މެލޭޝިއާގެ ކޮރަޕްޝަންގެ މައްސަލަތައް ވަނީ ކުރިޔާ އަޅައި ބަލާއިރު އަނެއްކާވެސް އިތުރުވެފައެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލުން 2021ވަނަ އަހަރު މެލޭޝިއާ ރޭންކްކޮށްފައިވަނީ ދުނިޔޭގެ ކޮރަޕްޝަން ލެޑަރުގެ 62 ވަނައިގައެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ 5 ލެވެލް ދަށް ވަނައެކެވެ.
ބުދަދުވަހު ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ޓްރާންސްޕޭރަންސީ އިންޓަނެޝަނަލުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި މެލޭޝިއާއަށް ލިބިފައިވަނީ 48 އެވެ. މިއީ 2012ވަނަ އަހަރުއްސުރެ 50އަށް ވުރެ ދަށުން މެލޭޝިއާއަށް ލިބުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ޓްރާންސްޕޭރަންސީ އިންޓަނޭޝަލުން 2012ވަނަ އަހަރުއްސުރެ ގައުމުތައް ރޭންކްކުރަން އައު ދިރާސާގެ ވައްތަރެއް ބޭނުންކުރުމާ ގުޅިގެން އޭގެ ކުރީ އަހަރުތަކުގެ ނަތީޖާއާ މިހާރުގެ ނަތީޖާ އެ ޖަމްއިއްޔާއަކުން އަޅައެއް ނުކިޔައެވެ.
ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި 100އަކީ ކޮރަޕްޝަން ނެތް ގައުމުތަކަށް ލިބޭ އަދަދެކެވެ. އަދި 0އަކީ ކޮރަޕްޝަން އެންމެ ބޮޑު ގައުމުތަކަށް ލިބޭ އަދަދެވެ.
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ މެލޭޝިއާ ގޮފީގެ ރައީސް، މުހައްމަދު މޯހާން ވަނީ ކޮރަޕްޝަނުގެ ލެވެލަށް ބަލާ ގައުމުތައް ރޭންކް ކުރުމަކީ އެ ގައުމުތަކުގެ ސަރުކާރުތަކުން ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ލިބިގެންދާނެ ހިތްވަރެއްކަމަށް ބުނެފައެވެ. އަދި ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ސަރުކާރުތަކަށް ހުށައަޅާފައިވާ އުސޫލުތަކާމެދު ފުންކޮށް ވިސްނުމަށްވެސް ރޭންކް ކުރުމުގެ ސަބަބުން ސަރުކާރުތަކަށް ހިތްވަރު ލިބިގެންދާނެކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުތަކުން ނާޅައިފިނަމަ ވެއްޓިދާނެ އަނދަވަޅަކުން އެރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށްވެސް މޯހާން ވަނީ ބުނެފައެވެ.
2020ވަނަ އަހަރު މެލޭޝިއާއަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. އަދި މެލޭޝިއާގެ ރޭންކަކީ 62 އެވެ. 2019ވަނަ މެލޭޝިއާ އޮތީ 53 ޕޮއިންޓާ އެކު 51 ވަނަ ރޭންކްގައެވެ. ކޮންމެ އަހަރަކުވެސް އިތުރު ގައުމުތަކެއް މި ލިސްޓަށް އެރުމާ ގުޅިގެން ރޭންކަށް ވުރެ ޕޮއިންޓަށް ބެލުން ބުއްދިވެރިކަމަށް މޯހާން ބުނެފައިވެއެވެ.
ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ މެލޭޝިއާގެ ބްރާންޗުން ބުނެފައިވާގޮތުގައި މެލޭޝިއާގެ ޕޮއިންޓްތައް މަދުވުމުގެ ސަބަބަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުން އަޅަމުން ދާ ފިޔަވަޅުތައް މަދުވުމެވެ. އިންސާނީ ހައްގުތަކަށް ޓަކައި ވެސް މެލޭޝިއާއިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށްވެސް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ މެލޭޝިއާގެ ބްރާންޗުން ހާމަކޮށްފައިވެއެވެ.
ޓްރާނސްޕޭރަންސީ އިންޓަނޭޝަނަލްއިން ވަނީ މެލޭޝިއާގެ ސަރުކާރުން ހުށައަޅާފައިވާ ފައިނޭންސިންގް ގާނޫނުތައް ފާސް ކުރުން އަވަސް ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އިންސްޓިޓިއުޝަނަލް ރިފޯރމްތައް އިތުރުކޮށް މުޖްތަމައަށް މުހިއްމު ކަންކަމުގައި އާއްމުންނަށް އެނގޭނެފަދައިން ކުރިޔަށް ގެންދިޔުމަށްވެސް އެމީހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ނެޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭން އަވަސް ގޮތަކަށް ގާއިމު ކުރުމަށްވެސް ޓްރާންސްޕޭރަންސީ އިންޓަނޭޝަލުން ވަނީ ގޮވާލާފައެވެ.