ފާއިތުވި އަހަރު ދުނިޔޭގެ އެންމެ މުއްސަދި 500 މީހުންގެ ޖުމްލަ އާމުދަނީއަށް އިތުރަށް އެއްޓްރިލިއަން ޑޮލަރު ލިބި ބޮޑުތަނުން އެމީހުން މުއްސަނދި ވެއްޖެއެވެ.
ބްލޫމްބާރގްގެ ބިލިއަނަރ އިންޑެކްސް އާ ހަވާލާދީ ”ސީ އެން އެން ބިޒްނަސް“ އިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަދި މީހާކަމަށް ރިކޯޑްކުރެވިފައިވާ އެލޮން މަސްކް (ފޮޓޯ) އަށް އެކަނިވެސް ފާއިތުވި ބާރަ މަސް ދުވަހުގެ ތެރޭގައި 118 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.
ފާހަގަކޮށްލެވޭހާ ބޮޑަށް މުއްސަނދިކަން އިތުރުވި އެހެން ބިލިއަނަރުންގެ ތެރޭގައި ގޫގަލް ބަޑީސް ގެނަމުން މިހާރު މަޝްހޫރު ވެފައިވާ ލެރީ ޕޭޖް އާއި ސަރްގޭ ބްރިން އަދި ފޭސްބުކް ނުވަތަ މިހާރުގެ ނަމުން ނަމަ މެޓަ ޕްލެޓްފޯމްސްގެ އެއް ބާނީ މާރކް ޒަކަރބާގް ހިމެނެއެވެ.
ގޫގަލްސް ވިޔަފާރިން ލެރީ ޕޭޖް އަށް 47 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނިމުނު އަހަރު ލިބިފައިވާ އިރު ސަރގޭ ބްރިންއަށް 45 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.
މާރކް ޒަކަރބާގްއަށް މައްސަލަތަކަކާ ކުރިމަތިލާން ޖެހި ކުރިން ހީކުރެވުވަރަށް އާމްދަނީ ލިބިފައި ނުވިނަމަވެސް އޭނައަށް ވެސް 25 ބިލިއަން ޑޮލަރުގެ އިތުރު އާމްދަނީ ލިބިފައިވާ ކަމަށް ސީ އެން އެން ބިޒްނަސްގައި ބުނެފައިވެއެވެ.
އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި ފާއިތުވި އެއް އަހަރު ތެރޭ އިތުރު 150 މިލިއަން މީހުން ފަގީރު ކަމުގެ ހާލަތަށް ގޮސްފައިވާ ކަމަށް އދ އިން އަންދާޒާ ކޮށްފައިވެއެވެ.