އުތުރު ކޮރާއިން ބުދަ ދުވަހު ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭ އެއްޗެއް އެ ގައުމުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން ފޮނުވާފައި ވާކަމަށް ޖަޕާނާއި ދެކުނު ކޮރެއާއިން ބުނެފިއެވެ. ޖަޕާނާއި ދެކުނު ކޮރެއާއިން ހާމަކުރިގޮތުގައި މިއީ ނިއުކްލިއާ ހަތިޔާރު ގެންގުޅޭ އުތުރު ކޮރެއާއިން މި އާ އަހަރު އެމީހުންގެ ބާރު ދެއްކުމުގެ ގޮތުން ކުރި މިފަދަ ފުރަތަމަ ޓެސްޓެވެ.
މި ރޮކެޓް ފޮނުވާފައިވާކަން ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ ޖަޕާނު ކޯސްޓް ގާރޑުންނެވެ. އެމީހުން ބުނެފައިވާ ގޮތުގައި ބެލިސްޓިކް މިސައިލެއް ކަމަށް ލަފާ ކުރެވޭ އެއްޗެއް އުތުރު ކޮރެއާއިން ވަނީ ފޮނުވާފައެވެ. ނަމަވެސް އެއާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
”ފާއިތުވި އަހަރުއްސުރެ އުތުރު ކޮރެއާއިން ވަނީ ތަކުރާރުކޮށް މިސައިލް ފޮނުވާފައި.“ ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކުށިޑާ ވިދާޅުވިއެވެ.
ޖަޕާނުގެ ދިފާއީ ވަޒީރު ވިދާޅުވިގޮތުގައި އުތުރު ކޮރެއާއިން ފޮނުވި އެ މިސައިލް ވަނީ 500 ކިލޯމީޓަރު ދުރަށް ދަތުރުކުރުމަށް ފަހު ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ސަރަހައްދުގެ ބޭރަށް ވެއްޓިފަައެވެ.
ޖަޕާނުގެ ނޫސް އޭޖަންސީއެއް ކަމަށްވާ ޔުންހަޕް ނޫސް އޭޖަންސީއިން ހާމަކޮށްފައިވާ ގޮތުގައި އެ މިސައިލް ފޮނުވާފައި ވަނީ ޖަޕާނު ގަޑިން ހެނދުނު 8:10 ހާއިރު އުތުރު ކޮރެއާގެ އެއްގަމު ސަރަހައްދުގައި ހުރި ޕްލެޓްފޯމަކުންނެވެ.
އިތުރު މައުލޫމާތު ހޯދުމަށްޓަކައި އެމެރިކާއާ އެކު ދެކުނު ކޮރެއާ މަސައްކަތް ކުރަމުން ދާކަމަށް ޔުންހެޕް ނޫސް އޭޖަންސީއަށް ޖަޕާނުގެ ޖޮއިންޓް ޗީފް އޮފް ސްޓާފްއިން ފޮނުވި ނޯޓެއްގައި ބުނެފައިވެއެވެ.
އުތުރު ކޮރެއާއިން މިސައިލް ޓެސްޓްކޮށްފައި ވަނީ އެ ގައުމުގެ ރައީސް ކިންޖޮނގ އުން އެ ގައުމުން ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަން ދޭނެކަމަށް ވިދާޅުވެ ވާހަކަދައްކަވާފައިވާތާ މާ ގިނަ ދުވަސްތަކެއް ފާއިތު ނުވަނީހެވެ.
ފާއިތުވި އަހަރު ޕްޔޮންގްޔާންގްއިން ވަނީ ގިނަ އަދަދެއްގެ މިސައިލް ތަކެއް ޓެސްޓްކޮށްފައެވެ. އަދި އޮކްޓޯބަރުމަހު ސަބްމެރީން ލޯންޗްޑް ބެލިސްޓިކް މިސައިލެއްވެސް ވަނީ ޓެސްޓް ކޮށްފައެވެ.
އދ އިން އުތުރުކޮރެއާއަށް އަޅަފައިވާ ފިޔަވަޅުތަކުގެ ދަށުން އުތުރު ކޮރެއާއަށް ވަނީ ބެލިސްޓިކް މިސައިލް ޓެސްޓްކުރުން މަނާކޮށްފައެވެ.