުނު ނަމަވެސް ބޭބެޔަށް ބުރަޔަކަށް ވާން އޯ ބޭނުން ނުވީ ކަމަށް ވެއެވެ. އެހެން ކަމުން އޭނަގެ އާއިލީ ގެ ކުރިން ހުރި ހިސާބަށް އެބުރި ދިޔައެވެ. އަދި އެސަރަހައްދުގެ ގަސްތައް ގިނަ ވަލުތެރޭގެ ހިސާބެއްގައި މީހުންނާ ދުރުގައި އޮނު ،ފިލާ އަދި ތަރަފާލު ފަދަ ތަކެތިން އޭނަ އަމިއްލަޔަށް ކުޑަގެޔެއް ހެދިއެވެ. މިގޭގަ އުޅޭ އިރު ކެއުމަށް ބޭނުންވާ ގިނަ ތަކެތި ގޭ ކައިރީގަ އޮންނަ ސަރަހައްދުގަ އޭނަ އަމިއްލަޔަށް ހައްދާ ކަމަށް ވެއެވެ. އަދި ކައްކާ އުޅެނީ ބޭރުގަ އަލިފާން ރޯ ކޮށްގެންނެވެ. އޭނާގެ ”ގާޑްން“ ގައި ހައްދާ ތަރުކާރީ އާ މިރުސްފަދަ ތަކެތި މާރުކޭޓުގައި ވިއްކާ އުޅެއެވެ. މީގެ އިތުރުން ލިބޭ އެކި އެކި މަސައްކަތްވެސް އުޖޫރަޔަށް ކޮށް ހަދައެވެ.

މިގޮތުން އެއްކުރާ ލާރިން ފެރީ ޓިކެޓް ގަނެގެން ޖެހިގެން އޮންނަ އިންޑޮނީޝިޔާގެ ޖަޒީރާއެއްކަމަށްވާ ބާޓަމް އަށް އޭނާ ދެއެވެ.އަދި އެތަނުން ބައްދަލްވި އަންހެނަކަށް ވަނީ އަންހެން ދަރިއަކު ލިބިފައެވެ. މި ދަރިފުޅަށް މިހާރުވަނީ 17 އަހަރު ވެފައެވެ. އޭނާގެ ފެމިލީ އާ ބައްދަލް ކުރުމަށް ބާޓަމް އަށް ދަނީ ހަފްތާ ބަންދުގައި އެކަނި ކަމަށް ވެއެވެ. އަދި ގޮއްސަ އެބުރި ސިންގަޕޯ އަށް އާދެއެވެ. އޭނާގެ ސިންގަޕޯގަ ތިބި ތިމާގެ މީހުންނަށް ވެސް އަދި އިންޑޮނީޝިޔާގައި ތިބި ދަރިފުޅާ ދަރިފުޅުގެ މަންމަޔަށްވެސް މރ އޯ ހަގީގަތުގަ ދިރި އުޅެނީ ކޮންތާކު ކަމެއް ނޭގޭ ކަމަށް ވެއެވެ. އުޅޭ ތަނަކާ މެދު ސުވާލު ކުރެވިއްޖެ ނަމަ އޭނާގެ ޖަވާބަކީ ތިމަންނަ އުޅެނީ ”ގާޑްން“ ނުވަތަ ބަގީޗާ އެއްގައި ކަމަށް ބުނެއެވެ.

މރ އޯ ބާޓަމް އަށް ކުރަމުން އައި ދަތުރު ތައް ކޮވިޑް 19 އާ ގުޅިގެން ހުއްޓާލަން ޖެހުނެވެ. އެހެން ނަމަވެސް ގަވާއިދުން ކޮންމެ މަހަކުވެސް 500 އެއްހާ ޑޮލަރު އޭނާގެ ފެމިލީ އަށް ފޮނުވަމުން ދާކަމަށް ވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ ފަހު ކޮޅު މރ އޯގެ ވާހަކަ ހާމަ ވުމުން އޭނާޔަށް އެހީ ވުމަށް ކުރެވުނު މަސައްކަތުން މިއަހަރު ފެބްރުއަރީ މަހު އޭނާޔަށް ވަނީ އެއްކޮޓަރީގެ އެޕާޓްމަންޓެއް ހޯދާދީފައެވެ. މިތަނުގައި އޭނާ އުޅެނީ އެހެން މީހަކާ އެކުގައެވެ. އެޕާޓްމަންޓްގައި ހުރި ގިނަ ފަތުނީޗަރާ ހިފާ ގެންގުޅޭ ސާމާނަކީ އެކި ފަރާތްތަކުން އެހީގެ ގޮތުގައި ދީފައިވާ ސާމާނެވެ. މިތަނުން އޭނާޔަށް އެންމެ ކަމުދިޔައެއްޗަކަށް ވީ ފެންހޫނު ކުރާ ޖަގު ކަމަށް ވެއެވެ.ކުރިން އޭނާގެ ވަލުތެރޭގެ ގެ ކައިރީގަ އޮންނަ ފެންގަޑަކުން ފެންވަރާ ހަދަން އާދަ ވެފައިވީ ނަމަވެސް އެޕާޓްމަންޓްގެ އިސްކުރުން އަންނަ ފެން މާފިނީ ކަމަށް އޭނާ ބުނެއެވެ. އަދި ޓީވީއެއް ލިބުމުން ވެސް އޭނާ ވަރަށް އުފާވި ކަމަށް ވެއެވެ.

އޭނަ އާ ގެޔަށް ބަދަލުވި ދުވަހަކީ ތިރީހަކަށް އަހަރުފަހުން، އެމީހުން ފާހަގަ ކުރާ ލޫނާ އަހަރު ގެ ފެށުން ސިންގަޕޯގަ ތިބި އާއިލާއާ އެކު ފާހަގަ ކުރި ފުރަތަމަ ފަހަރެވެ. މިދުވަހު ލިބުނު ކާއެއްޗެތި ގިނަ ކަމުންއޭނާ ހުރީ ވަރަށް އުފަލުންނެވެ.

މރ އޯ މިހާރު ޑްރައިވަރެއްގޮތުގަ މަސައްކަތް ކުރެއެވެ.އަދި ހަމަ އެއާ އެކު ތަރުކާރީ ހައްދާ ވިއްކައެވެ.އޭނާ އަދިވެސް ކުރިން އުޅުނު ތަނަށް ކޮންމެ ދުވަހަކު ދާކަމަށް ވެއެވެ. ފަތިހު 3 ޖަހާއިރު ހޭލައިގެން ވަޒީފާޔަށް ދިއުމުގެ ކުރިން އޭނާގެ ދަޑުގެ ހާލަތު ބަލާ ފެންދީ ހަދަން ދާކަމަށް ވެއެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް