ހިތުގެ ބަލީގެ ޚާއްޞަ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންގެންދަވާ މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދުގެ ހާލުކޮޅު ރަނގަޅުކަމަށް މަހާތިރުގެ ދަރިކަނބަލުން މަރީނާ މަހާތިރު ވިދާޅުވެއްޖެއެވެ.
މިއީ އުމުރުފުޅުން 96 އަހަރުގެ މަހާތީރު ދެތިންހަފުތާ ތެރޭ ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނު ކުރެވުނު ތިންވަނަ ފަހަރެވެ.
ކުއަލަލާމްޕޫރުގައި ހުންނަ ނެޝަނަލް ހާޓް އިންސްޓިޓިއުޓްގައި ހޮނިހިރު ދުވަހު މަހާތީރު އެނދުމަތި ކުރެވުމާއެކު އެ ސަރަހައްދަށް ނޫސްވެރިން ވަނީ އެއްވެފައެވެ. އަދި މިހާރުގެ ބޮޑުވަޒީރު އިސްމާއިލް ސޮބްރީ ޔާގޫބް ވެސް ވަނީ މަހާތިރުގެ ހާލުކޮޅު ބައްލަވާލެއްވުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ.
މީޑިޔާއަށް ދެއްވި ބަޔާނެއްގައި މަހާތިރުގެ ދަރިކަނބަލުން ވިދާޅުވީ މަހާތިރު ގެންދަވަނީ މީގެ ދެހަފުތާ ކުރިން ހަމަ އެހޮސްޕިޓަލްގައި ހެއްދެވި ”ޕްރޮސީޖަރ“ އަކަށް ދޭންޖެހޭ
”ފޮލޯއަޕް“ ފަރުވާ ހޯއްދަވަމުން ކަމުގައެވެ. އަދި މިފަރުވާގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާ، ބައްޕާފުޅަށް ފުހިމަ ޝިފާ އަކަށް އެދި ދުއާ ކޮށް ދިނުމަށް އާންމުންގެ ކިބައިން އާއިލާއިން އެދޭކަމަށް މަރީނާ މަހާތީރު ވިދާޅުވިއެވެ.
މަހާތިރު މުޙައްމަދު ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި އެމަނިކުފާނަށް ވަނީ އެއްފަހަރަށް ވުރެ ގިނަފަހަރު ހާޓްއެޓެކް ޖެހި ބައިޕާސް ސަރޖަރީ ވެސް ހަދާފައެވެ.
ދެފަހަރު މަތިން 24 އަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވުމާއެކު މަހާތީރު މުޙައްމަދަކީ މެލޭޝިޔާގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒުގަދަ އެއްފަރާތެވެ.