މާލެ ސިޓީގެ އިހުތިސާސްތެރޭގައި ހުރި ބިންތަކަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށާ ސަރުކާރުގެ ކުރުމަތީ ކުޑކަކޫ ނުޖަހާނެ ކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކައުންސިލުން ހިންގާ މަޝްރޫއުތައް ހިންގުމަށް ސަރުކާރުގެ އެއްބާރުލުނ ނުލިބޭ ކަމަށާ ކައުންސިލަށް އެއްބާރުލުން ނުދޭ މުއައްސަސާތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
”ކައުންސިލްގެ މަސައްކަތައް ހުރަސްއަޅާ އިދާރާތައް ޖަވާބުދާރީ ކުރާނަން. ފިޔަވަޅުވެސް އަޅާނަން. އަޅުގަނޑުމެން ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން،“ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހުޅުމާލެއަކީ ވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ބިމެއްކަމަށާ ނަމަވެސް ސަރުކާރުގެ އަމަލު ހުރިގޮތުން އެ ބިން މާލެ ސިޓީ ކައުންސިލާއި ހަވާލުކުރުމަށް މިހާރު ބޭނުން ނުވާކަމަށެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުސިޕަލް ހިދުމަތްތަކާއި އަދި އެނޫންކަންކަން ކުރުމުގެ ބާރު ވެސް ގާނޫނުން މާލެ ސިޓީ ކައުންސިލަށް ލިބިދީފައިވާކަމަށެވެ. އަދި ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ގާނޫނީ ޒިންމާ އަދާކުރުމަށް ކަމަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ނިންމާ ނިންމުތައް ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށް ތުހުމަތުކުރައްވައި މުއިއްޒު ވިދާޅުވީ އެއީ މާލެ ސިޓީގެ ރައްޔިތުންނަށް ހެޔޮއެދިގެން ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުން ދޭހަވަނީ މާލޭ ރައްޔިތުންގެ ތަރައްގީއަށް ސަރުކާރުން އެއްބާރުލުން ދޭނޭ ބޭނުން ނުވާ މިންވަރު ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އަމަލުކުރަނީ ބޭނުން އިރެއްގައި ކަމުގެ ތުހުމަތުވެސް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
“ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމްއަށް ލިބުމުން ލާމަރުކަޒީ ނިޒާމު އެއީ އޮތް އެއްޗެއް ނޫން. ސަރުކާރުން ބޭނުންވީމަ ލާޒަރުކަޒީ ގާނޫނަށް ކަންތައް ކުރަނީ،“ މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރާއި އެކުގައި މަސައްކަތް ކުރަން ކައުންސިލުން ތައްޔާރު ކަމަށާއި ނަމަވެސް ސަރުކާރުން ކައުންސިލްގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭނަމަ މާލޭ ރައްޔިތުންގެ ހައްގުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ދެމެދުގެ ގުޅުން ގޯސްވެފައިވަނިކޮށް މުއިއްޒު ނިސްބަތްވާ އިދިކޮޅު ފަރާތްތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވަން އުޅުނު ޖަލްސާއެއް ބޭއްވުމުގެ ހުއްދަ އެޗްޑީސީން ނުދިނުމާއި ގުޅިގެން އެ ދެ މުއައްސަސާގެ ދެމެދުގައި ގުޅުން ވަނީ ވަރަށް ބޮޑަށްހޫނުވެފައެވެ.
އަދި އެ ޖަލްސާގެ ހުއްދަ އެޗްޑީސީން ނުދިނުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ އިއްޔެ ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ.
މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ބިން އެޗްޑީސީއަށް ރަޖިސްޓްރީކޮށްފައިވަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެ ރަޖިސްޓަރީގެ ދަށުން ހުޅުމާލޭގެ ޕަބްލިކް އެއްވެސް ސަރަހައްދަކަށް އެޗްޑީސީގެ ބާރު ނުހިގާނެ ކަމަށާ އަދި ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް ރަޖިސްޓަރީގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމުގެ ތުހުމަތު ވެސް މުއިއްޒުވަނީ ކުރައްވާފައެވެ.
އެޗްޑީސީގެ މިލްކުގެ ދަށުގަވާ ހުޅުމާލެ ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޗްޑީސީން މިއަދު ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.