އެއްމެދު އިމާރާތުގެ ބިލު ތަސްދީގު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

އެއްމެދު އިމާރާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް،  މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ ރާއްޖޭގައި ބިނާކުރާ އިމާރާތްތައް އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު އިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު އިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ވަކި ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތް މަގުފަހިކޮށްދީ، އެ ޔުނިޓުތައް މިލްކުވާނެ ގޮތްތައް ކަނޑައެޅުމާއި، އެއްމެދު އިމާރާތުގެ ބައިތަކުގައި ދިރިއުޅެ، އެ ތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުއާމަލާތްތައް ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުން ހިމެނެއެވެ.

އަދި އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރާ އިމާރާތުގެ ބިމާއި އާންމު ސަރަހައްދުތައް ބަލަހައްޓައި ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމާއި އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކުކުރާ ފަރާތްތަކަށް ލިބިދޭ ހައްގުތަކާއި، އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ހޯދައިދިނުމާއި، ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެމަތިން އެއްމެދު އިމާރާތްތަކާގުޅޭ މުއާމަލާތްތައްކޮށް، އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން ވެސް މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެއްމެދު އިމާރާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް