ފެނުއަޑީގަ ފޮޓޯ ނެގުމަށް އެންމެ ކުޅަދާނަ ފަރާތެއް ހޮވުމަށް މިއަހަރު ބޭއްވި މުބާރާތް
ކާމިޔާބު ކުރި ފޮޓޮގްރާފަރުގެ ނަން އިއުލާން ކޮށްފި އެވެ. މިފަހަރުގެ މުބާރާތުން އެއްވަނަ ލިބިފައިވަނީ ސްޕެއިން އަށް ނިސްބަތްވާ ރަފައެލް ފަރނަންޑިސް ކަބަލިއެރޯ ދިވެހިރާއްޖޭގައި ނަގާފައިވާ ފޮޓޯ އަކަށެވެ. މިފޮޓޯގައި ފެންނަނީ ބިޔަ ވޭލް ޝާރކް ތަކެއް އެއްތާކަށް އެއްވެ ހަރަކާތްތެރިވަމުން ދާމަންޒަރެވެ. އެންކަރު ކޮށްފަ އޮތް ދޯންޏަކުން އެން ހިފުމަށްޓަކާ ކަޑަށް އަޅުވާފަ ހުންނަ ބޮކިއަލީގެ ތެރެއިން މި ބިޔަ މަސްތައް އެބުރި އުޅޭ މަންޒަރަކީ ވަރަށްވެސް އާދަޔާ ޚިލާފް މަންޒަރެކެވެ. އެސޮރުމެން ޖަމާވީ އެމުގެ ގޮތުގައި ބޭނުންކުރާ ކުދި މަހަށް ދަހިވެގެން ކަމަށް ބެލެވެއެވެ. އެއްވަނަ ހާސިލް ކުރި ފޮޓޮގްރާފަރ އޭރު އުޅުނީ ޝަރކް ނުވަތަ މިޔަރުގެ ދިރާސާތަކެއް ހެދުމަށް އުޅުނު މީހަކާ އެކުއެވެ. ދެމީހުން ފީނުމަށް ފަހު ބަލަން ތިއްބާ އެއް ޕޮއިންޓަކުން 11 ވޭލްޝާކް ފެނުމުން ތިބީ ވަރަށް އުފަލުންނެވެ. މިއީ ފެނިދާނެ ކަމަށް ކުރިން އެކަކުވެސް ހީނުކުރާ މަންޒަރެއް ކަމަށް ފޮޓޯގްރާފަރު ބުނެފައިވެއެވެ.
ރަފައެލް ފަރނަންޑިސް ކަބަލިއެރޯ އަށް އެއްވަނަ ލިބިފައިވަނީ 71 ގައުމަކުން ބައިވެރި ކުރި 4200 ފޮޓޯގެ ތެރެއިންނެވެ. އޭނާގެ ފޮޓޯގައި އަލި ބޭނުން ކޮށްފަ ހުރިލެއް ފުރިހަމަ ކަމުން ފަޑިޔާރުން ތައުރީފް ކޮށްފައި ވެއެވެ.
ފޮޓޯ ނެގުމަކީ އެކަން ކުރުމަށްޓަކާ އަލި ނުހަނު ބޭނުންވާ ކަމަކަށް ވާއިރު، ކަޑުގެ އަދިރި ލޮނުގަޑުގެތެރޭގަ މިފަދަ ބިޔަ ވޭލްޝަރކް ތަކެއްގެ މަންޒަރުތައް މިހާ ސާފުކޮން ރީތިކޮން ރިކޯޑް ކުރުމަކީ ހާސިލް ކުރެވުނު ވަރަށް މުހިންމު ކާމިޔާބެއް ކަމަށް ފަޑިޔާރުން ފާހަގަ ކޮށްފައިވެއެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭ ދަތުރު ކުރުން ހުއްޓިފަ އޮތުމުގެ ސަބަބުން ފޮޓޮގްރާފަރުން އެމީހުންގެ މަގްބޫލް މަންޒިލް ތަކަށް ދަތުރު ކުރުން މަދުވެފައި ވީނަމަވެސް އެމީހުންގެ ”ކްރިއޭޓިވް“ ވިސްނުން އަދިވެސް ވަރަށް ރަގަޅުކަމަށް ފަޑިޔާރުން ބުނެފައިވެއެވެ.
ފެނު އަޑީގެ މަންޒަރުތައް ފޮޓޯ ނެގުމުގެ މުބާރާތް ފުރަތަމަ ބާއްވާފައިވަނީ އިގިރޭސި ވިލާތުގައި 1965 ވަނަ އަހަރުއެވެ. މި މުބާރާތުގައި ކަޑުއަޑީގެ އިތުތުރުން ކޯރުތަކާ ސްވިމިންގ ޕޫލްގަ ނަގާ ފޮޓޯތައްވެސް ބައިވެރި ކުރެވެއެވެ.